އެމްޑީޕީގެ ރައީސް ކަމާއި ނައިބު ރައީސް ކަން ވެސް ކުރެއްވި އިބްރާހިމް ހުސެއިން ޒަކީގެ ޕާސްޕޯޓް ބާތިލް ކުރަން ސިވިލް ކޯޓުން ނެރެފައި އޮތް އަމުރު ދައުލަތައް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

ޒަކީ އަކީ 2013 ވަނަ އަހަރު ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި އަދި އެމްޑީޕީގެ ބައެއް ބޭފުޅުންނާއިއެކު ބަނގުރާ ބޯން އިންދާ ހައްޔަރު ކުރި މީހެކެވެ. އެމައްސަލައިގައި ހައްޔަރުކޮށް ކުޑަކަމުދާ ތަކެތި ދޭން އެންގުމުން އޭނާ އެކަމާއި ދެކޮޅު ހެދިއެވެ. ހޮނޑައިދޫން ހައްޔަރު ކުރިފަހުން ޒަކީ ރާއްޖެ އިން ބޭރަށް ފުރިއެވެ. އޭގެ 2013 ވަނަ އަހަރުގެ ފަހުކޮޅު އޭނާ ރާއްޖެ އައިނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުރައިގެން ދިޔަ ގޮތައް އެނބުރި ރާއްޖެއަށް ނާދެއެވެ.

ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން 2020 ވަނަ އަހަރު ސިވިލް ކޯޓުން އަމުރު ނެރުނީ އޭނާ މީހެއްގެ އަތުން ނެގި އެއްލައްކަ ޑޮލަރުގެ ތެރެއިން 93000 ޑޮލަރު އަނބުރާ ނުދައްކައި އޮތް މައްސަލައެއްގައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފްކުރީ ގާނޫނާ ހިލާފަށް އަމުރު ނެރުނު ކަމަށް ބުނެ އެވެ. އެކަމަކު ހައި ކޯޓުން ނިންމީ ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން އަމުރު ނެރުމުން ދައުލަތަށް ގެއްލިގެން ދަނީ ކޮން ހައްގެއްކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ކޯޓުތަކުން މައްސަލައެއް ބަލައިގަނެ، އެމައްސަލައެއް ފައިޞަލާ ކުރުމުގެ ކުރިން އެންމެ ފުރަތަމަ ބަލަންޖެހޭ އަސާސީ އެއްކަމަކީ، އެ ދަޢުވާއެއް ހުށަހަޅާ ފަރާތަކީ ހަމަ ޙަޤީޤަތުގައިވެސް އެ ދަޢުވާއެއް ކުރުމުގެ ޙައިޘިއްޔަތު ލިބިގެންވާ ފަރާތެއް ކަމެވެ. ދަޢުވާ ކުރުމުގެ ހައިޘިއްޔަތު އާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކަށް ވެސް ހައިކޯޓުގެ ހުކުމުގައި ހަވާލާދީފައިވެއެވެ.

ހައިކޯޓުން ބުނީ އާާއްމު ފަރުދުންގެ މަދަނީ މަޞްލަޙަތު ހިމެނޭ މައްސަލަތަކާއި، އަސާސީ ޙައްޤުތަކާއި ގުޅިފައިވާ ކަންކަމުގައި، އެފަރާތެއްގެ ޙައްޤެއް ނުވަތަ މަޞްލަޙަތެއް ގެއްލޭކަމަށް ބުނާ ޙާލަތުގައި، އެ ފަރާތެއްގެ މަދަނީ ނުވަތަ އަސާސީ ޙައްޤެއް ޙިމާޔަތް ކުރުމަށް، މަސައްކަތްކުރުމަކީ، އެ މަޞްލަޙަތެއް ނުވަތަ އެ ޙައްޤެއް ގެއްލުނު ފަރާތެއްގެ ޒިންމާއެކެވެ. އަދި އެފަރާތެއްގެ ޙައްޤު ހޯދުމަށް ޝަރުޢީ ކޯޓުތަކުގައި ދަޢުވާ ކުރުމުގެ ޙައިޘިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވަނީ އެޙައްޤެއް ނުވަތަ އެ މަޞްލަޙަތެއް ގެއްލުނު ފަރާތަކަށް ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޓ

    ޙެ ހެ..ބަންޑާރަ ނައިބަށް މީހުންގެ ހައްގު ވެސް ނޭނގޭ

  2. ނުރަބޯ

    ދަޢުވާކުރާ މީހާގެ ޙައިސިއްޔަތެއް އޮންނާކަށް ނުޖެހޭ. އޭނާ އެ ދަޢުވާ ކުރަނީ، ކޮންމެވެސް މީހަކު އޭނާއަށް އަނިޔާވެރި ވީމާ އެކަމަށް އިންސާފު ހޯދަން. ދެން މިހާރު މިދުނިޔޭގައި އެކަމެއްވެސް ވާކަށްނެތް އެހެނީ އިންސާފު ލިބޭނީ ގިޔާމަތް ދުވަހުން ކަމަށް ދުނިޔެއިން ބޭރުން ކިޔަވައިގެން އައިސްގެން އުޅޭ ޕީޖީ ވަނީ އެންމެންނަށް އަންގައިދީފަ.

  3. ނާރުބޭ

    ލަދުން ބޯހަލާކު ތަނެއް ދޮރެއް ދަންނަކީ ނޫން އެހެންވީމަ ވާނީމިހެން މިވަރުގެ މީހުންވިއްޔަ މިތިބީ ތަންތަނައް ލައިފަ ދެން އަވަހައް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަންފަށާ.

  4. ވިއްޓޭ

    ޢޭނަ މާލޭގަ އެބައުޅޭ. ހާމިދު ސޭޓް ގެއާއި ޖެހިގެން ހުންްނަ ގޭގަ އުޅެނީ