މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލުމަށް ހަދާ "ތިލަމާލެ ބްރިޖު"ގެ މަސައްކަތް ކުރިއަށްދާ ސައިޓަށް އިންޑިއާގެ އިސް ވަފްދަކުން އިއްޔެ ޒިޔާރަތްކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން "ވަގުތަށް" މިއަދު ވިދާޅުވީ އެ ވަފްދުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އެ ބޭފުޅުން ބްރިޖުގެ މަސައްކަތް ހިނގާ ސަރަހައްދަށް ވަޑައިގެން، އެ މަޝްރޫއު ކުރިއަށްދާ ގޮތް އޮޅުން ފިލުއްވި ކަމަށް ވެސް ޖިނާން ވިދާޅުވިއެވެ.

މި ވަފްދުގައި އިސްކޮށް ހުންނެވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޕްރަބާތު ކުމާރެވެ. އޭނާއާއެކު، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ އިންޑިއާގެ އިސް ވަފްދެއް ބްރިޖު ސައިޓަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ. ބްރިޖު އަޅަނީ އެކަމުގެ ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށްވާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއިންނެވެ.

ބްރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން މައިގަނޑު ގޮތެއްގައި މިހާރު ކުރިއަށް ދަނީ ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތެވެ. މާލޭގެ ސައިޓް ސެޓަޕާއި ގުޅީފަޅު ޔާޑްގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ބްރިޖްގެ މުހިންމު ސާވޭއަށް މާލެއާއި ވިލިމާލޭގެ ކަނޑުއޮޅިތަކުގައި ޕްލެޓްފޯމްތައް ޖަހާ އަންނަނީ ބޯހޯލް ތޮރުފުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ބްރިޖު އެޅުމުގެ ކުރިން ހިނގާ އެންމެ ބޮޑު އެއް މަސައްކަތެވެ.

މާލެ އިން ގުޅީފަޅަށް ބްރިޖު ގުޅާލުމަށް އަމާޒު ހިފާފައި އޮތީ އަންނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި ގުޅީފަޅުން ފެށިގެން ތިލަފުއްޓަށް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވަނީ 2024 ގެ މެއިމަހުގެ ނިޔަލަށެވެ.

ތިލަމާލެ ބްރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން 6.47 ކިލޯ މީޓަރުގެ ދިގު ބްރިޖު އަދި ކޯޒްވޭއަކުން މާލެ އާއި ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ.

ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖުތަކުގައި 140 މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ވެސް ހިމެނޭނެއެވެ.

ޓްރެފިކް ލައިޓާއެކު މި ބްރިޖު ފުރިހަމަ ކުރާ އިރު، ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެއެވެ. އަދި ސޯލާރ ޕެނަލްސް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ވެސް ހިމެނޭ ގޮތަށް ބްރިޖު އެޅުން ކުރިއަށްދާ އިރު، މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަބްދޫ

    މިމަސައްކަތަށް 1200 މިލިއަނެއްހާ ޑޮލަރު ހަރަދުވާނެ އެގްރީމެންޓް ފޮރުވީ އެގހެންވެ.

