ކޮރިއާ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު ފަސް ލައްކަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނީ އެ ތަކެތި އަތުލައިގަނެފައިވަނީ ކޮރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން މިދިޔަ މަހު 28 ވަނަ ދުވަހު ވައިގެ މަގުން އެތެރެކޮށްފައިވާ ޕާރްސަލެއް ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތެއް ފެނުނު ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

ކަސްޓަމްސްއިން ބުނީ ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެޗްއެމްފަޓަމައިން ޕޮޒިޓިވްވި ކަމަށެވެ.

އެ މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.363 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ފަސް ލައްކަ ރުފިޔާއަށް އަރާ ކަމަށެވެ.

އެ މަސްތުވާތަކެތި ވަނީ މިހާރު ފުލުހުންނާއި ހަވާލުކޮށްފައި ކަމަށް ވެސް ކަސްޓަމްސްއިން ބުނެ އެވެ.