ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރާއްޖޭގެ ސަރަހައްދުން ޒައްރެއްގެ މިންވަރު ވެސް ބޭރުގެ ގައުމަކަށް ދޫކޮށްލައްވާނެ ވެރިއެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެއެވެ.

ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަ ކުރި ޖަލްސާގައި މިނިސްޓަރު މާރިޔާ ވަނީ ރައީސް ސޯލިހަށް ތައުރީފު ކުރައްވާ ވާހަކަދައްކަވާފައެވެ. މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހް އެންްމެ ބޮޑު އިސްކަމެއް ދެއްވީ ރާއްޖޭގެ ސަލާމަތަށް ކަމަށެވެ.

މިގޮތުން އަދުގެ ޒައާމަތުގައި ދިފާއީ، ސަލާމަތީ ސިޔާސަތު އިތުރަށް ހަރުދަނާ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރުގެ ނަޒަރުގައި ރާއްޖެއަށް ހުރި އެންމެ ބޮޑެތި ގޮންޖެހުންތައް:

  • ޓެރަރިޒަމް
  • ހަރުކަށި ފިކުރު
  • ޑްރަގުގެ ވިޔަފާރި
  • ގަވާއިދާ ހިލާފަށް ރާއްޖޭގެ މަސްކަނޑުތައް ބޭނުންކުރުން
  • އިންޑިއާ އާއި ޗައިނާގެ ވާދަވެރިކަން އިންޑިއާ ކަނޑުގައި ބޮޑުވެގެން ދިއުން

މާރިޔާ ގަބޫލު ކުރައްވާ ގޮތުގައި މިފަދަ ގޮންޖެހުންތަކެއް ރާއްޖެއަށް ހުރި ނަމަވެސް ރައީސް މަސައްކަތް ކުރައްވަނީ ގައުމަށް އެންމެ ފައިދާހުރި ގޮތްތައް ހޯއްދަވައިގެން އެމަގުންނެވެ. އޭނާ ވިދާޅުވީ ރައީސް ކުރައްވާ ކޮންމެ ކަމެއް ކުރައްވަނީ ރާއްޖެއަށް އެންމެ މަންފާ ހުރި އަދި ގައުމުގެ އެންމެ މަތީ މަސްލަހަތު އިސް ކޮށްގެން ކަމަށެވެ.

މިނިސްޓަރު މާރިޔާ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

"މިއަދު ދިވެހި ގައުމުގެ ޒައާމަތުގައި އެ ހުންނެވީ ރާއްޖޭގެ ސަރަހައްދުން ޒައްރެއްގެ މިންވަރުވެސް ބޭރުގެ ގައުމަކަށް ދޫކޮށްލައްވާނެ ވެރިއެއް ނޫން." މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޑިފެންސް ދާއިރާ ތަރައްގީކޮށް ކުރިއަރުވަން އެންމެ ބޮޑު މަސައްކަތްތަކެއް ކޮށްފައިވަނީ މި ސަރުކާރުން ކަމަށެވެ. އަދި، ސިފައިންގެ ޒިންމާތައް އަދާކުރުމަށް ބޭނުންވާ ހުރިހާ ވައްތަރެއްގެ އުޅަނދުތަކާއި ވަސީލަތްތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"ރައީސް ސޯލިހަކީ ރައްޔިތުންގެ އިހުސާސްތައް އަޑު އައްސަވާ ގައުމުގެ ސަލާމަތީ ހާލަތު ފަހުމްވާ ވެރިއެއް. ދިފާއީ އަމާޒު ހިފަންވީ މިސްރާބު ދެނެވަޑައިގަންނަވާ ލީޑަރެއް،" މާރިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ނަނަނަ

    އޯހ… މާރިޔާ ތިހެން ބުނިތަ؟ އެހެންވެެއްޖެއްޔާ ރާއްޖެއިން ބޮޑުބައެއް މިހާރު އޮންނާނީ ބޭރު ބަޔަކަށް ދީ ނިންމާ ސޮއިކޮށް އެގްރީމެންޓް ރަޖިސްޓްރީ ވެސް ކޮށްފަ.

    50
  2. ޕެޑް މޭން

    މިހާރު ފިދަނަ އާހެދި އުޅޭބައެއްނެތް

    36
  3. ހަސަނުލް

    އިންޑިއާ އެއީ އެތެރެ ބައެެއްތަ ޚާއިނު ޖައްބާރު ގޮތް ނޭންގޭ ޑީލް ތައް ހަދައިގެން ތި ތެޅިބާލނީ