    16
    2
    • ޙައްގުބަސް

      މިއޮތީވާ ސަރުކާރެއް އީސީ ޝަރީފްގެ އެހީއާއެކު މިރާއްޖެއަށް ގެނަސްފަ!! ހުރިހާކަމެއް ރައްޔިތުންނަށް ފޮރުވަމުންދާ ސަރުކަރެއް މިނޫނީ މިރާއްޖޭގައި ވެރިކަން ކޮށްފަ ނެތް!! އެގްރިމަންޓެއް ހެދިއްޔާ އެވެސް ހާމަކުރަން ދެކޮޅުހަދާ ފޮރުވަނީ!! ބީލަންގެ އުސޫލުންނޭ ބުނެ ރިސޯޓް ތަރައްގީކުރަން ބަޔަކަށް ރަށެއް ދިނަސް އެކަންވެސް ހާމަކުރަން ދެކޮޅުހަދާ ފޮރުވަނީ!! ގައުމުން ބޭރަށް ބޮޑެތި ވަފުދުތައް ހަދައިގެންގޮސް ދައުލަތުގެ މަލިއްޔާއިން ކުރާ ޚަރަދުތައްވެސް ހާމަކުރަން ދެކޮޅުހަދާ އެމަޢުލޫމާތުތައްވެސް ފޮރުވަނީ!! މިކަންކަން ހާމަނުކޮށް ސަރުކާރުން ފޮރުވަނީ މިކަމުގައި އެތައްބައިވަރު ގޯސްތައް ހަދާފަހުރީމަ!! އިންޑިޔާއާއެކު ހަދާފައިވާ އެގްރިމަންޓްތައް ހާމަނުކޮށް ފޮރުވަނީ އެއެގްރިމަންޓްތަކަކީ ގައުމީ ސަލާމަތައް އަދި ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާގޮތަށް ގާނޫނުއަސާސީއާއި ޚިލާފަށް ވެފައިހުރި އެގްރިމަންޓްތަކަކަށްވާތީ!! ރިސޯޓްހަދަން ދީފައިވާ ރައްތައް ދީފައިވަނީ މޭޒުދަށުން ގޯސްތައް ހަދާ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ދީފައިވާތީ!! ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުޔަކުގެ ޚަރަދާ ބައިވެރިވި ވަފުދުގެ ނަންތައް ހާމަނުކުރަނީ ކަމާނުގުޅޭ އެތައް ބަޔަކު ގޮވައިގެން ދަތުރުތައްކޮށް މާލިއްޔާގެ ގާނޫނުތަކާ ޚިލާފް ޚަރަދުތައް ކޮށްފައިވާތީ!! މިފެންނަނީ ނާގާބިލް ސަރުކާރަކުން ގައުމަށާ ރައްޔިތުންނަށް ގެއްލުންދެމުންދާތަން!! މިކަންކަން މިގޮތަށްކުރުން ހުއްޓުވަންޖެހޭ އަދި ހާމަވެސް ކުރަންޖެހޭ!!

      22
  2. އަލީ

    ބަލަން ހާދަ ކަމެއް އެބަ އޮތޭތިތާންގަ!!

    19
  3. ސަންކޯ

    ތިޔަ ބުރިޖް އަޅާމީހުނާ އެމީހުންގެ އާއިލާތައް ދާއިމީގޮތަކައް އެސަރަހައްދުގައި ވަޒްންވެރިވާނެ.
    އެ ބުރިޖްގެ މެއިންޓަނަންސް އެމީހުންގެ އިރުސާދުގެ ދަށުން އެމީހުންގެ ދަރީންނާއި ދަރިންގެ ދަރިދަރިކޮޅައް ދެމިގެންދާނެ،
    ހަމަ ހެލިކޮޕްޓަރ ދުއްވާށާ އެކިއެކި އޭގެ ކަންކަމައް ގެނައި މީހުންގޮތައް.
    އެންމެފަހުން މިބިމުން ފައިބާން ޖެހޭނެބަޔަކީ ދިވެހިންނޭ މިކިޔާ ޤައުމެއް ޤައުމިއްޔަތެއްނެތްމީހުން…

    25
  4. ރަށުން

    ތިޔަތަން ހެދޭނެކަމަކަށް ނުފ ފެނެއެވެ ލަ ފާކުރެވެނީ ކޮންމެސް
    ވަރެއްގެ މަސައްކަތެއް ކޮށް ފައިމެ މަޑުޖެހި ފައި ޒަމާންތަކަކަށް
    އޮތުމެވެ ދެން ސަރުކާރުތައް ބަދަލުވަމުންގޮސް، ބުރިޖު
    މަސްރޫޢު ބާތިލް ކޮށް، އެހާ ހިސާބަށް ކުރި މަސައްކަތަށް
    އަގު ދޭންޖެހުމެވެ މާޒީގައި ކަން ހިނގާ ފައި ވަނީ މި
    ބީދައިންނެވެ.

  5. ދިރާސާ

    އިންޑިޔާގެ ދަތިހާލުގައި މީހުން ދުރިއުޅޭ ސަރަހައްދުތަކަށް ޒިޔަރާތް ކޮށް އެސަރަހައްދު ތަކުގެ އަސާސީ ހިދުމަތްތައް ޤާއިމު ކޮށްދީބަލަ ، ކީއްކުރަންތަ ރާއްޖެއަށް މާ ކަންތައްތައް ކޮށްދޭން ތިއުޅެނީ.. ހަމަބުއްދި ސިކުނޑި ހުރި މީހެއް ވިއްޔާ މި ވާނުވާ އެނގެން ޖެހޭ.. ގައުމުގެ މިނިވަންކަން ދިޔުމުގެ ކުރިން ފިޔަވަޅު އަޅާ..