މޯލްޑިވިއަން ފްލައިޓްތަކުގައި ދަތުރުކުރާ ފަސިންޖަރުންނާއި، ކްރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ކަމެއްވާނަމަ އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަންއިން މިފަދައިން ވިދާޅުވެފައި މިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގެ އެއް އިންޖީނު ވައިގެ ތެރޭގައި ނިއްވާލާ މަންޒަރު ފެންނަ ވީޑިއޯއަކާއި ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި މޯލްޑިވިއަންގެ ޕައިލެޓަކު ކޮކްޕިޓް ތެރޭގައި ސިނގިރޭޓް ބޯ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާއްމު ވެފައެވެ. އޭނާ އާއި މެދު މޯލްޑިވިއަން އިން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

މޯލްޑިވިއަންއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ، ފަސިންޖަރުންނާއި ކުރޫއިންގެ ރައްކާތެރިކަމަކީ އަބަދުވެސް އެކުންފުނިން އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް ކަމަށެވެ. އެކުންފުންޏަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވައިދުތަކާއި އެއްގޮތަށް ހިންގާ ކުންފުންޏެއް ކަމަށްވެސް ވިދާޅުވިއެވެ.

"ފަސިންޖަރުންނާއި ކުރޫއިންގެ ރައްކާތެރިކަމަށް ބުރޫއަރާ ކަމެއް ފާހަގަކުރެވިއްޖެ ހާލަތެއްގައި އެކަމެއް ތަހުގީގުކުރެވި، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ދާނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވަމެވެ." އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ޓުވިޓާގައި މީހަކު އާންމުކޮށްފައިވާ އެ ވީޑިއޯއިން ފެނިގެން ދަނީ ދަތުރު ކުރަމުން ދިޔަ ސީޕްލޭނެއްގެ ވާތްފަޅީގެ އިންޖީނު ފްލައިޓުގެ ކެޕްޓަން ނިވާލާ މަންޒަރެވެ.

ދަތުރު ކުރަމުން ދިޔަ މޯލްޑިވިއަން ފްލައިޓެއްގެ އިންޖީނު ނިއްވާލި މައްސަލައެއް

ވީޑިއޯ ހިއްސާ ކުރި މީހާ ބުނެފައިވަނީ ފްލައިޓު ދުއްވަން އިނީ މުހައްމަދު ޖިލްވާޒް ރަޝާދު ނަމަކަށް ކިޔާ މޯލްޑިވިއަންގެ ކެޕްޓަނެއް ކަމަށެވެ. ކެޕްޓަން ފްލައިޓް ވައިގެ ތެރޭގައި އޮއްވާ އެއް އިންޖީނު ނިވާލައި ތެޔޮ ވެސް ކަނޑާލާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދަތުރު ކުރަމުންދާ ފްލައިޓެއްގެ އިންޖީނު ނިއްވާލުމަކީ އޭވިއޭޝަން އުސޫލު ބުނާ ގޮތުންނަމަ މަނާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަމާރު

    އޭވިޝަން ނޭގި ވާހަކަ ނުދައްކަ ބަލަ.....އިންޖީނު ނިއްވާލަންޖެހޭ ހާލަތުގަ ޖެހޭނެ ނިއްވާލަންވެސް. ތިޔަފެންނަނީ ސްޓާޓު ކުރަން މަސައްކަތް ކުރާތަން. ގިނަ ބޯޓު ތަކަކީ އެއް އިންޖީނުން ދުއްވޭ, ދުއްވުމުގެ ހުއްދަ އޮންނަ އެއްޗިހި. ރަނގަޅަށް ބަލާފަ އެއްޗިހި ލިޔޭ

    5
    1
  2. ހެހެ

    މިދެން ގަމާރު ވިޔަސް ބޮޑު ވަރު. ކީކޭ ބުނާނީ.
    މި ގައުމުގަ އުޅެނީ ހުރިހާ ކަމެއްގެ މާހިރުން، އެމީހުން ބުނާނީ ރަނގަޅަށް އެގޭތީވެ.🤦‍♂️