އައްޑޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލައިގައި އުމުރުން 15 އަހަރުގެ ކުޑަކުއްޖަކުވެސް ހައްޔަރުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ދެ ގްރޫޕް ދެމެދުގައި ހިންގި މަރާމާރީއެއްގައި ހަމަލާ ދިނުމުން ޒަހަމްވެ ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ، 21، އެވެ. މާރާމާރީގައި ޒަޔާންގެ ހަށިގަނޑު އެތައް ތަނަކަށް ވަނީ ތޫނު އެއްޗެހި ހަރައި ޒަހަމްކޮށްލާފައެވެ.

އެ މައްސަލައިގައި މީގެ ކުރިން 16 އަހަރުގެ ކުއްޖަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، މި މައްސަލައާ ގުޅިގެން މިރޭ 15 އަހަރުގެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އަދި ރަށު ތެރޭގައި އަމަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި ރޭ ހައްޔަރު ކުރި 18 އަހަރު ދެ މީހުންްނާއި 29 އަހަރުގެ މީހާގެ ބަންދަށް ކޯޓުން ފަސް ދުވަސް ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގިނި އާދަންބެ

    ސަލާމަތެއްނެތް. 14އަހަރު،15 16 އަހަރު، ހައްގުތަކާއި ގާނޫނެއް، ޒިންމާއެއް ނެތް އުތަ؟

    • ޢާލިމް

      ކުޑަކުދިންވީމަ ދޫކޮށްލާނެއްނު