ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގައި އިއްޔެ ނެގި ވޯޓުގައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު އެ ނިންމުމާ ދެކޮޅަށް ވޯޓު ދެއްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޮ އަލީ ނިޔާޒު ޝަމީމް މައްސަލަ ހުށަހަޅަން ނުފެންނަ ކަމަށް ވޯޓު ދެއްވި ނަމަވެސް އެ މައްސަލަ މަޖިލިހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ފާސްވިއެވެ.

ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ފާސްވީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ނިޔާޒް ވަނީ ޝަމީމް ވަކިކުރަން ހުށަހަޅަން ވޯޓު ނުދެއްވާ ކަން "ވަގުތަށް" ކަށަވަރުކޮށް ދެއްވައިފައެވެ. ނިޔާޒް ވިދާޅުވީ އެއީ ޕީޖީ ގްރޫޕްގެ އެތެރޭގައި ނެގި ވޯޓެއް ކަމުން ބޭނުން ގޮތަކަށް ވޯޓު ދެއްވުމުގެ އިހްތިޔާރު އޮތް ކަމަށެވެ.

އެކަމަކު، ޕާޓީން ވަކި ގޮތަކަށް ވިޕް ލައިނެއް ނެރެފި ނަމަ، އެއަށް އަމަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވިޕްލައިން ބްރޭކެއް ނުކުރާނަން،" ނިޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން "ވަގުތަށް" ކިޔައި ދެއްވި ގޮތުގައި ޝަމީމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި އޭނާ ވަކިކުރަން މާސް ލަސްވެއްޖެއެވެ. އެ މެމްބަރުން ވިދާޅުވި ގޮތުގައި ޕީޖީގެ މަސްއޫލިއްޔަތާއި ޒިންމާތައް އެންމެ ފުރިހަމަ އަށް ޝަމީމް އަށް އަދާ ކުރެއްވިފައެއް ނުވެއެވެ.

އެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ސީރިއަސް އަދި ބޮޑެތި ބައެއް މައްސަލަތަކުގައި ދައުވާ ނުކުރުމެވެ. އަދި ޑްރަގުގެ ބޮޑުން ދޫވެގެން ދިއުމަކީ ވެސް މެމްބަރުންގެ ކަންބޮޑުވުމެކެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ބައެއް މައްސަލަތަކާއި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލާގައި ދައުވާ ކުރުން ލަސްވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ ބައެއް މެމްބަރުންގެ ހިތްހަމަނުޖެހުން އެބައޮތެވެ.

ނިޔާޒު, ޝަމީމްގެ މައްސަލަ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވާފައިވާއިރު, އެމްޑީޕީގެ ރައީސް ނަޝީދު ވަނީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ނިންމުންތަކާ ހިތްހަމަނުޖެހޭކަން ހާމަކުރައްވައިފައެވެ. ކޮންމެ ފަހަރަކު ވިޕްލައިންއާ އެއްގޮތަށް ވޯޓުލާން ބޭނުން ނުވާ ކަމަށް ވިދާޅުވެ، ނަޝީދާއެކު 18 މެންބަރަކު މިހާރު ވަނީ ނުކުންނަވައިފައެވެ.