ފ. އަތޮޅު ފީއަލީގައި ބިންހިއްކުމުގެ މަޝްރޫއު ފަށްޓަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފިއެވެ.

ރައިސް މިފަދަ ޔަގީންކަމެއް ދެއްވާފައި ވަނީ ފީއަލި ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތަކާއި، ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން، ކައުންސިލުން ވަނީ ފީއަލީގެ ބިންހިއްކުމުގެ މަޝްރޫއާއާއި، ސިއްހީ މަރުކަޒުގެ މަޝްރޫއާ އަދި، އެރަށު ވޮލީކޯޓުގެ މަޝްރޫއު އަވަސްކޮށްދެއްވުމަށް ރައީސްގެ އަރިހުގައި ދަންނަވާފައެވެ.

މީގެ އިތުރުން ވެސް ރަށު ސްކޫލަށް މަލްޓިޕަރޕަސް ހޯލެއް ބޭނުންވާކަމަށާއި، ސްކޫލްގެ ސައިންސް ލެބް އެޅުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދުނުއިރު، ފީއަލި ރައްޔިތުން ދަތުރުދާނެ ރަށެއް ބޭނުންވާކަމަށާއި، އައިސް ޕްލާންޓްއެއް ބެހެއްޓި ނަމަވެސް ބަނދަރު ކުޑަވުމުން އައިސް ޕްލާންޓް ބޭނުންކުރުމަށް ދަތިތަކެއް ފާހަގަކުރެވިފައިވާތީ، އައިސް ޖެޓީއެއް ގާއިމްކުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރިއެވެ.

އަދި، ރަށުގެ އާބާދީއާ އެކަށޭނަ މިސްކިތަކާއި، ޕޮލިސް ޕޯސްޓެއް ނެތުމުން ދިމާވާ ދަތިތަކާއި ސިއްހީ މަރުކަޒަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހުރި ބައެއް ދަތިތައް ކައުންސިލުން ހިއްސާ ކުރިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރަށްރަށުގެ ތަރައްގީގެ މަސައްކަތްކުރިޔަށް ގެންދިޔުމުގައި ކައުންސިލްތަކާއި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ލިބުމަކީ ރަށްރަށް ތަރައގީކުރުމުގައި ސަރުކާރަށް ލިބިގެންދާ އިތުރު ފަސޭހައެއް ކަމަށް ވިދާޅުވިއެވެ.