ގދ. ތިނަދޫއަށް އުފަން، ޕީއެސްއެމް ކުޅިވަރު ޓީމުގެ ކުޅަދާނަ ނޫސްވެރިޔާ ސާއިދު އަހުމަދު ކިޑްނީ ބަދަލު ކުރެވޭނެ ކަމުގެ ފޮނި އުންމީދާ އެކުގައި ސްރީ ލަންކާއަށް ފުރީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ލަންކާގައި ހަ މަސް ދުވަސް ހޭދަކުރުމަށްފަހު ސާއިދު އަބުރާ ރާއްޖެއަށް އައީ އެ ހުވަފެން ކާމިޔާބު ނުވުމުން، "ހުސް އަތާ" އެވެ.

ސާއިދުގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަން އެނގުނީ އިންފެކްޝަނެއް އުފެދިގެން ޑޮކްޓަރަށް ދެއްކުމުން 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ. އޭގެ ފަހުން އިންޑިއާ އިން ވެސް ފަރުވާ ހޯދާފައިވާ ސާއިދު އަންނަނީ ދެ ދުވަހުން އެއް ދުވަހު ޑައިލަސިސް ހަދަމުންނެވެ.

ސާއިދު އެ ކެކުޅުގައި ތިން އަހަރު ގުނާފައިވާއިރު، އޭނާއަށް ކިޑްނީއެއް ހަދިޔާ ކުރާނެ ފަރާތެއް ލިބުމުން ލަންކާއަށް ދިޔަ އެވެ. ނަމަވެސް ލަންކާއަށް ގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހުން ލިބުނީ މާޔޫސް ކުރުވަނިވި ހަބަރެކެވެ.

ސާއިދު
ސާއިދު

އޮޕަރޭޝަން ނުކުރެވުނީ ލަންކާގެ ގަވައިދުގެ ސަބަބުން!

އޮޕަރޭޝަން ނުކުރެވޭނެ ކަމަށް ލަންކާގެ ހޮސްޕިޓަލުން އެންގުމާއެކި ސާއިދު ރޭ ވަނީ ރާއްޖެއަށް އަނބުރާ އައިސްފަ އެވެ.

މިއަދު "ވަގުތަށް" ވާހަކަދައްކަމުން ސާއިދު ބުނީ ލަންކާއަށް ކިޑްނީ ބަދަލު ކުރަން ދިޔައީ އެކަންވާނެ ކަމުގެ ޔަގީންކަން ލަންކާގެ ހޮސްޕިޓަލުން ދިނުމުން ކަމަށެވެ. ނަމަވެސް އެތަނަށް ގޮސް ހަ މަސް ދުވަހު މަޑު ކުރުމަށް ފަހު އެކަން ނުވާނެ ކަމަށް ހޮސްޕިޓަލުން އެންގި ކަމަށް އޭނާ ބުންޏެވެ.

އެކަން ނުކުރެވޭނެ ކަމަށް ހޮސްޕިޓަލުން އެންގީ ލަންކާ ނޫން މީހުން ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމުގެ ގަވައިދު ރިވިއު ކުރުމަށް، އެ ގައުމުގެ ސަރުކާރުން ވަގުތީ ގޮތުން މަޑު ޖައްސާލާފައި އޮތުމުގެ ސަބަބުން ކަމަށް ބުންޏެވެ.

" ވަރަށް އުންމީދާއެކު ދިޔައީ. އެކަމު އޮޕަރޭޝަނެއް ނުކުރެވުނު. ލަންކާގެ އެ ގައިދުގެ ސަބަބުން ނުކުރެވުނީ. އާސަންދައިގައި ހަރަދުކޮށްގެން އެކޮޅަށް ގޮސް އޮޕަރޭޝަން ނުކުރެވުމުން ވަރަށް ދެރަވި. އަޅުގަނޑު އެކަންޏެއް ނޫން އަދިވެސް އެބަ ތިބި ދިވެހިން އެ ގަވައިދުގެ ސަބަބުން އޮޕަރޭޝަން ނުކުރެވިފައި." ސާއިދު ބުންޏެވެ.

