އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މެލޭޝިއާގެ އެޑިއުސިޓީ އިސްކަންދަރަށް ޒިޔާރަތް ކުރައްވައިފިއެވެ.

އެޑިއުސިޓީ އިސްކަންދަރުއަކީ ޔުނިވާސިޓީތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކާއި, ރިސާޗް އެންޑް ޑިވެލޮޕްމަންޓް ސެންޓަރުތަކާއި, އެޑިއުސިޓީ ވިލެޖަކާއި، އެޑިއުސިޓީ ހަބްގެ އިތުރުން އެޑިއުސިޓީ ސްޕޯޓްސް ކޮމްޕްލެކްސް ހިމެނޭ އޭޝިއާގެ ފުރަތަމަ މަލްޓި ކެމްޕަސް އެޑިއުކޭޝަން ސިޓީއެވެ. އެތަނުގެ ބޮޑުމިނުގައި 305 އޭކަރު ހުރެއެވެ.

އެތަނަށް ވަޑައިގެން މިނިސްޓަރު ވަނީ އެތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ރާއްޖޭގެ ޓީޗަރުންނާއި ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ގާބިލުކަން އިތުރުކުރުމަށް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މީގެ އިތުރުން މިނިސްޓަރާއި އެކަމަނާ އާއެކު ވަޑައިގަތް ވަފްދުގެ ބޭފުޅުންނާއެކު ނެޓްވޯކިން ސެޝަނެއް ވަނީ ބާއްވައިފައެވެ.

އެޑިއުސިޓީ އިސްކަންދަރަކީ މެޑިނީ އާއި ޖޮހޯރު ބަހްރޫ ސިޓީ ސެންޓަރާ ގުޅުވައިދޭ ކޯސްޓަލް ހައިވޭ މެދުވެރިކޮށް ފަސޭހަކަމާއެކު ދަތުރުކުރެވޭ ތަނެކެވެ.

މި ދަތުރުފުޅަކީ މި މަހުގެ 6 އިން 13 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިނިސްޓަރުގެ އަރިހުގައި މި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާނާއި، ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީއާއި ފައިނޭންސް އެގްޒެކެޓިވް ނައުޝާދު އިބްރާހިމްގެ އިތުރުން އެޑިއުކޭޝަން އޮފިސަރު އިބްރާހިމް އިސްމާއިލް ވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތުހުފާ

    ހަމަ އެނިކަމެތި ހާލުގަ

  2. އެނދި މަރިޔަނބު

    އިސްލާމީ ޤައުމެއްގެ ހަމަ އެފަދަ އިދާރާ އެއްގެ އަންހެން ކަނބަލުން އިސްލާމީ ވަންތަ ހެދުމުގައި. މިރާއްޖެ މިއީވެސް އިސްލާމީ ޤައުމެއް. އަދި 100 އިން ސައްތަ. އަހަރެމެންގެ ކަމަނާ އަށް ދަންނަވަން އޮތީ މި ޤައުމުގެ މޫނުމަތި ޚަރާބު ނުކުރައްވާށޭ. ލަދު ގަނެއޭ.