ޅ. އަތޮޅު ނައިފަރުގެ ރައްޔިތުންނަކީ ހިތްހެޔޮ ބައެއްކަމަށް ވާހަކަ ދެކެވޭ އަޑު އަބަދުވެސް އަހަމެވެ. އެރަށަށް ބީރައްޓެއްސެއް އަރައިފި ނަމަ "ދެތިން ގެއަކުން ސައި ދޭނެއޭ، ޖޫސް ދޭނެއޭ" އަބަދުވެސް މީހުން ކިޔައެވެ.

މިކަން އިތުރަށް މި ވަނީ ކަށަވަރުވެފައެވެ.

އެއީ 130 މީހުންނާއި އެކު ށ. ފޯކައިދޫއިން ފުރައިގެން ދަނިކޮށް ޅ. ގާއެރިފަޅު ފަރަށް އެރި "ފުރާގު 2" ނަމަކަށް ކިޔާ ބޯޓުން ދަތުރު ކުރި މީހުންނަށް ރޭ ނައިފަރުން ދެއްކި ނަމޫނާ މެހްމާންދާރީއާއި އެކުއެވެ.

އީދު ބަންދުގައި ހިތްހަމަ ޖައްސާލުމަށް ފަހު އެތައް ކުޑަކުދިންނަކާވެސްއެކު ފުރި އެ ބޯޓުގައި ތިބި މީހުން ހޭދަކުރި ބިރުވެރި ވަގުތުކޮޅަށް ފަހު ނައިފަރު ރައްޔިތުންގެ މެހެމާންދާރީގެ ސަބަބުން އެމީހުންގެ ހިތްތަކަށް ފިނިކަން ލިބޭނެކަން ޔަގީނެވެ.

އެ ބޯޓު ގާއެރިފަޅު ފަރަށް އެރި ހަބަރު ނައިފަރު ރައްޔިތުންނަށް ލިބުނީ ރޭ ނުވައެއްވެސް ޖެހިފަހުންނެވެ. ވަގުތަކީ ގިނަ ބަޔަކު ދުވާލު އެކި ކަންކަމުގައި މަސްއޫލުވެ އުޅުމަށް އަރާމުކޮށް އާއިލާއާ އެކު ތިބި ވަގުތު ނަމަވެސް ކައުންސިލުން އެވާހަކަ ރަށުތެރޭގައި އިއުލާންކުރުމާއި އެކު އެމީހަކަށް ވީ އެންމެ އަވަހަކަށް އެންމެން ބަނދަރު ސަރަހައްދަށް އެއްވާން ފެށިއެވެ. އޭރު ބޯޓުގައި ތިބި ކުޑަކުދިންތައްވެސް ހިމެނޭ ގޮތަށް މީހުންތައްް ގެނެސް ނައިފަރަށް ބޭލުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން ދިޔައީ ކުރަމުންނެވެ.

"އަޅުގަނޑުމެން އެ މައުލޫމާތު ލިބުމާއެކު ބޯޓުން ދަތުރުކުރި ފަރާތްތަކަށް އެކޮމަޑޭޝަން ހަޔަރ ކުރިން. އެކަމަކު ރައްޔިތުން ބޭނުންވީ އެމީހުންގެ ގެތަކަށް ބޯޓުން އައި ފަރާތްތައް ގެންދަން." ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "ވަގުތު"އަށް ވިދާޅުވިއެެވެ.


ނައިފަރު ކައުންސިލުން މައުލޫމާތުދިން ގޮތުގާ ބޯޓު ފަރަށް އެރުމުގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް ނައިފަރުގެ ވިޔަފާރިވެރިންވެސް އެހީތެރިކަން ފޯރުކޮށްދިނެވެ. ބޯޓުން ދަތުރުކުރި ފަރާތްތައް ބަނދަރުމައްޗަށް ގެންނަން ފެށުމާއި އެކު އެ ސަރަހައްދުން ކާބޯތަކެއްޗާއި ފެން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގައި ވިޔަފާރިވެރިންގެ ދައުރުވެސް ބޮޑުކަމަށް ކައުންސިލުން ފާހަގަކުރިއެވެ.

ކުއްޔަށް ނަގާފައި ހުރި ތަންތަނަށް ގެންދިއުމުގެ ބަދަލުގައި ބޯޓުން ދަތުރުކުރި ފަރާތްތައް ރައްޔިތުންގެ އަމިއްލަ ގެތަކަށް ގެންގޮސް އެފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ރައްޔިތުން ފުއްދައިދިން ކަމަށް ކައުންސިލުން މައުލޫމާތުދެއްވިއެވެ

"ބޯޓު ފުންކުރުމަށްވެސް އަޅުގަނޑުމެން އެހީތެރިކަމަށް އެދުނީމަ ރަށުގެ މަސްވެރިންނާއި، އޮޑިވެރިން އަދި ކެޔޮޅުންނާ ވާހަކަ ދައްކައިގެން އެފަރާތްތަކުގެ އޮޑިތައް ބޭނުންކޮށްގެން އެމަސައްކަތް ވެސް ކުރީ. މާ ގިނައިރުތަކެއް ނުވެ ބޯޓުވެސް ފުންކުރެވުން. ބޯޓަށް ނެތް ގެއްލުމެއްވެސް ލިބިފައެއް" ކައުންސިލް ރައީސް މުހައްމަދު ރަޝީދު ފާހަގަކުރެއްވިއެވެ.

މިއީ ފޯކައިދޫގެ ކައުންސިލާވެސް ގުޅިގެން ކުރެވުނު ކަމެއްކަމަށް މުހައްމަދު ރަޝީދު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނާއި ވިޔަފާރިވެރިންގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު ޝިޔާމްވެސް ވަރަށް ގާތުން ކަންކަން ބެއްލެވިކަމަށް އޭނާ ވިދާޅުވިއެވެ.

"ނައިފަރު ރައއްްޔިތުން ދެއްކީ ނަމޫނާއެއް. އަޅުގަނޑުމެން ހަމަ ޝުކުރުވެރިވަން ހުރިހާ ރައްޔިތުންނަށްވެސް މިކަމަށްޓަކާ" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮހޮނަ

    ފޯކައިދޫ ރަށްޔިތުންނަކީވެސް ވ ހިތްހެޔޮ އޯގާތެރި ރަށްޔިތެއް.....އަހަރެންނަށް ފެނިފާ ހުރީމަ މި ބުނީ...ނައިފަރު ރަށްޔިތުންނަށް ސާބަސް..

    40
  2. Anonymous

    މުހާޖިރުން މަދީނާޔަށް ދިއުމުން އަންސާރީން ދެއްކި ނަމޫނާގައި ޅ.ނައިފަރު ރައްޔިތުން ތިބިކަމީ އުފާކުރާކަމެއް ﷲ ނައިފަރުގެ ލޮބުވެތި ރައްޔިތުންގެ ޢީމާން ތެރިކަން އިތުރުކުރައްވައި ހެޔު އަމަލު ކުރުމުގެ ހެޔުތައުފީޤް ދެއްވާށި ! ޢާމީން

  3. Anonymous

    ގާއެރިފަރާ ޖެހިގެން އިބޫމެންގެ ރަށް ހިންނަވަރު އޮންނާނީ ދެން ކީއްވެބާ އެރަށު މީހުން އެހީތެރިކަމެއް ނުދިނީ