އިސްރާއީލުން ފަލަސްތީންގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

އިސްރާއީލުން ހުކުރު ދުވަހު ޣައްޒާއަށް ހަމަލާތައް ދޭން ފެށީ ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދުގެ މުޖާހިދުންނަށް އަމާޒުކޮށެވެ.

އެ ހަމާލާތަކުގައި މިހާތަނަށް ޣައްޒާގެ 31 މީހަކު ޝަހީދުކޮށްލާފައި ވެއެވެ. އަދި 265 މީހަކު ވަނީ ޒަހަމްވެފައެވެ.

އެ ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާއަށް އިސްރާއީލުން އެންމެ ފަހުން ދިން އުދުވާނީ ހަމަލާތަކާއި ވައިގެ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ހިފާފައިވާ ބިންތަކުގައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް، ހަތިޔާރު ނެތް އާންމުންނާ ދެކޮޅަށް އިސްރާއީލުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުން ކުރުމަކީ، ދިވެހި ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށްވެސް ދިވެހި ސަރުކާރުން ބުނެފައި ވެއެވެ.

ދިވެހި ސަރުކާރުން ވަނީ، ދިވެހި ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނާއި، ފަލަސްތީނުގެ ސަރުކާރާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަދި ފަލަސްތީނުގެ މައްސަލައަށް ވަކާލާތުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައާއެކު މަސައްކަތްކުރުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ދިވެހި ސަރުކާރުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގޮޓަބެ

    ކުއްވެރި ނުވެގެން ވިއްޔާ އެއިއް ޗެހިން އެތެޅެނީ

  2. ސަލްމާ

    މިހަމަލާ ކުށްވެރިކުރަން އިންޑިއާއިން ހުއްދަ ނެގިންތޯ؟

  3. ޒާހިރު

    ޢިސްރާއީލް ނެތިގެން ދާދުވަސް ދެކެންބޭނުން.