ޕީއެސްއެމްގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ ކުޅަދާނަ ނޫސްވެރިޔާ ސާއިދު އަހުމަދުއަށް މި ފަހަރުވެސް ކިޑްނީ ބަދަލު ނުކުރެވި މާޔޫސް ކަމާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

ސާއިދުގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަން އެނގުނީ އިންފެކްޝަނެއް އުފެދިގެން ޑޮކްޓަރަށް ދެއްކުމުން 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ. އޭގެ ފަހުން އިންޑިއާ އިން ވެސް ފަރުވާ ހޯދާފައިވާ ސާއިދު އަންނަނީ ދެ ދުވަހުން އެއް ދުވަހު ޑައިލަސިސް ހަދަމުންނެވެ.

ސާއިދު މިދިޔަ އޮކްޓޫބަރު މަހު ލަންކާއިން ވެސް ކިޑްނީ ބަދަލުކުރަން އުޅުނެވެ. އަދި އޭގެ ފަހުން ތުރުކީގައި ވެސް ކިޑްނީ ބަދަލުކުރަން 16 ދުވަހު މަޑު ކުރުމަށް ފަހު އެކަން ނުވެ ރޯދަ މަހު ތިން ވަނަ ދުވަހު އަލުން ވަނީ ރާއްޖެ އައިސްފަ އެވެ.

މި ފަހަރު ކިޑްނީ ބަދަލު ނުކުރެވުނު ސަބަބެއް އޭނާ ހާމައެއް ނުކުރެ އެވެ. ހަމައެކަނި ބުނީ އެކަން ކާމިޔާބު ނުވީ ކަމަށެވެ.

ސާއިދުއަށް އެހީވާން ފޭސްބުކްގައި ހަދާފައިވާ ޕޭޖުގައި ބުނީ އޭނާ އަނެއްކާވެސް ކިޑްނީ ދޭނެ ޑޯނަރަކު ހޯދަމުންދާ ކަމަށެވެ.

މީގެ ކުރިން ސާއިދު ލަންކާގައި ކިޑްނީ ބަދަލު ނުކުރެވުނީ ލަންކާ ނޫން މީހުން ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމުގެ ގަވައިދު ރިވިއު ކުރުމަށް، އެ ގައުމުގައި ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަން މަޑު ޖައްސާލާފައި އޮތުމުގެ ސަބަބުން ނެވެ.

ސަންއެފްއެމް އިން 2009 ގައި ނޫސްވެރިކަމުގެ ދާއިރާ އަށް ނުކުތް ސާއިދު ޕީއެސްއެމްއާ ގުޅުނީ 2015 ގަ އެވެ. ފުޓްބޯޅަ ކޮމެންޓްރީ ދިނުމުގެ އިތުރުން އޭނާ އަންނަނީ ކުޅިވަރު ޕްރޮގްރާމްތައް ޕްރޮޑިއުސްކޮށް ޕްރެޒެންޓް ވެސް ކުރަމުންނެވެ.

ސާއިދުގެ އިތުރުން ރާއްޖޭގައި ކިޑްނީ ބަލި ތަހައްމަލު ކުރަމުންދާ އެތައް ބަޔަކު އެބަ ތިއްބެވެ. އަދި ގިނަ މީހުންނަށް ކިޑްނީއާއި އެކަމަށް ބޭނުންވާ ފައިސާ ހޯދަން އެހީއަށް އެދެއެވެ.