މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރަކަށް ހުންނެވިއިރު އެ މިނިސްޓްރީގެ ކޮޓަރިއާއި އެތަނާއި ގުޅުވައިގެން ހަމަ އެޑިޒައިނާއި އެއްގޮތަށް ބްލޮކްބީ މަރާމާތު ކުރީ ހަރަދު ކުޑަކޮށް ކަމަށާއި އެކަމުގައި ގަވައިދާ ހިލާފުކަމެއް ކޮށްފައި ނުވާނެ ކަމަށް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މަލީހް މިހެން ވިދާޅުވީ މަލީހުގެ މިނިސްޓަރުކަމުގައި މިނިސްޓަރު އިންނަވާ ކޮޓަރިކޮޅު ތަފާތު ޑިޒައިނަކަށް މަރާމާތުކުރުމަށް 795،000ރ. ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވުމާއި ގުޅިގެން އޭނާއަށް ގިނަ ބައެއްގެ ފާޑު ކިއުންތައް އަމާޒުވުމުންނެވެ.

މަލީހް ވިދާޅުވީ އޭނާ އެމްޑީޕީގެ ދަޑިފަނުގެ ތަރައްގީ އާއި ދެކޮޅު ކަމަށާއި އޭނާ މިނިސްޓަރަކަށް ހުންނެވިއިރު މަރާމާތުކުރި އޮފީހަކީ ސަރުކާރުގެ އެހެން އޮފީސްތައް ނަމޫނާއަކަށް ބަލަން ކަމުދާގޮތަށް ހަރަދުކުޑަކޮށް ނިންމާފައިވާ ފުރިހަމަ އޮފީހެއް ކަމަށެވެ.

"މާލިއްޔަތު ގާނޫނާއި ހިލާފު އެއްވެސް ކަމެއް ނޯންނާނެ. ކުށަކަށްވީ ބޮޑުކުލީގައި ތަނެއް ކުއްޔަށް ހިފައިގެން ނުދިއުން. މިއީ ފޮރުވައިގެން ކުރި ކަމެއް ނޫން. ހާމަކަން ބޮޑުކޮށް ދެފުށް ފެންނަގޮތަށް ޤާނޫނީ އިމުގެ ތެރެއިން. 2019 ގެ އޯޑިޓް ރިޕޯޓް 2022ގައި ނެރުނީމަ އޯޑިޓް އޮފީސް ބޮއްސުންލައިފާވާ މިންވަރު ހާމަވޭ." މަލީހް ވިދާޅުވި އެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ކޮމިޔުނިކޭޝަން މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ގައި ބުނެފައި ވަނީ މިނިސްޓްރީ ހިންގާ އިމާރާތުގެ ބީ ބްލޮކް މަރާމާތުކުރުމަށް 795،000 ރުފިޔާއަށް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އަމިއްލަ ފަރާތަކާއި ހަވާލުކޮށް، އެމަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން މިމަސައްކަތްކުރިއިރު ފާހަގަކުރެވުނު ކަންކަން އޮޑިޓް ރިޕޯޓްގައި ހިމަނާފައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މިނިސްޓަރުގެ ކޮޓަރިކޮޅުގެ އިންޓީރިއަރ ޑިޒައިނެއް ތައްޔާރުކޮށް އެ ޑިޒައިނާއި އެއްގޮތަށް ބީ ބްލޮކް މަރާމާތުކުރުމަށް އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 25 ދުވަސްތެރޭ މަސައްކަތް ނިންމަންޖެހޭނެކަމަށް އެއްބަސްވުމުގައިވެއެވެ. މިމުއްދަތު ހަމަވާ ތާރީޚަކީ 10 އޮކްޓޯބަރ 2019 އެވެ.