    43
  4. Anonymous

    ދިފާއީ ވަޒީރު ނުވަތ ޑިފެންސް މިނިސްޓަރގެ ވާހަކަ ހުންނަންޖެހޭނީ ތިފަދަ ގޮތަކަށް ނޫން. ދިފާއީ ވަޒީރު ކެރިގެން ބުނަންޖެހޭނީ، "ޒައްރެއްގެ މިންވަރު" ފަދަ އޭގެ އަސްލެއްނެތް އަދި ގާނޫނު ނުދަންނަ ބަސްތައް ބޭނުންކުރުމުގެ ބަދަލުގައި "ދިވެހިރާއްޖޭގެ ބިމުން އެންމެ އިންޗިއެއްވެސް" ބޭރުގެ ބަޔަކަށް ނުދޭނެ ކަމަށް ބުނަން.
    "ޒައްރެއްގެ މިންވަރު" ކިޔާފަ މުޅި ގައުމު އޮތީ ބޭރުގެ ބައެއްގެ މުށުތެރޭގައިކަން އަހަރެމެންނަށް ފެންނަ މަންޒަރުތަކުން ދޭހަވޭ. އަޅުވެތިކުރި ގައުމުގެ މީހަކު ދިވެއްސަކަށް ކިތަންމެ ބޮޑު އަނިޔާއެއް ދިނަސް ދިވެހިރާއްޖޭގެ ގާނޫނަކުން ފިޔަވަޅެއް ނޭޅެނީ މިސަބަބާހުރެނޫން ދެން ކޮންކަމަކާހެދިތ؟ ނިކަން ބުނެދީބަލަ.

    32
    1
  5. Anonymous

    ދިވެހިރާއްޖޭގެ ދިފާއީ ބާރުވެރިކަން އިތުރުކުރުމަށް، ދިވެހިދައުލަތުގެ ބަޖެޓުގެ ކިތަށް % ހޭދަކުރޭ؟ ވޭތުވެދިޔަ 4 އަހަރު ދިވެހި ދައުލަތަށް ދިފާއީ އާލާތް ގަންނަން ހޭދަކުރީ ކިހާ ފައިސާއެއް؟
    މިއިން އެއްވެސް ކަމަކަށް އެޑްރެސްކުރުމެއްނެތި ހިޔާލީ ފޮލާކަށްކަނީ. ތާކުންތާކުޖެހޭ އެއްވެސް ކަމެއް ނުކުރޭ.
    ދިވެހިރާއްޖޭގެ ސަލާމަތީ ޚިދްމަތްތަކަށް ލިބިފައިހުންނަނީ ގައުމުތަކުގައި ގެންގުޅެ ބާވެ ގޮނޑަށް އުކާލަންޖެހުމުން "ހަދިޔާ" އަށްދޭ ބާ އެއްޗެހި އެކަނި.

    25
  6. Anonymous

    ނުކުރާނެ ނުކުރާނެ ހުރިހާ ބާރެއް މާރިޔާ އަށް ދިނީމަ ހުންނާނީ ރަގަޅަށް!!

    19
  7. އހ

    ޖޯކް އޮފް ދަ އިޔާ

    35
    1
  8. އހ

    މިއީ ހަމަ ދެވަނަ އަންނި.

    29
  9. މޕ

    ދީ ނިންމާފަ ދެންކޮން ވާހަކަ އެއްދައްކާ ކައް.
    އިންތިހާބު ކައިރިވީ ދޯ

    28
  10. ނާހަމަ ތެދެއް

    އަންނި ކައިރިން އެދުރުވެ ނިމިއްޖެ. ތިކަން އިގޭނީ ސަރުކާރު ވެއްޓި ހަދާފަ ހުރި އެގްރީ މަންޓް ތައްބަލާލީމަ

    26
    • ކޮމެންޓްކުރާމީހާ

      މީގަ ދެރައީ ޚާއިނުން ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ މިފަދަ ގޮތެއްނެތް ބަޔަކު ދައްކާ ވާހަކަ ޤަބޫލުކުރާ ބަޔަކު މި ޤައުމުގައިވެސް އުޅޭކަން

      12
  11. ހަސަން

    ގައުމަޢް ނުރައްކާވާ އެގްރީމަންޓް ތައް ހެދީ ކާކު ތޯ

    22
  12. ރަދީފް

    ރާއްދޭގެ ގާނޫނު އަސާސީ ގެ މައްޗައް ކޮޅުފައިން އަރާ މަޖިލީހުގެ މޭޒުމައްޗަށް ކޮޅަށް އެރި އަންހެނާއޭ މީ، މިހިރީ މި ލޯޔަރުން އުސްތާޒުން އުސްތާޒާއިންގެ ފެންވަރު، މިވަރު މީހަކު މިހިރީ މި ގައުމުގެ ޑިފެންސް މިނިސްޓަރަކަށް ، ތާލިޔާ ބަޖާއޯ👏👏👏👏

    28
  13. ޢަލީ އަމުޖަދު

    "އިންޑިއާ ކަނޑުގައި ބޮޑުވެގެން ދިއުން" ކޯޗެއް ބޮޑުވާ ވާހަކަ ތޯ ؟

    19
  14. އަހައްމަދޫ

    ކޮބާހޭ ނުގަވާއިދުން އެއޮއް އުޅޭ ބަންގާޅުންތަކުގެ ބޮޑު އާބާދީ .އެކަން މިމީހުނަށް އެއްވެސް ބޮޑުކަމަކަށް ނުވޭ. ދެންކިހިނެއް އެމަސްއަލަ ހައްލުވާނީ

