މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރަށް ވަޅިއެއް ހިފައިގެން ވަން މީހަކު ހަމަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ހަމަހަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ ކ. މާލެ، ލަވްނެސްޓް، އިބްރާހިމް ނާޝިދުއެވެ. ވަޅިއެއް ހިފައިގެން އެއިދާރާއަށް ވަން މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ނ)ގެ ދަށުން މަގުބޫލު ސަބަބެއްނެތި، ނުރައްކާތެރި ހަތިޔާރެއް އާންމު ތަނެއްގައި ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

އިބްރާޙިމް ނާޝިދު އެއިދާރާއަށް ތިލައިގައި 5 އިންޗި ހުންނަ ވަޅިއެއް ހިފައިގެން ވަދެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ، މިމައްސަލައިގައި ދައުލަތުން ނާޝިދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ. އަދި ދައުވާއަށް ޖަވާބުދާރީވަމުން ނާޝީދު ބުނެފައިވަނީ އޭނާއަކީ ނަފްސާނީ ބައްޔަށް ބޭސްކާ މީހެއްކަމަށާއި، އެހެންކަމުން އޭނާ އެވަގުތު ގެންގުޅުނު ވަޅިއަކީ އޭނާ އަމިއްލަ ނަފުސަށް އަނިޔާކުރުމަށް ގެންގުޅުނު ވަޅިއެއް ކަމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ދައުލަތުން އުފުލާފައިވާ ދައުވާއަށް އޭނާ އިއުތިރާފުވެފައިވާތީ މިމައްސަލަ ބެއްލެވި އިސްގާޒީ އަހުމަދު ޝަކީލު ވަނީ އޭނާ ހަމަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.