މަސްކިރުމަށް ދިމާވެފައިވާ ދަތިތަކަށް މިއަހަރު ވަގުތީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ރައީސް އޮފީހުގައި ދެކުނުގެ ބައެއް މަސްވެރިންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން މަސްވެރިން ފަރާތުން ވަނީ ދެކުނުގެ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާގުޅޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ހުށައަޅާފައެވެ. އަދި މަސްވެރިން ފާހަގަކުރި ކަންކަމުގެ ތެރޭގައި މަސްވެރި މޫސުމުގައި ބާނާ މަސްކިރޭނެ ގޮތްނުވުމާއި، ކިޔުގައި ގިނަ ވަގުތު މަޑުކުރަންޖެހުމާއި ގުޅިގެން މަސްތައް ހަލާކުވުމާއި، މީގެ އިތުރުން މަސްބާނާ ސަރަޙައްދުން މަސްކިރަންދާންޖެހޭ ސަރަޙައްދަށް ދިއުމަށް ދިގުދަތުރެއް ކުރަންޖެހޭތީ ދިމާވާ ދަތިތައް ހިމެނެއެވެ. މީގެ އިތުރުން މަސްވެރިން ވަނީ ދުރަށް ދުއްވަންނުޖެހި މަސްކިރޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމާއި އަދި ފަރެސްމާތޮޑާ ސަރަޙައްދުގައި މަސްފެކްޓްރީއެއް ހެދުމަށް ބޭނުންވާކަން ފާހަގަކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަސްވެރިންނަށް ހުރި ދަތިތައް ޙައްލުކޮށް މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް މި ސަރުކާރުން މިހާރުވެސް ފަށައިގެން މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށާއި އެހެންނަމަވެސް އަދިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރެއްވާފައެވެ.

ރައީސް ވަނީ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތައް ކުރިޔަށްގެންދާނީ މަސްވެރިކަމުގެ ތަޖުރިބާކާރު އިސް ކެޔޮޅުންގެ ޚިޔާލާއި މަޝްވަރާއާއެކުކަން ފާހަގަކުރައްވައި، އެގޮތުން ދެކުނުގެ މަސްވެރިކަމުގެ ތަރައްޤީއަށް ކުރެވޭ ކަންކަން ކުރިޔަށްގެންދިއުމުގައި މި ބައްދަލުކުރެއްވުމުގައި މަސްވެރިން ފާހަގަކުރެއްވި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މަސްކިރުމަށް މިހާރު ދިމާވާ ދަތިތަކަށް މިއަހަރުގެ ތެރޭގައި ވަގުތީ ޙައްލުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އެއާއެކު ދާއިމީ ޙައްލެއް ހޯއްދެވުމުގެ މަސައްކަތްތައްވެސް ކުރައްވާނެކަމަށް ވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ވަގުއިބޫ

    ވަގުތީ ހައްލު އަކީ މަސްވެރިކަން ތިޔާގެ ވީމާ 5ޓަނަށް ލިމިޓި ކޮށްފައި މަސްވެރިކަން ދައްވީމާ ލިމިޓެއް ނެތި މަސްގަތުން

    10
  2. ލާދީނީ

    މަސް ނުބާނާ ދުވަސްވަރު މަހަށް ހައްލުހޯދައިދެވިދާނެ. މަސްބާނަށް ފެށީމަ ރައީސް އުޅުއްވާތަނެއް ނޭގޭނެ. އަނެއްކާ މަސްބޭނުން ހުއްޓުނީމަ ބާނާ ހުރިހާ މަހެއް ގަންނާނެ ކެޕޭސިޓީ ހުންނާނެ. ފައްކާ ވެރިކަމެއް މިއޮތީ. ހޮޅި ވާހަކަ ގިނަ ރައީސެއް.

    12
  3. ހަހަ

    ރައީސް އޮފީހުގެ ވެބްސައިޓްގެ އާޓިކަލް ކޮޕީ ޕޭސްޓެއް

  4. މުހައްމަދު އަހްމަދު

    މި ސަރުކާރުން ތެދެއް ނުހަދާނެ. އަބަދު ވެސް ދައްކާނީ މޮޅު ވާހަކަ. މަސް ފެކްޓަރީއެއް ނޭޅޭނެ. ކުރެހުން ހަދައިފާނެ.

