އެމެރިކާގެ ރައީސްކަމުގައި މިހާރު ހުންނެވި ނަމަ ރަޝިއާގެ ރައީސް ވުލަޑިމިއާ ޕުޓިންއަށް "ނިއުކުލިއާ" ބަސް ވިދާޅުނުވެވޭ ވަރު ކުރައްވާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ ޓޯކް ޓީވީން ގެނެސްދިން "ޕިއާސް މޯގަން އަންސެންސާޑް" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ޓްރަމްޕް ވިދާޅުވީ ޕުޓިން "ނިއުކުލިއާ' ބަސް ބޭނުންކުރައްވަމުން ގެންދަވަނީ މާ ގިނައިން ކަމަށާއި އެގޮތަށް އެކަން ކުރައްވައިގެން ނުވާނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ "ނިއުކުލިއާ' ބަސް ޕުޓިން މާ ގިނައިން ބޭނުން ކުރައްވަމުން ދާތީ ގިނަ ބަޔަކަށް ބިރުވެރިކަން ލިބޭ ކަމަށާއި އަދި މީހުން ބިރު ގަންނަވަރަކަށް ޕުޓިން އަދި އިތުރަށް އެ ބަސް ބޭނުންކުރައްވާ ކަމަށެވެ.

ޕުޓިން "ނިއުކުލިއާ" ބަސް ތަކުރާރު ވަމުންދާ އިރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ރައްދު ނުދެއްވާތީ ވެސް ޓްރަމްޕް ފާޑު ވިދާޅުވި އެވެ.

"އަޅުގަނޑު ނަމަ ދަންނަވާން. ރަޝިއާއަށް ވުރެ އަޅުގަނޑުމެންގެ އަތުގައި މާ ގިނަ ނިއުކުލިއާ ހަތިޔާރު އެބަހުއްޓޭ. މާ ވަރުގަދަވާނެ އޭ. އެ ހަތިޔާރުތައް ވެސް. އަދި "ނިއުކުލިއާ" ބަސް ދެން އެއްގޮތަކަށް ވެސް ބޭނުމެއް ނުކުރެވޭނެ އޭ" ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ އަތުގައި މާ ގިނައިން ނިއުކުލިއާ ހަތިޔާރު ހުރި ކަަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް ގިނަ މަސްދަރުތަކުން ބުނާ ގޮތުން ރަޝިއާގެ އަތުގައި ހުރި ނިއުކުލިއާ ހަތިޔާތުތައް އެމެރިކާއަށް ވުރެ ގިނަ އެވެ.

ރަޝިއާ އިން ޔުކްރޭނަށް އަރައި ހަނގުރާމަ ކުރަމުންދާއިރު ނިއުކުލިއާ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ. ޔުކްރޭންގެ ހަނގުރާމަ ފައްޓަވަމުން ޕުޓިން ވިދާޅުވީ ރަޝިއާ ދިމާކޮށްލާ ފަރާތްތަކަށް ތާރީހުގައި ވެސް ނުދެކޭ ފަދަ ބޮޑު މުސީބާތަކާ ކުރިމަތިވާނެ ކަމަށެވެ.