މެރިޓައިމް ސެކިއުރިޓީއާ ގުޅޭ ފޯރަމެއް މިއަދު ފަށައިފިއެވެ.

ހ. މީރުމާ ހޮޓެލްސްގައި މިއަދު ހެނދުނު ފެށި އެ ފޯރަމް މިއަދު ހަވީރުގެ ނިޔަަލަށް ކުރިއަށްދާނެއެވެ.

އެ ފޯރަމްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ، ހުސެއިން ރަޝީދު ހަސަންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ފޯރަމްގައި ކަސްޓަމްސް އާއި އެމްއެންއެންޑީއެފް އާއި އެލްޖީއޭ އާއި ހޯމް މިނިސްޓްރީ، އިމިގްރޭޝަންއާއި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

އެ ފޯރަމްގައި ރާއްޖޭގެ ކަނޑުތައް ބެލެހެއްޓުމުގައި ދިމާވާ މައްސަލަތަކާއި ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑަށް ވަންނަ ކަނޑުގެ އުޅަނދުތަކުގެ މައްސަލަތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާތައް ކުރިއަށް ދިޔައެވެ.

އޭގެ އިތުރުން ރާއްޖޭގެ މެރިޓައިމް ސެކިއުރިޓީ ސްޓްރެޓެޖީއެއް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ދިފާއީ ކަންކަން ބަލަހައްޓަން ވަސީލަތްތައް ބޭނުންކުރާނެ ގޮތާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގޮތުން ކުރާ މަސައްްކަތްތައް އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ހިމެނެއެވެ.