    11
  5. ފަރުޙަތު

    މުޅިން ވެސް އޮޅުވާލުމާއި މަކަރު. ކޮބާ މަސް ކިލޯއަކަށް ދޭން ބުނި 35 ރުފިޔާ. މަހުގެ އަގުކުރީ ދަށް. ކޮބާ އަގުހެޔޮ ކުރަން ބުނި ތެޔޮ. ވީ އަގު ބޮޑު. މަސް ބާނާތަނުން ކިރާފައި ޑޮލަރ ދޭން ބުނި. މިހާރު ގިނަ ބޯޓްތައް މަރާމާތު ނުކޮށް ހަލާކުވެފައި. ކޫއްޑޫގެ ކެޕަސިޓީ ބޮޑު ކުރަން ބުނި. އެތަން ވަނީ ވީރާނާވެވ ބޭނުން ނުކުރެވޭ ވަރުވެފަ. އަބަދުވެސް ގޭދޮށު މަސް ފެކްޓަރީ، ނޫ އިޤްތިޞާދް ކަހަލަ މޮޅު ނަންނަން ކިޔާނީ. ކުރެވޭނެ ކަމަކީ، ތަފާތު ނަންނަމުގައި ކުންފުންޏާއި ބޯޑް ހަދައި ރައްޔިތުންގެ ފައިސާ ދަވާލުން.

    12
  6. އަލީ އަހްމަދު

    ކޮބާ މަސް ކިލޯއަކަށް ދޭން ބުނި 35 ރުފިޔާ. ކޮބާ އަގުހެޔޮ ކުރަން ބުނި ތެޔޮ. މަސް ބާނާތަނުން ކިރާފައި ޑޮލަރ ދޭން ބުނި ޑޮލަރުކޮބާ. ކޮބާ ކޫއްޑޫގެ ކެޕަސިޓީ ބޮޑު ކުރަން ބުނި.
    ނުވާނެ އިބޫއަކަށް. މި ސަރުކާރުން ދޮގެއް ހެދެން އޮއްވާ ތެދެއް ނުހަދާނެ

  7. ޝަރީފް

    ފަރެސްމާތޮޑާ ހަލީމުމެން ތިތިބީ ވަރަށް އުފާވެފައި ދޯ؟ އިބޫއަށް އެނގޭނީ މީހުން ގޯނި ފުލަށް ލާން. ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވާކަށް ނޭނގޭނެ. ފަރެސްމާތޮޑާގަ ވެސް އެހެން ތަނެއްގައި ވެސް މި ސަރުކާރުން މަސްފެކްޓަރީއެއް ނޭޅޭނެ. ވާނެ ކަމެއް ނޫން.

    10
    1
  8. އިބްރާހިމް މަނިކު

    މި ސަރުކާރުން ކަނޑާނީފޮނި ފޮނިބައިސާ. މި މީހުން މެޑެލް ޖަހާ ކަންތައްތައް:
    * ފޮތް ލިސްޓް ދޭން ފެށީ 2006 ގައި މައުމޫނު ސަރުކާރުން.
    * މައުމޫނު ސަރުކާރުގައި ކިތަންމެ މައްޗަށް ކިޔަ ވިޔަސް ކޯސްފީ ނުނަގާތާނގައި، ކޮންމެ ކޯހަކަށް ވެސް އެލަވަންސް ސަރުކާރުން ދެއްވަނީ. ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ޚަރަދު ކުރަނީ ވެސް ސަރުކާރުން.
    * މައުމޫނު ސަރުކާރުގައި 2006 ން ފެށިގެން ސްޕީޑް ލޯންޗް ފެރީ ޔަޤީނުން ވެސް ދެކުނުގެ 4 އަތޮޅު ވަނީ ފަށާފައި.

  9. މުހައްމަދު

    ފަރެސްމާތޮޑާގެ މަސްވެރިން ބާނާ މަސް ފިނިކުރުމަށް ދުނިޔޭން ބޭރަށް ކިޔަވަން ގޮސްތިބި ކޮނޑޭ ކުދިންނާ ހަވާލުކޮށް ޖުޕިޓާރގައި މަސް ފިނިކޮށް އޭލިއަނުންނަށް ވިއްކާގޮތަށް ވަނީ ހަމަޖެހިފައި. އޭލިޔަނުން ކޮންމެ މަސް ކިލޯއަކަށް ޖަވާހިރު ކިލޯއެއް ދޭ. ރައީސް ޞާލިހު ކިހާ ރަނގަޅު.

    10
  10. ޖައުފަރު

    ރައީސް ޞާލިހް ވަނީ ދެކުނުގެ މަސްވެރިން ބާނާ މަސް އެންޓާޓިކާއަށް ފިނިކުރަން ގެންދަން ރާވާފައި. އެ ގޮތުން އެތަނަށް މަސް ގެންދިޔުމަށް ދުނިޔޭން ބޭރުން އުޅަނދެއް ފަރުމާ ކޮށްގެން އަންނަ އަހަރު ގެންނަ ގޮތަށް ވަނީ ރޭވިފައި.

    11
  11. ސަމްޤު

    މިހާތަނަށް ނުހޯދައި ދެވުނު ހައްލެއް މިހާރު ހޯދައި ދެވޭނެ ކަމަށް ޤަބޫލު ނުކުރަން ނުވާނެ ނުވެސްވާނެ ނުވެސްކުރާނެ ޖީބަށް ނޭޅޭ އެއްވެސް ކަމެއް ނުކުރާނެ. މިސަރުކާރަކުން. ނޫސްވެރިން ގަނެފާނެ އެވެސް ވަކި ނޫސްތަކެއް.