މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވޯޓްލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން ގާތްގަނޑަކަށް 7000 (ހަތް ހާހެއްހާ) މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު، އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަރަކާތްތެރިވާ އޮފިޝަލުންނަށް ވުމަށް ހަތް ހާހެއްހާ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށާއި، ފެށޭ ހަފްތާގެ ތެރޭގައި އެ ފަރާތްތަކާ އިންޓަވިއު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

"ރިޔާސީ އިންތިޚާބު 2018 ގެ ވޯޓު ފޮށިތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ވުމަށް ގާތްގަނޑަކަށް 7000 މީހުން ފޯމް ހުށަހަޅައިފި. އިންޝާﷲ މި ހަފްތާގެ ތެރޭގައި މި ފަރާތްތަކާ އިންޓަވިއު ކުރަން ފެށޭނެ." އަކްރަމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަރަކާތްތެރިވާނެ 4000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ކުރި އިޢުލާނުގެ މުއްދަތު ހަމަވެފައިވަނީ މިމަހުގެ 25 ވީ ބުރާސްފަތި ދުވަހަށެވެ.

އޮފިޝަލުންނަށް ހޮވާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރުމާއެކު އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ކަމެއްގައި އުޅޭ މީހަކަށް ނުވުމުގެ އިތުރުން ކެންޑިޑޭޓެއްގެ އާއިލާ މެންބަރަކުން ނުވުން އަދި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުމަށް ލާޒިމް ކޮށްފައިވެއެވެ.

އިންތިޚާބުގެ އޮފިޝަލުންގެ ތެރެއިން ވޯޓު ފޮށީގެ ވެރިންނަށް 1500ރ، ވެރިޔާގެ އެހީތެރިޔާއަށް 1200ރ އަދި އެހެނިހެން އޮފިޝަލުންނަށް 1000ރ ގެ އިތުރުން ރިޒާވް އޮފިޝަލުންނަށް 500ރ ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އޮފިޝަލުންގެ ކެއުން ބުއިމުގެ ކަންކަން ހަމަޖައްސާނީވެސް އިލެކްޝަންސް ކޮމިޝަނުންނެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އޮފިޝަލުންގެ ތަމްރީނު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީވެސް ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.

ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން ފުރިހަމައަށް ތައްޔާރުވަމުން އަންނައިރު، ރީ-ރަޖިސްޓަރ ކުރުމުގެ ފުރުޞަތު އަދި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ރިޔާސީ އިންތިޚާބަށް ސަރުކާރާ އިދިކޮޅު ކޯލިޝަނުގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓްގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާއިރު، 9 ފަރާތަކުން ފޯމު ނަގާފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު