ގައުމީ އިނާމާބެހޭ ކޮމިޓީގެ މުއްދަތު ހަމަވުމާގުޅިގެން އެ ކޮމިޓީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަލުން އެކުލަވައިލައްވައިފިއެވެ.

ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕާސަނަކަށް ރައީސް ހަމަޖެއްސެވީ، ކުރިންވެސް އެ މަގާމުގައި ހުންނެވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދެވެ.

ރައީސް އެ ކޮމިޓީއަށް އަލަށް އައްޔަނު ކުރެއްވި ބޭފުޅުންނަކީ

  • މުހައްމަދު އިސްމާއީލްފުޅު
  • އިބްރާހީމް ހުސައިން މަނިކް
  • ހަފީޡާ އިބްރާހީމް
  • އަހްމަދު ޝުޖާއު
  • އެބޭފުޅުންގެ އިތުރުން، އެ ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާއީލް އަލީއާއި، ރައީސް އޮފީހުގެ ސެކްރެޓަރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރާއި، ރަހީމާ އާދަމާއި، ހެންވޭރު އިރުވައި އާމިނަތު ނާޒެވެ.ސަރުކާރުން ދެމުން ގެންދާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ހެވާއި ލާބައަށްޓަކައި ވަކިވަކި ފަރުދުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މަދަނީ އެކިއެކި ޖަމްމިއްޔާ، ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ގައުމުގެ ތަރައްގީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ މަގްސަދުގައި ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ އިނާމެކެވެ.
  • ގައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.

މީގެ އިތުރުން، ގައުމީ އިނާމާބެހޭ ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރުމުގެ އިނާމަށް ހުށަހަޅުއްވާ ބޭފުޅުންގެ ހިދުމަތުގެ މައްޗަށް ބައްލަވައި، އިނާމު ދޭނެ ބޭފުޅުން ކަނޑައެޅުއްވުމުގެ މަސައްކަތް ވެސް ހިމެނެއެވެ.