ހެއްކާއި ބެހޭ ބިލްގައި ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތައް އޮތުމުން ކުރިމަތިވެފައިވާ ފާޑުކިޔުންތައް ދިފާއުކުރަން ރައީސް އޮފީހުން ދިގު ބަޔާނެއް ނެރެފިއެވެ.

ރައީސް އޮފީހުން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ގާނޫނު އެގޮތައް ފާސްކޮށްފައި އޮތް ނަމަވެސް ނޫސްވެރިންނަށް ޙިމާޔަތްދިނުމާއި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއާއި، 29 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބިދޭ ޙައްޤުތައް ރައްކާތެރިކުރުމާއެކު، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީ، މިނިވަން ނޫސްވެރިކަން ކުރިއެރުވުމަށް އެހިނދަކަށް ކުރަންޖެހޭ މަސައްކަތެއް ސަރުކާރުން އަބަދުވެސް ކުރަމުންގެންދާނެ ކަމަށެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ވިދާޅުވީ މަޢުލޫމާތުގެ މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރުމުގެ ޙައްޤު، މިނިވަން އަދި ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ހިފެހެއްޓިފައިވަނީ، އެ ޙައްޤުގެ މަޤްޞަދާއި އިމްތިޔާޒުތަކާއި، ޙައްޤު ހިފެހެއްޓުމުގެ މުހިއްމުކަން އަޅައިކިޔުމަށް ފަހުގައި ކަމަށެވެ.

ހެއްކާބެހޭ ޤާނޫނުގެ 136 މާއްދާގެ (ހ) ގައި، ނޫސްވެރިޔާއަށް ނުވަތަ މީޑިއާ އޭޖެންސީއަށް މަޢުލޫމާތު ހާމަކުރުމަށް މަޖުބޫރުކުރުން މަނާކޮށްފައި ވަނީ، މަޢުލޫމާތު ދިން ފަރާތް ސިއްރުކުރުމުގެ ވަޢުދެއް، ނުވަތަ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް، ނޫސްވެރިޔާ މަޢުލޫމާތު ހޯދާފައިވާ ހާލަތެއްގައި ނަމަ، އެ މަޢުލޫމާތެއް ދިން ފަރާތުގެ ރުހުމާ ނުލައި އެ މަޢުލޫމާތެއް ދިންފަރާތް ހާމަނުކުރެވޭ ގޮތަށް ކަމަށް ބަޔާނުގައި ވެއެވެ. ނަމަވެސް މި ޤާނޫނުގައި މި އުސޫލުން އިސްތިސްނާވާ ދެ ކަމެއް ކަނޑައަޅައިފައިވާ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވެސް އިއުތިރާފު ވެފައިވެއެވެ. އެއީ، ނޫސްވެރިޔާ ހާމަކުރާ މަޢުލޫމާތަކީ ޓެރަރިޒަމްގެ ކުށްތައް ނުވަތަ ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާ ގުޅޭ މަޢުލޫމާތެއްކަމަށް ވުމެވެ.

ރައީސް އޮފީހުން ވިދާޅުވީ މިދެންނެވި ފަދަ މަޢުލޫމާތެއް ހިމެނޭ ހާލަތްތަކުގައިވެސް، މަސްދަރު ހާމަކުރުމުގެ ހުއްދަ ކޯޓުއަމުރަކުން ދެވޭނީ، ހެއްކާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކާއި ސަބަބުތަކަށް ރިޢާޔަތްކޮށް، މަދަނީ މިންގަނޑުން އެކަންކަން ސާބިތުވާނަމައެވެ. މިގޮތުން، މި މާއްދާގައި މަސްދަރު ހާމަކުރުމުގެ ހުއްދަ ދިނުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ފުރިހަމަ ލިސްޓެއް ޤާނޫނުގައި ހިމަނައިފައިވާކަން ރައީސް އޮފީހުން ފާހަގަ ކުރިއެވެ.

