މަރުތަކަށް އިންޞާފު ނުލިބުނު ވާހަކަ އިތުރަށް ދައްކަން ސަރުކާރުން މިއަދު ލަދުވެތިވާންޖެހޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ރައީސް ސޯލިހްގެ ރިޔާސީ ބަޔާނަށް މިއަދު މަޖިލީހުގައި ރައްދު ދެއްވަމުންނެވެ.

ސަލީމް ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައީ މަރުތައް ވިއްކައިގެން ކަމަށެވެ. މަރުތަކަށް އިންޞާފު ލިބުން ލަސްވެއްޖެކަމަށް މިހާރު ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުން ކަމަށާއި ނަމަވެސް މަރުތަކަށް އިންޞާފު ހޯދާ، އެމަސައްކަތް ހަލުވި ކުރުމަށް މިސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ސަލީމް ވިދާޅުވިއެވެ.

"ރިޔާސީ ކޮމިޝަންތަކަކީ ސަރުކާރުގެ ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ރައްޔިތުންގެ ފައިސާއިން މުސާރަ ދިނުމަށް އުފައްދާފައިވާ ބޭކާރު ތަންތަންކަމަށް ވެއްޖެ. އެ ކޮމިޝަންތަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާ ކޮންމެ އަހަރަކު ޚަރަދުކުރާއިރު މަސައްކަތުގެ ނަތީޖާ ނުނެރެވޭތީވެ ކޮމިޝަންތައް އުވާލުމަށް ގޮވާލަން." ސަލީމް ވިދާޅުވިއެވެ.

މިއަހަރު މަޖިލިސް ހުޅުވުމަށް ފެބްރުއަރީ 03 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ކުރިން ހިނގައިދިޔަ މަރުތަކަށް އިންސާފު ހޯދުން އުންމީދު ކުރެއްވި ވަރަށް ވުރެ މާބޮޑު ތަން ލަސްކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ރައީސް ސޯލިހް އެދުވަހު ވިދާޅުވީ މަރުގެ މައްސަލަތައް ލަސްވެފައި ވަނީ "އެ ކަމުގައި ކުރަން ޖެހޭ މަސައްކަތާއި ފިލުވަން ޖެހޭ އޮޅުން ބޮޑު،" ކަމުންނެވެ.

މި މައްސަލަތަކުގެ ހަގީގަތް ހޯދައި ތަހުގީގު ހިންގަން ރައީސް އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންގޮސްފައި ވަނީ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލަ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"މިހާތަނަށް ކޮމިޝަންގެ ފަރާތުން 200 އަށް ވުރެ ގިނަ މީހުންނާއި ސުވާލުކޮށްފި، މި އަހަރުގެ މެދު ތެރޭގައި ތަހުގީގު އެއްކޮށް ނިންމައި ކޮމިޝަންގެ ހޯދުންތައް އަޅުގަނޑަށް ހުށަހަޅާނެ ކަމުގެ ޔަގީން ކަން ވަނީ ދެއްވާފައި،" އެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސާގިރު

    މަރުތައް މެރީ ތިޔަބައިމީހުންގެ ބާރު އޮތްދުވަސް ވަރުގައި، އެކަން ނުބަލާ ފަސްއޅަމުން ދިޔައީވެސް ހަމަ ތިބައިމީހުންގެ ސަރުކާރުގައި، މަރަށް މަރު ހިފަން ވާހަކަ ދައްކަން 5 އަހަރު ދިޔައީ.

    4
    10
  2. ހަނީފް

    އިންސާފު ހޯދައިދޭނަމޭ ބުނެ ވެރިކަމަށް އައި ފަރާތްތަކުން އަދާ ހަމައަށްވެސް އިސްސާފެއް ނުލިބުނެވެ. ލިޓަސްގެ ގަރާޖުތެރޭ ވީޑިއޯތައްވެސް ދައުރުވަމުންދާ އަނަސްގެ މަރުގެ ޤާތިލުން ކޮބައިހެއްޔެވެ؟ މީގެ 60 50 އަހަރުކުރުން ހިނގާ ނިމިފައިވާ ކަންކަމަށް އިންސާފު ހޯދޭނީ ކިހިނަކުންކަމެއް އަހަަންނަކަށް ނުވުސްނުނެވެ. އޭގެ ތެރެއިން ގިނަ މީހުން ދުނިޔޭގަވެސް ނެތެވެ. ތިބި ބަތަކުވެސް ތިބީ ދާންމަތު ނުވަތަ ތަންމަތިވެ ގައިބާރު ހުސްވެ ނުވަތަ ސިކުނޑު އުނިވެފައެވެ. ވީއރު މިކަމައިގެން އުޅުމަށްވުރެ ދާދި މިދާތަކަށް ދުވަހު މަރާލެވުނު ޑރ އފްރާޝީމާއި ރިލްވާނާ ޔާމިން ރަޝީދާ އަނަސްއާ ދެންވެސް އޭގެ އެހެންމަރުތަކުގެ ޤާތިލުން ހޯދައި މަރުގެ އަދަބު ތަންފީޒު ކުރަންވީނޫންތޯއެވެ.

    10
  3. ވިސްނާ

    މަރުތަކަށް އިންސާފުހޯދުމުގެ ނަމުގައިތޯ މަރުކޮމިޝަނެއްއުފެއްދީ އެކޮމިޝަނުގައި ހިމަނުއްވާފައިވަނީ އެކަމަށްގާބިލް ނުވަތަ ވަކިބަޔަކު ބަދުނާމުކުރުމަށްބޭނުންވެއްލެއްވި ފަރާތްތަކެއްތޯ ނޫނީ ބޭނުންވާގޮތަށް ވޯޓްގިނަކުރަން އެރުވި އަޑެއްތޯ މިސުވާލުތަކުގެ
    ޖަވާބުމިހާރު ލިބިއްޖެ އެއީ މަޤްސަދުހާސިލްނުވެ މަރުތަަކަށް އިންސާފު ނުލިބުނުވާހަކަ
    ދައްކަވާތީ ހަގީގަތުގައިވެސް މިވާހަކަދައްކަން ލަދުވެތިވާންޖެހޭ ވީމާ، އިންސާފުނުލިބުނު
    ކަންތަކަށް ރަށްޔިތުންގެ ފައިސާއިން ކުރިބޮޑުޚަަރަދު ރަށްޔިތުންނަށް އަނބުރާލިބޭންޖެހޭ
    މިކަމުގައި ޒިންމާވާނެފަރާތެއްވެސްވާނެ

  4. އަބްދޫ

    އެމަރުތައް ހިންގި މީހުން އިންސާފު ހޯދަން އުޅެނީ ވެސް ބޭނުންވަނީ އެމީހުންގެ ކިބައިން މަރުތައް ބަރީއަކޮށް އެހެންބައެއްގެ ބޮލަށް ބިންދާލުން .އެކަން ނުކުރެވިގެން ތެޅިފޮޅެނީ