ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

"ވަގުތުން" މި ރޯދަ މަހު ކުރިޔަށް ގެންދާ "ވަގުތު މައިޒާން" ޕްރޮގްރާމްގައި އަމާޒުކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ނަރީޝް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވުމަކީ އޭނާގެ ހުވަފެނެއް ކަމަށާއި އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް ކުރައްވާނެ ކަމަށެވެ.

ނަރީޝް ވިދާޅުވީ ސިޔާސީ ދާއިރާގައި މަސައްކަތް ކުރެއްވި ނަމަވެސް ވަޒީރުކަން ކުރެއްވުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭނާގެ ނެތް ކަމަށެވެ. ނަމަވެސް މަޖިލީހަށް ވާދަކުރެެއްވުމުގެ ހިޔާލާއި ވިސްނުން މިހާރު ވެސް ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަޒީރަކަށް އަޅުގަނޑު ފުރުސަތު ލިބުނަސް ހުންނާނެ ހެނެއް ހިޔެއް ނުވޭ އެނގޭތޯ. ރައްޔިތުންގެ މަޖިލީހަށް ވާދަކުރާނަން އިރާދަކުރެއްވިއްޔާ. އެއީ އަޅުގަނޑުގެ ހުވަފެނެއް ވެސް މެ، އެއަށް މަސައްކަތް ވެސް އަޅުގަނޑު ކުރަމުން މިދަނީ." ނަރީޝް ވިދާޅުވިއެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރެއްވި ނަމަވެސް ވާދަކުރައްވާނީ ކޮން ދާއިރާއަކަށްތޯ އަދި ނިންމާފައިނުވާ ކަމަށާއި އެ ނިންމުން ނިންމަން އަދި މާ އަވަސް ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.

ނަމަވެސް އިންތިހާބު އައުމުގެ ކުރީގައި އެކަންކަމަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ އަބަދުވެސް ރައްޔިތުންނަށާއި ގައުމަށް ހިދުމަތް ކުރައްވަން ބޭނުންވާ ކަމަށާއި އެހެންކަމުން ރައްޔިތުންނަށް ހިދުމަތް ކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ވެސް އެންމެ ހެޔޮ ގޮތުގައި ހިފޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަކީ ރައްޔިތުންނަށް ހިދުމަތް ކޮށްދޭ ހިތްވާ މީހެއް. އަޅުގަނޑަކީ ގައުމަށް ހިދުމަތް ކޮށްދޭހިތްވާ މީހެއް. ރައްޔިތުންނަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނަން." ނަރީޝް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 13ވގ

    އެހެންވެގެންތާ ސިފައިން ގޭގަނޫޅެވުނީ ތީ ވަގެއް ވައްކައްކުރާހިތުން ތިއޫޅެނީ އެހެންކަމަކުނޫން

    5
    3
  2. މާހުރެޔާ

    މިދެން ކާކު ވާދަ ކުރަން ، ތިއަށް ވުރެ ބުޅަލެެއް ވެސް މާރަނގަޅުވާނެ ،

    5
    4
  3. އައްނި

    ނަރީޝް ބަރާބަރު މީހެއް މަޖިލީހައް ހޮވަން ކެރޭނެ ކުރާނެ ގަޓުހުންނާނެ ވާހަހަ ދެއްހޭނެ

    2
    1