ގދ. ތިނަދޫއަށް އުފަން، ޕީއެސްއެމް ކުޅިވަރު ޓީމުގެ ކުޅަދާނަ ނޫސްވެރިޔާ ސާއިދު އަހުމަދު ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަނަށް ރާއްޖެއިން ބޭރަށް ފުރައިފިއެވެ.

ސާއިދުގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަން އެނގުނީ އިންފެކްޝަނެއް އުފެދިގެން ޑޮކްޓަރަށް ދެއްކުމުން 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ. އޭގެ ފަހުން އިންޑިއާ އިން ވެސް ފަރުވާ ހޯދާފައިވާ ސާއިދު އަންނަނީ ދެ ދުވަހުން އެއް ދުވަހު ރާއްޖޭގައި ޑައިލަސިސް ހަދަމުންނެވެ.

ސާއިދު އެ ކެކުޅުގައި ތިން އަހަރު ގުނާފައިވާއިރު، އޭނާއަށް ކިޑްނީއެއް ހަދިޔާ ކުރާނެ ފަރާތެއް ވަނީ ލިބިފައެވެ. އަދި މިއަދުގެ ވަގުތެއްގައި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ވަނީ ސްރީލަންކާއަށް ފުރާފައެވެ.

އޭނާ ދަތުރަށް ފުރުމުގެ ކުރިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ އާއި އޭނާގެ ޑޯނަރަށް ހެޔޮ ދުޢާ ކޮށްދިނުމަށް އެެދޭ ކަމަށެވެ.

"މިކަމަށް މާލީ އެޙީތެރިކަމެއް ދެވެން ނެތަސް ހެޔޮ ދުއާއަކީ ވެސް ދެވޭ ވަރަށް ބޮޑު ހަދިޔާއެކެވެ. އަޅުގަނޑުގެ އުންމީދަކީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްފަހު ގަދަވެ ސަލާމަތުން ތިޔަ އެކުވެރިންނާއި ބައްދަލުވުމެވެ". އޭނާ ފޭސްބުކްގައި ލިޔުނު ޕޯސްޓްގައި ވެއެވެ.

އޭނާގެ ޕޯސްޓްގައި ވަނީ ކުރީގެ ދިރިއުޅުމަށް އެނބުރި ރުޖޫއަވުމަކީވެސް އުއްމީދެއް ކަމަށެވެ.

"މިއަދު މި ފުރީ ތިޔަ އެކުވެރިންނާއި ވަރަށް ދުރަށެވެ. ހާލަތު މަޖުބޫރު ކުރީއެވެ. ވަކިވެލަން ތަގުދީރު އެދުނީއެވެ. ނަމަވެސް އަބަދުވެސް ތިޔަ އެކުވެރިންގެ ހަނދާންތައް އަޅުގަނޑާއިއެކު ވާނެއެވެ. އެންމެދެކެވެސް ވަރަށް ލޯބިވެއެވެ". އޭނާގެ ފޭސްބުކް ޕޯސްޓްގައި ވެއެވެ.

ސަންއެފްއެމް އިން 2009 ގައި ނޫސްވެރިކަމުގެ ދާއިރާ އަށް ނުކުތް ސާއިދު ޕީއެސްއެމްއާ ގުޅުނީ 2015 ގަ އެވެ. ފުޓްބޯޅަ ކޮމެންޓްރީ ދިނުމުގެ އިތުރުން އޭނާ އަންނަނީ ކުޅިވަރު ޕްރޮގްރާމްތައް ޕްރޮޑިއުސްކޮށް ޕްރެޒެންޓް ވެސް ކުރަމުންނެވެ.