ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރު އާންމުކޮށް އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން ( އީސީ) އިން ހުޅުވާލައިފި އެވެ.

އީސީއިން މިއަދު ކުރި އިއުލާނެއްގައި ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި ހިމެނޭ މެމްބަރުންގެ ދަފްތަރު އާންމުކޮށްފަ އެވެ.

މެމްބަރުންގެ ދަފްތަރާއި ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ، އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އީސީއަށް ހުށަހެޅުމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އީސީއިން ބުނެފައި ވަނީ އެ ކޮމިޝަންގެ އޮފީހުން ޝަކުވާ ފޯމުތައް ބަލައިގަންނާނެ ކަމަށެވެ. އަދި [email protected] އަށް ޝަކުވާ ފޯމް މެއިލް ވެސް ކުރެވޭ ކަމަށެވެ.

އެ މީހަކު ރަޖިސްޓްރީވެފައިވާ ޕާޓީ އީސީގެ ވެބްސައިޓުން ނުވަތަ 1414 އަށް އެސްއެމްއެސްކޮށްގެން ބަލާލެވޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޕާޓީ އަކުން ހުށަހަޅާފައިވާ ސައްހަ ނޫން ކޮންމެ ޕޯމަކަށް 10،000 ރުފިޔާއިން އެ ޕާޓީއެއް ޖޫރިމަނާ ކުރަން އީސީއިން ވަނީ ނިންމާފަ އެވެ.

ރަޖިސްޓްރާ ފުރަތަމަ ފަހަރު 5 ހާސް ރުފިޔާ، ދެވަނަ ފަހަރުން ފެށިގެން 10 ހާސް ރުފިޔާއިން ޖޫރިމާނާ ކުރާނެ ކަމަށް އީސީއިން ބުނެ އެވެ.

ސައްހަ ނޫން ފޯމު ހުށަހެޅުން ހުއްޓުވުމަށްޓަކައި، ގެނައި ބަދަލުން އެކަށީގެންވާ ހައްލު ނުލިބޭނަމަ، ފޯމުގައި ސޮއިކުރާ ކޮންމެ ހެކިވެރިޔަކުވެސް އޮކްޓޯބަރު މަހުން ފެށިގެން ފަސް ހާސް ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އީސީއިން ވަނީ ބުނެފަ އެވެ.

މީހުންނަށް ނޭނގި އެ މީހުންގެ އައިޑީކާޑުގެ މައުލޫމާތު ބޭނުންކޮށްގެން އެކި ޕާޓީތަކަށް ރަޖިސްޓަރީ ކުރާ މައްސަލަތައް ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ.