ހދ. ކުނބުރުދޫގައި ވޭސްޓު ޓްރާންސްފަރ ސްޓޭޝަނެއް ގާއިމްކުރުމުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ.

މި މަޝްރުއޫ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގް އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަންސަރެވެ.

މި އެއްބަސްވުމުގައިވާ މަސައްކަތުގެ ތެރޭގައި ހިމެނެނީ ސައިޓް ކްލިއަރ ކުރުމާއި، ކޮންކްރީޓް މަސައްކަތްތަކާއި ފުރާޅެއް ހެދުމާއި ސްކްރީޑް އަދި ބްލޮކް މަސައްކަތްތައް ކުރުމާއި، ޕެރިމީޓަރ ޑްރެއިން ކުރުމާއި، އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތެވެ.

މި މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 7.67 މިލިއަން ރުފިޔާ އަށް 140 ދުވަސް ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

އެމްޓީސީސީން އަންނަނީ މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޮޅުތަކުގައި ގިނަ މަޝްރުއޫތަކެއް ހިންގަމުންނެވެ.