އެމްޓީސީސީގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މެއި މަހުގެ 19 ގައި ބާއްވަން ނިންމައިފިއެވެ.

އެމްޓީސީސީން ރޭ ކުރި އިއުލާނެއްގައި ބުނީ، އަހަރީ އާންމު ޖަލްސާ އޮންނާނީ 19 މެއި ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ މާލަމުގައި ކަމަށެވެ.

މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން 'ފަހިވޯޓް' މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ހާޒިރުވެ، ބައިވެރިވުމުގެ ފުރުސަތު ހިއްސާދާރުން ހުޅުވާލާ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ޖަލްސާގައި ބައިވެރިވެވޭނީ މި މަހު 18ގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މެއި މަހުގެ 17 ވަނަ ދުވަހުގެ 8:30 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ކަމުގައިވާތީ، ޖަލްސާއަށް ހާޒިރުވެގެން ބައިވެރިވާ މީހުން ސްމާޓް ފޯނު/ޓެބްލެޓް ފަދަ، 'ފަހިވޯޓް' ބޭނުންކުރެވޭނެ ވަސީލަތަކާއެކު ޖަލްސާއަށް ދިއުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު