ރައްޔިތުންގެ މަޖިލީހުގެ އާކައިވްގައި ހުރި ދުވަސްވީ ފޮތާއި ކަރުދާސްތައް ގިނަ ދުވަހަށް ދެމެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

މަޖިލީހުން އެ މަސައްކަތް ފަށާފައިވާ އިރު ކުރީގެ ލިޔުންތަކުގެ ކަރުދާސްތައް ދޮވެ ސާފުކުރުމަށް ފަހު ވަކި ހާއްސަ "ޖަޕަނީޒް ޓިޝޫ" އެއް ތަތްކޮށް ލިޔެކުންތައް "ރީސްޓޯ" ކުރަން މަސައްކަތް ވަނީ ފަށައިފައެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ އެހާ ގިނަ ދުވަސްވީ ގިނަ ލިޔުންތަކެއް ނެތް ކަމަށާއި އޭގެ ތެރެއިން ބައެއް ކަރުދާސްތައް ރޫޅާލުމަށް ފަހު އަލުން ރިބައިންޑިން ހެދޭނެ ކަމަށެވެ.

މަޖިލީހުން ބުނީ މިއީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ނުކުރެވި އޮތް ކަމެއް ކަމަށާއި އަދި މި މަސައްކަތް ފެށީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމަކަށް ކަމަށެވެ.

މަޖިލީހުން ބުނީ އެ މަސައްކަތް ކުރުމަށް މަޖިލީހުގެ ސްޓާފުންނަށް ޓްރެއިން ވެސް ދީފައިވާ ކަމަށާއި އަދި މުސްތަގުބަލުގައި ނެޝަނަލް އާކައިވްގެ މަސައްކަތް ކުރާ ބޭފުޅުންނަށް ވެސް އެކަމާ ގުޅޭ ޓްރެއިނިންތައް ދޭން ބޭނުންވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީސް އުފެއްދީ 1931 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު