ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި އޭސީސީއާ ދެމެދު އެހީތެރިކަން ބަދަލުކުރުމާއި، އެކުގައި މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ޕީޖީ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީޖީ އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ ޕްރޮސިކިއުޓާ ޖެނެރަލް ޙުސެއިން ޝަމީމް އެވެ. އަދި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ރައީސް އާދަމް ޝާމިލެވެ.

ޕީޖީ އޮފީހުން ބުނީ އެ އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މައްޗަށް ޤާނޫނުއަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ކަނޑައަޅައި، އެކަންކަމުގައި އެކުގައި މަސައްކަތްކުރެވިދާނެ ކަމަށެވެ.

އޭގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އެހީތެރިކަން ދިނުން ހިމެނޭ ކަމަށެވެ.

އެގޮތުން އޭސީސީން ތަހުގީގުކުރާ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތްތަކުގެ އިޖުރާއީ ތަރުތީބުތަކާއި، މައްސަލަތަކުގައި އަވަހަށް ގޮތް ނިންމުމާއި، ކޯޓަށް ހުށަހެޅޭ ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ މައުލޫމާތު ވަކި ހަމައަކުން އޭސީސީއާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުރުމާއި، ދައުވާކުރުމުގެ ކަންކަން މިހާރުވެސް ކުރިއަށްދަނީ މި ދެ މުއައްސަސާ ގުޅިގެން ކަމަށެވެ. އެގޮތުން ތަހުގީގު ކުރިއަށްދާ މައްސަލަތަކުގައި އެ އޮފީހުގައި ގާއިމުކޮށްފައިވާ ޑިއުޓީ ޕްރޮސިކިއުޝަން ނިޒާމުގެ ތެރެއިން މިހާރުވެސް މިގެންދަނީ ތަޙުޤީޤަށް ބޭނުންވާ ލަފައާއި އިރުޝާރު ދެމުން ކަމަށެވެ. އެއްބަސްވުމުގެ މަގްސަދަކީ އެކަން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތް ކުރުމަށް މަގުފަހިކުރުން ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިލްމާސް

    އިޒްޓް ދެޓް ޔުއަރ ޖޮބް އޯލްރެޑީ؟

  2. އުގުރި

    ރާ ހުސައިން ޝަމީމް...

  3. ވޓދފކ

    ބަލަގަ އޭސީސީން މައްސަލަތައް ހުށަހެޅީމަ ޕީޖީން އެއަށް އެޓެންޑްވުމަކީ ގާނޫނުން ލާޒިމުކުރާކަމެއް. އެޔީކީ ތިގޮތަށް އަދި އިތުރަށް އެއްބަސްވުން ހަދަންޖެހޭ ކަންކަމެއް ނޫން. ތިއުޅެވެނީ ތިޔަ ދެމީހުންގެ ބައްޕަގެ ދެރިސޯރޓްގައެއް ނޫން.