ޓެކްސް ނުދައްކާ ނަމަ ފިޔަވަޅު އަޅާ ބީދައިން، ރައްޔިތުންގެ ޓެކްސް ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތަކާ މެދުގައި ވެސް ގާނޫނީ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ގޮވާލައްވައިފިއެވެ.

މެންބަރު ނަސީމް އެގޮތަށް ވިދާޅުވީ ޓެކްސް ޒިންމާތައް އަދާނުކުރާ ވިޔަފާރިތަކާ ދެކޮޅަށް އަންމަ މަހުން ފެށިގެން އެންފޯސްމަންޓު ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން ހާމަ ކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ދައުލަތަށް ޓެކްސް ދެއްކުމުގެ ޒިންމާ އަދާ ނުކުރާ ފަރާތްތަކާއި މެދުގައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއިރު ދައުލަތަށް ލިބޭ ޓެކްސް ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފާނަމަ، އެ ކަންކުރާ ފަރާތްތަކަކާއި ދޭތެރޭގައި ވެސް ފިޔަވަޅު އެޅުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

"ޓެކްސް ނުދައްކާނަމަ ފިޔަވަޅު އަޅާ ބީދައިން، ރައްޔިތުންގެ ޓެކްސް ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ދައުލަތުގެ އިސްފަރާތްތަކާއި މެދުވެސް ފިޔަވަޅު އަޅަންޖެހޭނެ." ނަސީމް ވިދާޅުވިއެވެ.

ޓެކްސް ގާނޫނުގެ ދަށުން ލާޒިމުކުރާ ކަންކަން ފުރިހަމަ ނުކުރާ ވިޔަފާރިތަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުން ކޮވިޑާ ގުޅިގެން މަޑުޖައްސާލާފައި އޮތުމަށް ފަހުގައި އަނެއްކާވެސް އެ ގާނޫނަށް އަލުން ފިޔަވަޅު އެޅުމަށް މީރާއިން ވަނީ ނިންމާފައެވެ.

މިގޮތުން ޓެކްސް އިލްތިޒާމުތައް ފުރިހަމަ ނުކުރާ ވިޔަފާރިތަކާ ދެކޮޅަށް އަމަލު ކުރާނެ އާ އުސޫލެއް މިހާރު ވަނީ އެކުލަވާލާފައެވެ. އެ އުސޫލަކީ:

  • ޖޫރިމަނާ ލުއިކޮށްދިނުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު
  • އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އުސޫލު
  • ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކަ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު
  • ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބެންކް އެކައުންޓް ބެލުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު، އަދި
  • ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާ މެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    ތެކްސް ފައިސާއިން ގައިރުގަނޫނީ ހަރަދު ކުރާމީހުނަށް ފިޔަވަލު އަލަންނުޖެހޭތަ؟ ގާނޫނުއަސަސީގެ 97 ވަނަ މާްދާއާއި ހިލާފަށް އެ ހަރަދުތަކާއިބެހޭގޮތުން މަޖިލީހުނފާސްކޮށްފއިވާ ގާނޫނެއްނެތި ބަޖެޓްގަ ހިމަނައި މަޖިލީހަށް ހުށަހެޅުމާއި އެފައިސާ ހަރަދު ކުރުމަކީ ވެސް ގާނޫނުއަސަސީގެ 97 ވަނަ މާއްދާގަ ބުނާ އަމުރަށް ނުކިޔަމަންތެރިވުން. ވީމާ އެފަރާތަތަކުން އެތައް ބިލިއން ރުފިޔާ އެއް ދަވްލަތަށް ހޯދަންޖެހޭނެކަމަށްދެކެން.

  2. Anonymous

    ދިވެހިންނަށް ތީގެން ލިބެނީ ކޮން އެއްޗެއް