ނަމަވެސް އެއްބަސްވުމުގައިވާ ތާރީޚަށް މަސައްކަތް ނިމިފައިނުވާއިރު މުއްދަތު އިތުރުކޮށްދިނުމަށް މަސައްކަތްކުރާ ފަރާތުން އެދިފައިވާކަން އެނގެން ނެތްކަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ. މަސައްކަތް ނިމިފައިވަނީ 5 އޮކްޓޯބަރ 2020 ގައިކަން ލިޔެކިޔުންތަކުން އެނގެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި އެގްރިމެންޓްކޮށްގެން ހަވާލުކުރާ މަސައްކަތް ލަސްވަމުންދާނަމަ އެލަސްވާ ލަސްވުން އެކަމެއް ހަވާލުކުރި ފަރާތަށް ލިބޭ ގެއްލުމުގެ އަގު ނުވަތަ ލިކުއިޑޭޓެޑް ޑެމޭޖަސް އެކަމެއް ހަވާލުވި ފަރާތުން ދޭންޖެހޭނެކަން ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ. އަދި ލަސްވުމުގެ އަގަށް ދޭންޖެހޭވަރު މުޅި ކޮންޓްރެކްޓްގެ އަގުގެ 15 އިންސައްތައަށްވުރެ ބޮޑުވެގެން ނުވާނެކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

މި މަސައްކަތް ކުރުމަށް ހަދާފައިވާ އެއްބަސްވުމުގައިވެސް އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގައި މަސައްކަތް ނުނިމި ލަސްވަމުންދާނަމަ މަސައްކަތް ނުނިމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު މަސައްކަތްކުރާ ފަރާތުން މަސައްކަތުގެ ވެރިފަރާތަށް ދައްކަންވާނެކަމަށް ބަޔާންކޮށްފައިވާކަން ވެސް އޮޑިޓަރ ޖެނެރަލް ފާހަގަ ކުރެއްވެވިއެވެ.

އެހެންނަމަވެސް އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ނިމިފައިނުވާއިރު މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތަށް ލަސްވުމުގެ އަގަށްވާ ޖުމްލަ 119،250 ރުފިޔާ އުނިކޮށްފައިނުވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ. މީގެއިތުރުން މިމައްސަލަ 10 ސެޕްޓެމްބަރ 2020 ވަނަ ދުވަހު އޮޑިޓަރުން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން މިނިސްޓްރީން ވަނީ ލިކިއުޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 9834 ރުފިޔާ އުނިކޮށްފައެވެ. ނަމަވެސް މިއަދަދަކީ ލިކުއެޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ހަގީގަތުގައި ދައްކަންޖެހޭ އަދަދު ނޫންކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވަނީ ކުރުވާ މަސައްކަތާއި ހޯދާ ޚިދުމަތުގެ ޖުމްލަ އަގު 250،000 ރުފިޔާއަށްވުރެ ބޮޑުނަމަ ހުށަހަޅާ ކޮންމެ ބިލަކުން ބިލުގެ ޖުމްލަ އަގުގެ 5 އިންސައްތަ ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރަންވާނެކަމަށެވެ. ނަމަވެސް މިމަސައްކަތާއި ގުޅިގެން ހުށަހަޅާފައިވާ ބިލްތަކަށް ފައިސާ ދައްކާފައިވާއިރު ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ރިޓެންޝަން ފައިސާ އުނިކޮށްފައިނުވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

މިނިސްޓަރުގެ ކޮޓަރިކޮޅު މަރާމާތުކުރުމުގެ މަސައްކަތް ހިނގަމުންދަނިކޮށް އެމަސައްކަތުގެ ސްކޯޕްގެ ތެރޭގައި ނުހިމެނޭ އިތުރު މަސައްކަތެއް އިއުލާނުނުކޮށް ހަމަ އެފަރާތާއި ހަވާލުކޮށްފައިވާ ކަމަށާއި އެމަސައްކަތް ހަވާލުކޮށްފައިވަނީ ފުރަތަމަ މަސައްކަތުގެ މުއްދަތު ހަމަވިފަހުންކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އިތުރު މަސައްކަތުގެ ގޮތުގައި މިނިސްޓަރުގެ ކޮޓަރިކޮޅުގައި ހުރިގޮތަށް ވޯކްވޭ ދެފަރާތުގައި ގުރޫ ކަނޑާ ފިލާޖެހުމުގެ މަސައްކަތް ޖުމްލަ 103،880 ރުފިޔާ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތަށް އާންމުކޮށް އިއުލާންނުކޮށްކަމުގައި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.