ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެމްޑީޕީގެ ބައެއް މެންބަރުން ސަރުކާރަށް "ޖެއްސުން ކުރާ" ކަމަށް ކުރެވޭ ތުހުމަތު ވަޒީރުން ސާފުކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދެ ފެކްޝަންގެ ދެމެދު ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަރަށް ބޮޑަށް ހޫނުވެފައިވަނިކޮށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީކާއީލް ވިދާޅުވީ ސަރުކާރުގެ ބައެއް ވަޒީރުން ވެގެން އެމްޑީޕީގެ މެންބަރުންނަށް ކުރައްވާ ތުހުމަތަކީ ވަރަށް ކަންބޮޑުވާ ތުހުމަތެއް ކަމަށެވެ.

ސަރުކާރުން ހުށަހަޅާ ކޮންމެ ބިލަކާއި ގާނޫނުތައް އިސްލާހު ކުރަން ވެގެން ހުށަހަޅާ ކޮންމެ ބިލަކަށް ވެސް އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވާފައިވާ ކަމާއި، ސަރުކާރުން ހުށަހަޅާ ކޮންމެ ބަޖެޓެއް ވެސް ފާސްކުރަން އެމްޑީޕީގެ މެންބަރުން ހުރަސް އަޅާފައި ނުވާ ކަން މީކާއީލް ފާހަގަ ކުރެއްވިއެވެ.

ސަރުކާރުން އެދިގެން ދައުރުން ބޭރުގައި ވެސް ޖަލްސާތައް ބާއްވައިގެން ސަރުކާރުން އެދިފައިވާ އިސްލާހުތައް ގާނޫނުތަކަށް ގެނެސްދިން އިރު ވެސް ސަރުކާރަށް "ޖެއްސުން ކުރާ" ކަމުގެ ތުހުމަތު ބައެއް މެންބަރުންގެ ބޮލުގައި އަޅުވާތީ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީކާއީލް ގޮވާލެއްވީ، އެފަދަ ތުހުމަތުތައް އަޅުވާނަމަ، އެ ކަމެއް ކުރައްވާ މެންބަރުންތަކެއް ވެސް ސަރުކާރުގެ ވަޒީރުން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

"އެ އިލްޒާމު އަޅުވާ ކަމަށް ވާނަމަ، އެ ވަޒީރުންނަށް ކެރިވަޑައިގަންނަވަން ޖެހޭނެ މި ރައްޔިތުންގެ މަޖިލީހުން އެކަން ކުރައްވަނީ ކޮން މެންބަރުންނެއްކަން. އަދި ކުރައްވަނީ ކޮން މަސައްކަތެއްކަން ސާފުކޮށް ރައްޔިތުންނަށް ބުނެެދޭން އެބަ ޖެހޭ، ނުބުނެދެވޭނެ،" މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ރިޔާސީ ބަޔާން އިއްވަން މަޖިލީހަށް ވަޑައިގަންނަވާއިރު ފާހަގަ ކުރައްވަނީ މަޖިލީހުގެ މެންބަރުން ދެއްވާ އެއްބާރުލުން ކަމަށެވެ. ނަމަވެސް ކެބިނެޓުގެ ވަޒީރުން އެއާއި ޚިލާފަށް ކަންކަން އޮތް ކަމަށް ކުރައްވާ ތުހުމަތު ސާފު ވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ސަރުކާރުގެ ބައެއް ވަޒީރުން ތަކުރާރުކޮށް އަޅުގަނޑުމެންގެ ތެރެއިން ބަޔަކާއި އަމާޒުކޮށް ސަރުކާރަށް މި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޖެއްސުން ކުރާ ކަމަށް، ސަރުކާރު ހިންގަން އަޅުގަނޑުމެން އެހީތެރި ނުވާ ކަމަށް ވިދާޅުވާ ވިދާޅުވުމަކީ ހަގީގަތުގައި އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް،" -- މީކާއީލް

ދުވަސްތަކަކަށް ފަހު، އެމްޑީޕީގެ އެތެރެ އަނެއްކާ ވެސް ހޫނުވެފައި މި ވަނީ ޗެއާޕާސަންގެ އިންތިޚާބާއި ދިމާކޮށެވެ. މި އިންތިޚާބަށް ވެސް ދެ ފެކްޝަނުން ނުކުމެފައިވެއެވެ.

ރައީސް ސޯލިހްގެ ފެކްޝަންގެ ކެންޑިޑޭޓަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ކެންޑިޑޭޓަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަލްރީން

    ނަޝީދު އަދި އީވާ ޗާބީ ދީފަ ގެންގުޅޭ ކުޑަކުޑަ ޅަ ޕަޕެޓެއް މީކާއިލް އަކީ! އަމިއްލަ ސިކުނޑި ނިއްވާލާފަ ނަޝީދުގެ އަދި އީވާގެ ޗާލޫކީ ސިކުނޑިން ނަށަން ގެންގުޅޭ ބޯއިއެއް!

    11
    1
  2. ބާބޫ

    ކަލޯމެން ކެފަރާ ނަޝީދުގެ މީހުން މިފަހަރު ސާފުކޮށްލާނަން. އާ ޕާޓީއެއް ހެދިއްޔާ މާ ރަގަޅުވާނެ............ލާދީނީ ޕާޓީގެ ނަމުގަ..

    9
    1
  3. މުޖުތަބާ

    ރީލޯޑްކޮއި މި ކިޔަނީ ކީކޭބާ!!! އަންނިގެ ޕަޕެޓުން ކަރުތާފެނުގަ.! ޗާބީ ހުސްވަނީ! ޗާބީ ހުސްވަނީ!

    9
    1