ގދ. ތިނަދޫ އިސްލާމީ މަރުކަޒުގެ މަރާމާތުގެ މަސައްކަތްތައް އެމްޓީސީސީން ފަށައިފި އެވެ.

އެމްޓީސީސީން ބުނީ ތިނަދޫ އިސްލާމީ މަރުކަޒުގެ މަރާމާތުގެ މަސައްކަތް މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ކަމަށެވެ.

ތިނަދޫ އިސްލާމީ މަރުކަޒަކީ މާލޭ އިސްލާމީ މަރުކަޒާއި އެއްވިސްނުމެއްގައި ފަރުމާކޮށްފައިވާ މަރުކަޒެކެވެ. 60 ހާސް އަކަފޫޓު ބިމެއްގައި އެ މަރުކަޒު އަޅާފައިވަނީ މިސްކިތުގެ މަލަމަތި ރީތިވާގޮތަށް ތިނަދޫ ހުޅަނގު ފަރާތުގައެވެ.

އިސްލާމީ މަރުކަޒު ފަރުމާކޮށްފައިވަނީ އެއްފަހަރާ ސަތާރަސަތޭކަ މީހުންނަށް ނަމާދުކުރެވޭގޮތަށެވެ.

ތިނަދޫ އިސްލާމީ މަރުކަޒު ފަރުމާކޮށްފައިވަނީ ދެ ފަންގިފިލާއަށެވެ. އެގޮތުން ފުރަތަމަ ފަންގިފިލާ ފަރުމާކޮށްފައިވަނީ ކޮންފަރެންސް ހޯލަކާއި، ހަތަރު ކްލާސް ރޫމާއި، ލައިބްރަރީއަކާއި، އެޑްމިން އޮފީހެއްގެ އިތުރުން އަންހެނުންނާއި ފިރިހެނުންނާއި، ނުކުޅެންދުންތެރިކަން ހުންނަ މީހުންނަށް ވުޟޫޢުކުރެވޭނެ އިންތިޒާމްތަކާއިއެކުއެވެ. މީގެއިތުރުން ޕޭންޓްރީ ރޫމަކާއި، ދެ ސްޓޯރޫމާއި، އިކުއިޕްމެންޓް ރޫމެއްވެސް މި ފަންގިފިލާގައި ހިމަނާފައިވެއެވެ.

އިމާރާތުގެ ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ނަމާދުކުރުމަށެވެ. މީގެއިތުރުން އިދާރީ މަސައްކަތްތަކަށް ޚާއްސަ އޮފީހަކާއި، އިކުއިޕްމަންޓް ރޫމެއް މި ފަންގިފިލާގައި ހުރެ އެވެ.

ގ.ދ ތިނަދޫ އިސްލާމީ މަރުކަޒަކީ ސަޢުދީޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްގެ ހިލޭ އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުން 34 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނިންމި މަސައްކަތެކެވެ.

ތިނަދޫ އިސްލާމިކް ސެންޓަރުގެ މަސައްކަތް އެމްއާރްޑީސީއާ ހަވާލުކުރީ 2015 ވަނަ އަހަރުއެވެ. އަދި އެ މަސައްކަތް ނިމުނީ 2017 ވަނަ އަހަރު އެވެ.

އެމްޓީސީސީން ތިނަދޫ އިސްލާމިކް ސެންޓަރު މަރާމާތް ކުރަން ފަށާފައިވަނީ އެތަނުގައި ގިނަ މައްސަލަތަކެއް ދިމާވެ ބައެއް ތަކެއްޗަށް ގެންލުން ވެފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސުފުޔާން

    ރާއްޖޭގެ ފަހުރުވެރި ބަތަލު ސުލްތާން މުހައްމަދުތަކުރުފާނަށް ނިސްބަތްވާ މިސްކިތް އިސްލާމީ މަރުކަޒެއް ބިނާކުރުން ވަރަށްމުހިއްމެވެ

  2. ހަވަރު ތިނަދޫ ބިގަރު ކައުންސިލް

    ޔާމިނުގެ ސަރުކާރުން ކޮއްފައިވާ ކަމަކަށް ވާތީ އެތަން މަރާމާތު ކުރަން މިސަރުކާރުން ބޭނުމެއް ނުވޭ. ތިނަދޫގަ އެހެރަ މިޔުޒިޔަމް ޕާކުވެ ސް އެވެއްޓެނީ ބޮލަށް މިސަރުކާރުން ތިނަދޫއަށް ކޮއްދެވުނު އެންމެކަމެއް ވެަް ނެތް. ދައުރު ނިމެނީއެވެ. އަޅަންބުނި ޓާޝަރީ ހޮ ސްޕިޓަލެއް ނޭޅުނު އިންޓަނޭޝަނަލް ސީޕޯޓެއް ނޭޅުނު. ހުވަދަުގަ އަޅަން ބުނި އިންޓަނޭޝަނަލް އެއާޕޯޓެއް ނޭޅުނު. ތިނަދޫގަ ހިއްކާފަ އެއޮތް މާސިންގާ ބިމުން ތިނަދޫގަ ބޯހިޔާވެހިކަމަށް ބޭނުންވެފައި ތިބި މީހުންނަށް ގޯތި ނުދީގެން އުޅެނީވެ ސް ޔާމިނުސަރުކާރުން ހިއްކާފަ އޮތްބިމެއްވީމަ

    2
    1