ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަން އިއުލާންކުރި ހަ ޑޮމެސްޓިކް އެއާޕޯޓް މި ދައުރުގެ ތެރޭގައި ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް އެފަދައިން ވިދާޅުވީ ހަ އެއާޕޯޓްގެ ތެރޭގައި ހިމެނޭ ށ. ބިލަތްފަހީގެ އެއާޕޯޓްގެ މަސައްކަތް ފެށުމާ ގުޅޭ ގޮތުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަހީމް ވިދާޅުވީ، ބިލެތްފަހީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށާއި އެހެން ނަމަވެސް އެ މަސައްކަތް މިހާތަނަށް ވެސް ފެށިފައި ނުވާ ކަމަށެވެ. އެހެން ކަމުން މިވެރިކަމުގެ މި ދައުރުގެ ތެރޭގައި އެ މަސައްކަތް ފެށޭނެތޯ ޝަހީމް ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ބިލެތްފައްސާއެކު ހަދަން އިއުލާންކުރި ހަ އެއާޕޯޓްގެ މަސައްކަތް އަދި ވެސް ނުފެށޭ ކަމަށެވެ.

ނަމަވެސް އުއްމީދަކީ އެންމެ ކުޑަމިނުން އެ އެއާޕޯޓްތަކުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ފެށުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް އަސްލަމް ހާމަކޮށްފައެއް ނުވެއެވެ.

ބިލަތްފައްސާއިއެކު ހދ. މަކުނުދޫއާއި ބ. ތުޅާދޫ، ތި. ވިލުފުށި، ފ. މަގޫދޫ އަދި ރަ. އަތޮޅުގެ ދެކުނު ބިތުގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން ނިންމައި އެކަން ކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ ޑިސެމްބަރު އިއުލާން ކުރި އެވެ،

މިނިސްޓަރު މިދިޔަ ޖޫން މަހު ވިދާޅުވީ ބިލެތްފަހި ނުލައި ބާކީ ފަސް އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދަން ކްރޮސް ސަބްސިޑީ މޮޑެލްއަކުން މަސައްކަތް ކުރިއަށް ގެންދަން އިއުލާންކޮށް 12 ޕްރޮޕޯސަލެއް ލިބިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަދި އެ ޕްރޮޕޯސަލްތައް ދިރާސާކޮށް ސޮއިކުުރުމަށް މަސައްކުރަމުންދާ ކަމަށް ވެސް އޭރު ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ޕްރޮޕޯސަލެއް އިވޭލުއޭޓްކޮށް ނިންމައި ސޮއިކުރެވުނުކަމެއް ނޭނގެ އެވެ.

ރައީސް ސޯލިހްގެ ވެރިކަމުގެ ދައުރު ނިމެން ދެން އޮތީ އަހަރެކެވެ. ނަމަވެސް އެ އެ ހަ އެއާޕޯޓްގެ މަސައްކަތް މި ދައުރުގައި ނުނިމޭނެކަމަށް އަސްލަމް މިދިޔަ ޖޫން މަހު ވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަން

    ތިނަދޫން ހަނޑޫ ހުސްވެ ރައްޔިތުން ބަނޑަށް
    އަސްލަމް ބަލަނީ އަދިވެސް އެއަރޕޯޓް އެޅޭތީ.
    އަސްލަމް އިސްތިއުފާ

  2. ރަން ރީނދޫ

    އާ. ކަޑަ ޖަހާ ވޯޓަށް. ކުޅަނދު ހަމަނުވާ ރާއްޖެ ތެރޭ މީހުން ތިބޭނެ ގުނބޯ ހެދިފަ ދޯ އަސްލަންޓޭ.ރައްޔިތުންނޭ ފިސާރި ފިލާވަޅެއް ދޭތި މިބައިގަނޑަށް.

  3. ޢޯކިޑް

    ސޭވް ރ.ފުސްފަރު.

  4. އަހްމަދު

    ރިއާސީ ވަޢުދުތައް ބަހައްޓާފަ ސިއްކަބުނެގެން އަލިފުށީގަ އެއަރޕޯޓްހެދީމަ ހުރިހާ ރިއާސީ ވަޢުދެއް ފުއްދުނީތޯ؟

  5. ކަރީމް

    އެންމެ ފައިދާއާއެކު ހިންގޭނެ އެއަރޕޯޓަކަށް ވާނީ ރ.އަތޮޅު ދެކުނު ބިތުގައި ބެރިޔަންފަރުގައި އެއަރޕޯރޓް އެޅުން، އޭގެ ފައިދާއަކީ ޓޫރިސްޓް 12 ވަރަކަށް ރިސޯޓް މިހާރުވެސް އެސަރަޙައްދަށް ޚާއްޞަވެ އޮތުމާ، ލޯކަލް އާބާދީވެސް 10000 ވަރަކަށް ހާހަށްވުރެ ގިނައިން މިސަރަޙައްދުގެ ރަށްރަށުގައި އޮތުމާ ފަރުގެ ޖާގަ އޮތުމުން އިންޓަރނޭޝަނަލް ކުރަންޖެހިއްޖެ ޙާލަތެއްގައި ރަންވޭ ބޮޑުކޮށް ތަނަވަސްކުރުމާ ސިޓީހޮޓާ ނުވަތަ އިތުރު ރިސޯޓެއް ހިއްކިޔަސް ހިއްކާނެ ޖާގަ އޮތުމެވެ. އެހެންކަމުން އިންވެސްޓަރުންނަށްވެސް ގެއްލުންނުވެ ރަނގަޅު ފައިދާގައި ހިންގޭނެ އެއަރޕޯޓކަށް ބެރިޔަންފަރުގައި އަޅައިިފިނަމަ ވެގެންދާނެދެއްތޯ!! ވަކި ބަޔަކު ނުވަތަ މީހަކު ބުނެގެން ކުޑަކުޑަ ފަރެއް ނުވަތަ ރަށެއްގައި އެއަަރޕޯޓެއް ހެދުމަކީ މިސަރުކާރުން ނުވިސްނާ ކުރާނެކަމެއްކަމަކަށް ނުފެނެއެވެ. ޝުކުރިއްޔާ ރ ޞާލިޙް.

  6. ސުމެ

    ފުރަތަމަވެސް ހުޅުމާލެއިން ގޯތި ދޭން ހަމަޖެހިފައި ވަނީ ދަފްތަރުތަރުގައި ތިބި 18 އަހަރުން މަތީ މީހުންނަށް ދަފްތަރު މީހުން ނަށް

  7. ޑައެލޯގް

    6 ކީއްކުރަން 10 ވެސްއެޅިދާނެއެވެ. ހަދާނެގޮތަކީ އިންޑިޔާއިން އަދިވެސް ލޯނުނަގާނީއެވެ. ދެން ލޯނުދައްކަން 1000 ރުފިޔާލިބޭ ރައްޔިތުންގެ އަތުން އިންކަމްޓެކްސްގެ ގޮތުގައި 400 ރުފިޔާނަގާނީއެވެ. އަދި ޖީއެސްޓީ %50 ބޮޑުކުރާނީއެވެ. އޭރަށްވެސް ތިބައިގަޑަށް އަތްޖަހާނެބަޔަކުތިބޭނެއެވެ.