ކިޑްނީ ބަދަލުކުރުމަށް އޮޕަރޭޝަން ކުރެވޭނެ ކަމުގެ ތާރީހު ހޮސްޕިޓަލުން ވަރަށް ގިނަ ފަހަރު ދިން ކަމަށް ސާއިދު ބުންޏެވެ. އެހެންވެ އޭނާ ހުރީ އެކަން ކުރެވޭނެ ކަމަށް ވަަރަށް ބޮޑަށް އުއްމީދުގައެވެ. ނަމަވެސް ތާރީހު ލަސްކުރަމުން ގޮސް އެންމެ ފަހުން އެ ގަވައިދު ލަންކާގެ މަޖިލީހުގައި އޮތުމުން، ގޮތެއް ނިމޭނެ ދުވަހެއް ނޭނގޭތީ އޮޕަރޭޝަން މި ވަގުތަށް ކުރެވެން ނެތް ކަމަށް ހޮސްޕިޓަލުން ފަހުން ވަނީ ސާއިދަށް އަންގާފައެވެ.

ސާއިދުގެ އެދުމަކީ ސަރުކާރުން މިކަމަށް އެހީއެއް ފޯރުކޮށްދިނުން!

ސާއިދު ބުނީ އޭނާއާއި އެކުގައި ކިޑްނީ ބަދަލުކުރުމަށް ކިއޫގައި ތިން ހާހެއްހާ މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ގިނަ ދިވެހިން ވެސް ތިބި ކަމަށް އޭނާ ކިޔާދިނެވެ.

އެ ހުރިހާ އެންމެނަށް އޮޕަރޭޝަން ނުކުރެވިފައިވަނީ ގަވައިދުގެ ސަބަބުންނެވެ.

ލަންކާއަކީ ރާއްޖެއާއި ގާތް އެކުވެރި ގައުމެއްކަން ފާހަގަކުރަމުން ސާއިދު ބުނީ ގިނަ ބަޔަކު ކިޔޫގައި މަޑުކޮށްގެން ތިބިއިރުގައި ރާއްޖޭގެ ސަރުކާރުން ލަންކާގެ ސަރުކާރާއި މަޝްވަރާކޮށް މި މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

ސާއިދު

"އަޅުގަނޑުމެންނަށް ފެނޭ ދެއްތޯ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ދޭދޭ ގައުމުގެ އިސްވެރިން މަޝްވަރާކޮށް އެކަން ހައްލު ކުރާތަން. އަޅުގަނޑުގެ އަދި ކިޔޫގައި ތިބި ހުރިހާ ރައްޔިތުންގެ އެދުމަކީ ސަރުކާރުން މިކަމަށް ހައްލެއް ގެނައުމަށް ލަންކާ ސަރުކާރާއެކު މަޝްވަރާ ކޮށްދެއްވުން." ސާއިދު ބުންޏެވެ.

ދިރިއުޅުން ކުރިޔާ އެއްގޮތަށް، އަލި މަގެއް ފެނޭތޯ މަސައްކަތް ކުރަނީ!

ސާއިދު ބުނީ އޭނާ އުންމީދު ކުރި ފަދައިން ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ނުކުރެވުމުން މިހާރު ދިރިއުޅުން ވަނީ ކުރީގެ ވައްޓަފާޅިއަށް އަނެއްކާވެސް ވެއްޓިފައެވެ.

އޭޝިޔާގެ ބައްރުގެ އެހެން ގައުމަކުން އޮޕަރޭޝަން ކުރެވޭނެތޯ އޭނާ ދަނީ ބަލަަމުންނެވެ. އަދި އޭނާ އެކަމުގައި އުންމީދު ގެއްލުވާ ނުލާނެ ކަމަށް ސާއިދު ބުންޏެވެ.

ސަންއެފްއެމް އިން 2009 ގައި ނޫސްވެރިކަމުގެ ދާއިރާ އަށް ނުކުތް ސާއިދު ޕީއެސްއެމްއާ ގުޅުނީ 2015 ގަ އެވެ. ފުޓްބޯޅަ ކޮމެންޓްރީ ދިނުމުގެ އިތުރުން އޭނާ އަންނަނީ ކުޅިވަރު ޕްރޮގްރާމްތައް ޕްރޮޑިއުސްކޮށް ޕްރެޒެންޓް ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން.
    އަވައްޓެރި އިންޑިޔާއިން މިކަން ނުކުރެވޭބާ

