ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން ގޯލްޑް ޕްލޭޓެޑް ކޮއިނެއް ތައްޔާރުކުރަން ޓްއަރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓްއަރިޒަމް މިނިސްޓްރީން ރޭ ކޮށްފައިވާ އިއުލާނެއްގައި ބުނީ މިނިސްޓްރީން ދޭ ނަމޫނާއާއި އެއްގޮތަށް މޯލްޑިވްސް ޓޫރިޒަމް 50 އަހަރުގެ ގޯލްޑް ޕްލޭޓެޑް ކޮއިން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އިއުލާނުގައި އެދިފައި ވެއެވެ. މި އިޢުލާނާއި ގުޅިގެން ޕްރީ-ބިޑް މީޓިންގ އެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. ގެޒެޓް ކޮށްފައިވާ އިއުލާނުގައި ވަނީ ބީލަން ހުށަހަޅާނެ ފޯމަކާއި ބީލަމާއި ގުޅޭ އާއްމު އިރުޝާދުތަކެއް ހިމަނާފައެވެ.

އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 24 އޯގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އެޑްރެހަށް މެއިލް ކުރެއްވުމަށް އިއުލާނުގައި އެދިފައި ވެއެވެ.

ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ "ޤައުމީ ފަތުރުވެރިކަމުގެ ދުވަސް"، 3 އޮކްޓޯބަރު 2022 އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މިހާރު ވަނީ ނިންމާފައެވެ.

މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭތީ ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.

ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި 3 އޮކްޓޯބަރު ހަމަޖެއްސެވީ، އެ ތާރީޚަކީ ރާއްޖޭގެ ފުރަތަމަ ރިސޯޓް، ވިހަމަނާފުށި 1972 ވަނަ އަހަރު ހުޅުވާ ޚިދުމަތް ދޭންފެށި ދުވަހެވެ.