ހެއްކާބެހޭ ޤާނޫނުގައި، ނޫސްވެރިޔަކު އޭނާއަށް ލިބުނު މަޢުލޫމާތުގެ މަސްދަރު ހާމަކުރަންޖެހޭ ފަދަ އަމުރެއް ނެރުމުގެ ކުރިން، ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ނުކުތާތަކަށް ކޯޓުތަކުން ރިޢާޔަތް ކުރުން ލާޒިމުކޮށްފައިވާ ކަމަށާއި އަދި މަސްދަރު ހާމަކުރުމަށް ކޯޓަކުން ކޮށްފައިވާ އަމުރު، މަތީ މަރުޙަލާގެ ކޯޓުތަކުގައި (ހައިކޯޓު އަދި ސުޕްރީމް ކޯޓުގައި) އިސްތިއުނާފު ކުރުމުގެ ފުރުޞަތު ނޫސްވެރިޔާއަށް ލިބިގެންވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ހެއްކާއި ބެހޭ ބިލްގައި ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތައް އޮތުމުން ކުރިމަތިވެފައިވާ ފާޑުކިޔުންތައް ދިފާއުކުރަން ރައީސް އޮފީހުން ބަޔާނެއް ނެރުނީ އެގާނޫނު ރައީސް ސޯލިހް ތަސްދީގު ކުރުމުން ބައިނަލްއަޤުވާމީ އެކި ފަރާތްތަކުގެ ފާޑުކިޔުންތައް ވެސް ސަރުކާރަށް އަމާޒުވުމުންނެވެ. ރައީސް އޮފީހުގެ ބަޔާން ވަނީ އިނގިރޭސިބަހުންނާއި ދިވެހި ބަހުން ވެސް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބުރޯ

    މައުމޫނު ނަން ވަނީ. މިހާރު މިވީ ކޮންތާކު. ކުރެވުނު އަދި ކުރަމުން ގެންދާ ކަންތައްތައް ފަޅާ އަރާފާނެނެތީ ނޫސްވެރިންގެ އަނގައިގަ އަތް އަޅާ ބަންދު ކޮއްލީ.

    54
    2
  2. އަހްމަދު

    އިގިރޭސިބަހާ ދިވެހިބަހުން ބަޔާންނެރުނުއިރު ކީއްވެބާ އިންޑިޔާބަހުން ނުނެރުނީ

    48
    2
  3. ހަގީގަތް

    ސީދާ ޔަހޫދީންގެ ސިފަތައް މިފެންނަނީ

    49
    3
  4. އަހުމަދު

    ގާނޫނުގައި އެގޮތަށް އޮވެއްޖެނަމަ ނޫސްވެރިންނަށް އެމީހުން ގެ މިނިވަންކަމާދޭތެރޭ ޝައްކު އޮންނާނެ އަބަދުވެސް.

    51
    1
  5. ރާއްޖެތެރެ

    ސަރުކާރުގެ ކޮރަޕްޝަން ފަޅާ އަރުވާދޭ މީހާ ހޯދަން ތަޅު އެޅުވީ.

    55
    1
  6. ރިޒާ

    ވެރިކަމުގައި ތިބޭއިރު ކަންކަން ކުރެވޭނީ މިހެން ވެރިކަން ވެއްޓުނީމާ ވާހަކަދައްކަނީ ހައްގުތަކަށް

    50
    2
  7. ފަލަސްތީން

    އިންޑިޔާގެ ބޭނުމަ މި ކަހަލަ ގާނޫނުތައް ފާސްކުރަނީ

    53
    1
  8. މުނާފިޤު

    މުނާފިޤުންގެ ހުރިހާ ސިފައެއް މި ސަރުކާރާއި ،މި ސަރުކާރަށް ތާއީދު ކުރާ އެންމެންގެ ކިބައިގައި އެބަ ހުރި

    40
  9. ޙަސަންބޭ

    ފިތުނަވެރިން ހާދަ ބިރުން މިއުޅެނީ

    1
    1
  10. ގާސިމަ

    މައުމޫނު މީހުންގެ އަގައިގަ ތަޅުއަޅުވާތީ މިނިވަންކަން ހޯދަން ގެނައި ސަރުކާރު ކަލޭމެންގެ އަގައިގަވެސް ތަޅުއަޅުވައިފިދޯ! ހަމަބުނެލީ!

  11. 235

    މަސްދަރު ހާމަކުރަން ޖެހޭނެ ނޫނީ އެކަމުގެ ސައްހަކަމާމެދު ސައްކު އުފެދޭނެ ، މަސްދަރު ހާމަ ނުކުރުމަކީ ފިތުނަ އުފެދޭނެކަމެއް

    2
    1