    144
  2. ވިކިލީކްސް

    ސާއިދު އިންޑިއާއިން ބަލާބަލަ އަވަހަށް
    އިންޝާﷲ އަލިމަގެއް ފެނިދާނެ

    120
    • ކަމަނަ

      ޢެބުނާހެން ގިނަ ދިވެހިން ކިޑްނީ ޓްރާސްޕްލާންޓް ހަދާފަވަނީ އިންޑިއާއިން. ކީއްވެބާ އިންޑިއާއަށް ނުދިޔައީ

  3. މާނިއުމާނި

    ޔާމީނާ ވާހަކަދައްކައިގެން ޗައިނާއިން ތިކަންވޭތޯ ބަލާލަބަލަ ސާއިދު..ސާއިދުއަށް އަވަސް ޝިފާއެއް މާތްﷲ މިންވަރުކުރައްވާށިއެވެ

    58
    8
    • ހަސަނު

      ކަލޯ ކޮންމެ ކަމެއްވެސް ސިޔާސީކޮއްލާތި...
      ދިވާނާވެފަތަ ތިބެނީ..ކޮންމެ ތާކަށް ސިޔާސީމީހުން ޖަހާނީ..އޭނާގެ ފުރާނަ ފަދަ ކަމަކާއޭ އެއުޅެނީ ނުވެގެން..ދިވާނާވަނީތި..
      މަޖަލެއްނުވާނެދޯ!!!!

      51
      3
  4. އަލީ

    ތިހުރިހާ ދުވަހު މަޑުނުކޮށް އިންޑިޔާ އަށް ކީއްވެ ނުދިޔައީ ،، އިންޑިޔާ އިންވެސް އާސަންދަ ދޭ ހޮސްޕިޓަލްތަކުން ކިނޑްނި ބަދަލުކުރޭ ، ދަތިކަމަކަށް އޮންނަނީ ކިނޑްނީ ލިބުން ، ސާއިދަށް އެކަން ތިވަނީ މަގުފަހިވެފައި

    69
    2
  5. ހާމިދު ޝާހިދު

    ސާއިދަށް އަވަސް ޝިއާއަކަށް އެދެމެވެ. ވަރަށް ހިތްވަރު ގަދަ ދަރިއެއް އެއީ. އެވޭނުގައި އުޅެމުންވެސް ލަންކާގައި ހުރެގެންވެސް މަސައްކަތްކުރޭ. އޭނާގެ ޚަބަރުތައް އަހަރުމެން ކިޔަން އަދި އަޑުއަހަން. އޭނާ އެދުނުފަދައިން ކުޅިވަރަށް އެހާމެ ގިނަ ހިދުމަތްތަކެއް ކުރަމުންއަންނަ ފަރާތަކަށްވީތީވެ، ލަންކާ ސަރުކާރާ ވާހަކަ ދައްކައިގެން ނަމަވެސް ސާއިދަށް މިކަން ކުރެވޭނެ މަގެއް ތަނަވަަސްކޮށްދިނުން އަހަރުމެން ގޮވާލަމެވެ.

    49
  6. ކަކުނިބޯ

    ޑޮކްޓަރުންގެ ޓީމެއް ރާއްޖެ ގެނެސް ބޭނުންވާ އިންސްޓުރުމަންޓް ރާއްޖެގެނެސް މިކަން ފަށާކަށް ނުވޭބާ ...ޤައިމު 25 ބުރީގެ އިމާރާތެއްވެސް ފަޅަށްބަހައްޓާއެހެރީ ކްލިނިކެއް ހިންގާހެން ހިންގަނީ

    44
    1
  7. މީ

    🤲

  8. ތަޙުމީން

    ޕުލީސް ޑޯންޓް ހޯޕްލެސް

  9. ރަދީފްއޮފިޝިއަލް

    ގެޓް ވެލް ސޫން ބްރަދާ.

  10. ސސސ

    ކޮންމެވެސް ކުއްޖަކު ސާއިދުއާއި ގުޅޭނޭނެ ނަމްބަރު ފޮނުވާލަބަ.

  11. އަނާ

    އަވަސް ޝިފާއެއް ދެއްވާށި. ސާއިދަށް ﷲ އިރާދަ ފުޅުން ތިކަމުން ސަލާމަތްކޮށްދެއްވާށި. ފާފަ ފުއްސަވާ ދުނިޔޭގަވެސް އަދި އާޚިރަތުގައިވެސް ފަލާޙާ ހެޔޮގޮތް މިންވަރު ކޮށްދެއްވާށި. އާމިން.