މި އަހަރުގެ ރޯދަ މަހާ ކުރިމަތިލާ އިރު، ދިވެހިންނަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލައި ދީނީ ގޮތުން އަދާކުރަން ޖެހޭ އަޅުކަންތައް ފުރިހަމަ ގޮތުގައި ކުރުމުގެ މަގު ތަނަވަސްވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލައި، ދިރިއުޅުމުގެ އާންމު ހާލަތަށް ރުޖޫއަވެ، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކޮށް، ދީނީ ގޮތުން އަދާކުރަން ޖެހޭ އެންމެހައި އަޅުކަންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް މަގު ތަނަސްވެފައިވުމަކީ ދިވެހިންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.

ރޯދަ މަހަކީ ރަހްމަތުން ފުރިގެންވާ މައްސަރަކަށްވީ އިރު، ދިވެހިން އެކަކަށް އޯގާތެރިކަން އިސްކޮށް، އިސްލާމީ އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް ދިރުވައި އާލާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި މައްސަރަކީ ފުއްސެވުމުގެ މޫސުމަކަށް ވީހިނދު، އަޅުގަނޑުމެންވެސް އެކަކު އަނެކަކަށް މައާފްކޮށް، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު، އެކަކު އަނެކަކާ މުއާމަލާތު ކުރުމުގެ ރީތި އާދަތައް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެކެވެ." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މިއީ ދިންނެވުމުގެ މޫސުމަކަށް ވީހިނދު، ދިވެހިން ވެސް އެކަކު އަނެކަކަށް އެހީތެރިވެ، އަނެކުންގެ ބުރަތަކާއި ދަތިތައް ފިލުވައިދީ، އިންސާނިއްޔަތުކަން އިސްކުރުމަކީ، މި މާތް މައްސަރުގެ ދަރުމަ އާއި ސަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރަމަޟާން މަހަކީ ކީރިތި ގުރްއާނުގެ ހިދާޔަތުން މުޅި އިންސާނިއްޔަތަށް އަލިކޮށްދިން މައްސަރު ކަމަށްވީތީ، މި ބަރަކާތްތެރި ދުވަސްތަކުގައި ގިނަގިނައިން ގުރްއާން ކިޔެވުމުގެ އާދަ ދިވެހިންގެ ކިބައިގައި ހަރުލައްވަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ދީނީ ވާޖިބުތައް ފުރިހަމައަށް އަދާކޮށް، ސުންނަތް އަޅުކަންތަކަށް ފަރުވާތެރިވެ، ރޭއަޅުކަމަށް ސަމާލުކަން ދިނުމުގައި ހީވާގިވުމަކީ އެހާމެ ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މި މާތް މައްސަރުގެ އެންމެހައި ނިޢުމަތްތަކާއި ދަރުމައާއި ސަވާބު، މުޅި އިސްލާމީ އުންމަތަށް މިންވަރު ކުރެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުއާ ދަންނަވަމެވެ. މި ފެށުނު ރަމަޟާން މަހުގެ ރޯދަ ފުރިހަމައަށް ހިފުމުގެ ހެޔޮ ތައުފީގު މިންވަރު ކުރައްވައި، މި މައްސަރުގައި ލައްވަވާފައިވާ ރަޙްމަތާއި ފުއްސެވުމާއި ދިންނެވުމުގެ ނަސީބުވެރިން ކަމުގައި އަޅަމެން އެންމެން ލައްވާށިއެވެ." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެހެންތަ

    އަޅުކަން އޅުކަމުގެ ގޮތުގަ ކުރާ ބަޔަކައް ދޯ.

  2. ފަހަރި

    މީނަޖީބުންކުރިހަރަދެއްތަ ކުރީވައްކަން ކުޑައެއްޗެއްނުން ދިރުވާލީ ވެންޓިލޭޓަރުތަކެއް މިވަރުބައެއްމީ އެމްޑީޕީން ބުނާނެ އަދިހާއްސަކޮއް ބުއްޅަބެ ބުނާނެ ރާއްޖޭގެ ފުލެޓްފުރަތަމައެޅީ އެމްޑީޕީސަރުކާރުންއޭނައޭ ތެދެއް ރާއްޖޭގަ ފުރަތަމަ ފުލެޓްއެޅީ ބުއްޅަގެ ވެރިކަމުގަ އިންޑިއާ ކުންފުނިތަކުން ބުއްޅަ އަދިއެމްޑީޕީ އުފަން ނުވަނީސް މާލެ އެކިސަރަހައްދުތަކުގަހުރޭ ފުލެޓް އެމްޑީފީއިން ބުއްޅަބެ ވެރިކަމަތް އާއިރު ހުޅުމާލޭގަ ދިރިއުޅޭ މީހުން ފުލެޓްތަކުގަ މިހާރުހުރި ރޯނުއެދުރު އެޅިފުލެޓެއް ރާއްޖެއަކުނެން ކޮއްމެކަމެއްގަ ވެސްކޮވިޑް ކަލޭނެތަސް މިރާއްޖޭގަތިބިރައްޔިތުން ސިއްހީދާއިރާގަ އުޅޭމީހުންތިކަން މެނޭޖްކުރާނެ ވޯޓްހޯދަން ވަދުފުއްދާބަލަ ދައުރުނިމުމުގެކުރިން ވައުދުވީ ދައުރުތެރޭކުރަން

  3. ސަމާސާނުކުރޭ

    އެހެން މަސްމަހު އަޅުކަން ކުރަން މަގުފަހިވެފައި ނުވޭތޯ؟

  4. މަލޫ

    އެހެން މަސްމަހުގަ އަޅުކަން ނުކޮށްތޯއުޅެނީ ؟

  5. އަލީ

    އެހެންމަސްމަހު ވައްކަން ރޯދަމަހުއަޅުކަން !!!! އިބިރިހިމާވީކިޔަވާއް އިބިރިހިމާބޮލެހިށީހޮއި..

  6. Anonymous

    އެހެން މަސްމަހު އަޅުކަންތައް ކުރުމަށް މަގު ބަންދުވެފަތަ އޮންނަނީ؟

  7. ބަކުރު

    ރޯދަމަހު ލިބޭނެ އެންމެބޮޑު ހިތްހަމަޖެހުމަކީ ސޯލިހުވެރިކަމުން ފޭބުން ސޯލިހުވެރިކަމުގަ ހުރެގެން އަނގަޔާ އަތާ ދިމަލެއްނުވޭ ...