އަހަރުގެ މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން ނުވަ ކުއްޖަކު ފޮސްޓާ ކޮށްފިއެވެ. ފޮސްޓަރ ކުރުމަކީ، އެކުދިންގެ ޤާނޫނީ ބެލެނިވެރިކަން ބަޔަކާއި ހަވާލުކުރުމެވެ.

ޖެންޑާ މިނިސްޓްރީއިން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން، 2020 ވަނަ އަހަރު އެއް ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި 2021 ވަނަ އަހަރު ތިން ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ބަދަލުކޮށްފައިވާކަމަށެވެ.

މިނިސްޓްރީއިން ބުނީ މި އަހަރުގެ މިހާތަނަށް ނުވަ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ބަދަލުކޮށްފައިވާކަމަށެވެ.

ޖެންޑާ މިނިސްޓްރީއިން މިއަދު އާންމުކޮށްފައިވާ އޮގަސްޓް މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ މަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 188 އެވެ.

އޮގަސްޓު މަހުގައި ހަކުއްޖެއް ރީއިންޓާ ގްރޭޓް ކުރެވި، އެއްކުއްޖަކު ވަނީ ފޯސްޓާ ކޮށްފަ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލު މަޖިލީހުން ފާސްކޮށް އެ ބިލް ރައީސް ތަސްދީގް ކުރީ 2020 ވަނަ އަހަރުގަ އެވެ.

އެ ގާނޫނުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭ ކުޑަކުދިން އާއިލާއެއްގެ ބެލުމުގެ ދަށުގައި ލޯތްބާއި އެކު ބޮޑުކުރުމަށް، އެކުދިން ފޮސްޓާ ކުރެވޭނެ އުސޫލު ތަކާއި، އެހީތެރިކަން ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ހާއްސަ ފިޔަވަޅުތަކެއް ބަޔާންކޮށްފައި ވެއެވެ.