    21
    1
  15. ލޮލް

    މާރިޔާ މިހާރުވެސް ވަނީ އިންޑިއާގެ ދަށުވެ ނަގޫ ފިތިފައި. ދެން ބީޖޭޕީއިން ބުނި ގޮތެއް ހަދައިގެން އުޅެން ޖެހޭނީ. މިހާރުވެސް އައްޑޫން ވަނީ ދިގު މުއްދަތަށް އިންޑިއާ ސަރުކާރަށް ދީފައި.

    25
  16. ނަސީ

    ޢިންޑިޔާ ދިދަނުޖާކަން އެކަނި އެހެން ހުރިހާކަމެއް އިންޑިޔާ ދަށުގައި

    25
  17. ޑައެލޯގް

    އިބޫ ޒައްރެއްގެމިންވަރުވެސް އިންޑިޔާއަކަށްނުދެޔޯއެވެ. އެކަމަކު ރާއްޖޭގައި އިންޑިޔާމީހަކު ރާބޮއެގެން ދީނަށްފުރައްސާރަކޮށްފި، ބުދުހިފައިގެން ރަށެއްގަ ދުވެފި، ބްރިޖް ޕްލެޓްފޯމް ވިލިގިލީ ފަރަށް ގެއްލުންދީފި އެކަމަކުވެސް އެއްވެސް ފިޔަވަޅެއްނޭޅެއެވެ. ހަނިމާދުއެއާޕޯޓަށް ރާއްޖޭގެ ފްލައިޓެއް ޖައްސަންޏާ އިންޑިޔާގެ ހުއްދަބޭނުންވެއެެވެ. އުތުރު ތިލަފަޅަކަށް ނޭރެއެވެ. ރާއްޖޭގެ ކަނޑުތަކުގެ ދިރާސާއެއް ރާއްޖެމީހުން ކުރަންޏާ އިންޑިޔާގެ ހުއްދަބޭނުންވެއެވެ. އިންޑިޔާގެ ބަޑިގުދަން ރާއްޖޭގައި ރުކުރާލެވެއެވެ. އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން އިބޫޖެހޭ އިންޑިޔާއަށްދާން ދެންކޮބާ ތިޔަބުނާ ޒައްރެއްގެމިންވަރު ނުދީފަ މާރިޔާ

  18. ާމާމަ

    ވިއްކާހުސްވީމާދެންވިއްކަނީކޯޗެއްބާ؟

  19. ލީލީ

    ޒައްރެއްގެ މިންވަރު ވެސް ވިއަކާ ނުލާ ނެތް

  20. Anonymous

    ކަނޑު އަޑި ދިރާސާ ކުރުމުގެ ނަމުގައި އިގިރޭސިން ޖާސޫސު ކުރަނީ ، ދިވެހިރާއްޖޭގެ ކަންޑު އަޑީގައި ﷲ ލައްވާފައިވާ ސިއްރުތައް ހޯދަން މީގެ ކުރިން ވެސް އިގިރޭސިން އުޅުނު އެކަމަކު އޭރުގެ ރަސްރަސްކަލުން އެކަމަކަށް ހުއްދަ އެއްނުދިން ރަސްރަސްކަލުން ވިދާޅުވީ މިރާއްޖޭގެ ކަންޑުގައި ﷲ ލައްވާފައިވާ ގުދުރަތީ ސިއްރުތަކެއް ބޭރުމީހުނަށް ނުދޭނަމޭ ، އެކަމަކު މިއަދު އެކަމަށް ވެސް އެއުޅެނީ ހުއްދަ ދީގެން ! މިއަދު އަނެއްކާވެސް އިގިރޭސި އިސްތިޢުމާރު އިޔާދަވަނީ ނުންބާ ؟

  21. Anonymous

    މިނިސްޓަރުގެ ނަޒަރުގައި ރާއްޖެއަށް ހުރި އެންމެ ބޮޑެތި ގޮންޖެހުންތައް:
    ޓެރަރިޒަމް
    ހަރުކަށި ފިކުރު
    ޑްރަގުގެ ވިޔަފާރި
    ގަވާއިދާ ހިލާފަށް ރާއްޖޭގެ މަސްކަނޑުތައް ބޭނުންކުރުން
    އިންޑިއާ އާއި ޗައިނާގެ ވާދަވެރިކަން އިންޑިއާ ކަނޑުގައި ބޮޑުވެގެން ދިއުން .
    ލާދީ ފިކުރުތަކާއި އިސްލާމް ދީނާއި ބީރައްޓެހި ދުރު ފިކުރު ވެސް އިތުރު ކޮށްލިނަމަ ދޯ !