ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އިހަވަންދިއްޕޮޅު އަތޮޅުގައި އާގުބޯޓު ފަހަރު ބަނދަރު ކުރެވޭ ގޮތަށް ބައިނަލް އަގްވާމީ ވިޔަފާރި ބަނދަރެއް ގާއިމް ކުރުމުގެ މަސައްކަތް އަވަސް ކުރަން ސަރުކާރަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ހުށަހެޅުއްވި ގަރާރު ދިރާސާކޮށް މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރީ 32 މެންބަރުންގެ ވޯޓުންނެވެ. އެ ރިޕޯޓް ފާސް ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓްގައި ތިން ހުށަހެޅުމެއް ވެއެވެ. މި ރިޕޯޓް މަޖިލީހުން ފާސްކުރުމުން ރިޕޯޓްގައި ހިމެނޭ ތިން ހުށަހެޅުން އިލްތިމާސެއްގެ ގޮތުގައި ނުވަތަ މަޖިލީހުގެ ލަފައެއްގެ ގޮތުގައި ސަރުކާރުގެ ކަމާއި ބެހޭ ވުޒާރާތަކަށް ފޮނުވާނެއެވެ.

ފުރަތަމަ ކަމަކަށް އޮތީ ޓްރާންޝިޕްމަންޓް ބަނދަރުގެ އިތުރަށް ބަންކަރިން ޚިދުމަތާއި ލޮޖިސްޓިކް ޕާކްއާއި ބައިނަލް އަގްވާމީ ޑެކްޔާޑްއަކާއި އާގުބޯޓު ފަހަރަށް މެރިޓައިމް ސެކިއުރިޓީ ދިނުމަށް ބޭނުންވާ ވަސީލަތްތައް ވެސް ގާއިމް ކުރުން އަވަސް ކުރުމަށެވެ. އޭގެ ތެރޭގައި ހަތިޔާރު ގުދަން ކުރުން ހިމެނޭނެއެވެ.

ދެވަނަ ކަމަކަށް އޮތީ އާގުބޯޓު ފަހަރަށް ބޭނުންވާ ސަޕްލައި އަދި ސެކުއިރިޓީ ޚިދުމަތްތަކާއި ފަޅުވެރިން ބަދަލު ކުރުން ފަދަ ޚިދުމަތްތައް ވެސް ބަނދަރުގައި ތަރައްގީ ކުރަން ގާނޫނާއި ގަވާއިދަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން އަވަސް ކުރުމަށެވެ.

ތިންވަނަ ކަމަކަށް އޮތީ އާގުބޯޓު ފަހަރުތަކަށް ބަނދަރުން ދެވޭ ޚިދުމަތަކީ ގާނޫނުތަކާއި ގަވާއިދުތަކާއި އެއް ގޮތަށް ދެވޭ ޚިދުމަތެއް ކަން ޔަގީން ކުރުމުގެ ގޮތުން މޮނިޓަރިންނާއި ކޮންޓްރޯލް އަދި ސަވެއިލަންސް ނިޒާމު ގާއިމް ކުރުމަށެވެ.

މެރިޓައިމް ސެކިއުރިޓީގެ ޚިދުމަތް ތައާރަފް ކުރަނީ ހަތިޔާރު ގުދަން ކުރެވޭ ގޮތަށް ކަމަށް ވިދާޅުވެ ޕީޕީއެމް ޕީއެންސީގެ މެންބަރުން މަޖިލީހުގައި ކަންބޮޑުވުން ފާޅު ކުރައްވަން ފެއްޓެވުން އެމްޑީޕީގެ މެންބަރުން ވަނީ އެ ގޮތަށް ކުރީގެ ސަރުކާރުން ކުންފުންޏަކާއި އެކު އެގްރިމެންޓް އެކުލަވާލާފައިވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބްދޫ

    ރާއްޖޭގެ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފު ކަންކަން ކުރަން މަޖިލީހުން ލަފާދޭ ބަޔަކާ ދެކޮލަށް ދައުވާކުރެވޭނެ ކަނަ ހަނދުމަފުޅު ބެހެއްޓެވުންއެދެން.

  2. ރަނާ

    އެއްބަސްވުމުގައި ހުރިކަންކަން މިހިރައަންނަނީ ތިލަވަމުން، އެހެންބައެއްގެ ބޮލުގައަޅުވަމުން، މީފިސާރިބައެއް، ރައްޔިތުންހޭލައިގެން މިކަމަށްތެދުވަންވެއްޖެ ވަގުތުފާއިތުނުވަނީސް.

  3. ލުޓޭރުންގެ ސަރުކާރު

    ދިވެހިންނަ މިހާރު މަދުވެގެންމިއުޅެނީ ހަތިޔާރުގުދަނެ ނެތިގެންތަ...ފު އް ހަނޑޫ ގުދަނެ ހަދާވާހަކަ ބުނިނަމަ ދިވެހިން އުފާވީސް... އިންޑިޔާ ސިފަ އިން މިތާތި އްބާ އަނެ އްކާ ހަތިޔާރު ގުދަނެހަދަން މިތެޅެނީ ކޯޗެހާވަން.. އަހަހެމެން ދިވެހިން މަރަން އަ އި ބަ އެ އްތަ މިކޯލިޝަން ސަރުކާރަކީ..މީކޮންފަދަ އުދަގުލެ..

  4. ހޭއަރާ

    މިހާރުދެން މިކަން ހަމައަކައް އަޅުވަން ގޭތެރޭނުތިބެ ނުކުންނަންޖެހޭ ހިސާބައްގޮއްސި މިހާރު ޔަޤީންވާކަމަކީ އެއެއްބަސްވުމުގަ ހުރި ކަންތައް ތައް ތަންފީޒުކުރަން މިސަރުކާރައް މަޖްބޫރުވާނެކަން ރައްޔިތުންނޭ ހޭއަރާ