ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ އާ ރައީސް، އަބޫދާބީގެ ވެރިޔާ އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާން އާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ ޔޫ.އޭ.އީގެ ކުރީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި، އެ ޢާއިލާގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް މިހާރު ޔޫއޭއީ އަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ޔޫ.އޭ.އީ.ގެ އައު ރައީސްއާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވީތީ އުފާކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ޔޫ.އޭ.އީ.ގެ ކުރީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުކަން ބަޔާންކުރައްވައި އެ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި މަރްޙޫމްގެ ޢާއިލާއާއި ޔޫ.އޭ.އީ.ގެ ރައްޔިތުންނަށް އެމަނިކުފާނުގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ހަނދާންތައް އައުކުރެވިގެންދާނީ އެ މަނިކުފާނުގެ ބައްޕާފުޅު ފަދައިން ތަހުޒީބާއި ޤައުމީ އެއްބައިވަންތަކަން ގެނެސްދެއްވި އަލިގަދަ ދަންމަރެއްގެ ގޮތުގައި ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ އަބޫދާބީގެ ވެރިޔާ އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން، ޔޫ.އޭ.އީ.ގެ ރައީސްގެ މަޤާމާއި ހަވާލުވެގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ އެންމެހައި ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.