އައުޓްޑޯ ޖިމް ރާއްޖޭގެ މާހައުލާއި ނުގުޅޭ ކަމަށާއި އެހެންވެ ކުރިން ހަދަން ނިންމާފައިވާ އައުޓްޑޯ ޖިމްތައް އިންޑޯ ޖިމްތަކަށް ބަދަލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންޑޯ އަދި އައުޓްޑޯ ޖިމްތަކާއި ގުޅޭ ގޮތުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

މަހުލޫފް ވިދާޅުވީ މިހާރުވެސް އިންޑޯ ޖިމްގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ. އޭގެ ތެރޭގައި ނުވަ ވަރަކަށް ރަށް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މަހުލޫފް ވިދާޅުވީ އައުޓްޑޯ ޖިމް ވަރަަށް ހިތް ގައިމު ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ މާހައުލަށް އައުޓްޑޯ ޖިމް ކަމުނުދާ ކަމަށެވެ.

އެފަދަ ޖިމްތަކުގެ ސާމާނުތަކަށް ލޮނުގެ އަސަރުކުރާތީ އެ ތަކެތި ބަލަހައްޓަން އުނދަގޫ ކަމަށާއި ހާއްސަކޮށް ރަށްރަށުން އެ މަންޒަރު ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ރަށްރަށުގައި ހުންނަ އައުޓްޑޯ ޖިމްތައް މަރާމާތުކުރުން ދަތިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމާ މަޑުމަޑުން އިންޑޯ ޖިމަށް އަޅުގަނޑުމެން މި ދަނީ ބަދަލުކުރަމުން. އަަންނަ އަހަރަށް ވެސް އައުޓްޑޯ ޖިމް ގާއިމުކުރުމަށް ބަޖެޓްކުރެވިފައިވާ ރަށްރަށުގެ ތެރެއިން އެ އިންޑޯ ޖިމްއަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން އެ ފުރުސަތު ދީގެން ކުރިއަށް ދާނީ. ނަމަވެސް އެކަން ކުރާއިރުގައި އެ ރަށުގައި އިންޑޯ ޖިމެއް ގާއިމުކުރަން ބޭނުންވާނެ ކޮންމެވެސް އިމާރާތެއް ހުރުމަކީ އެކަން ކުރުމަށް ފަސޭހަވެގެންދާނެ ކަމެއް" މިނިސްޓަރު ވިދާޅުވި އެވެ.

ފަހަކަށް އައިސް ރާއްޖޭގެ ބައެއް ރަށްރަށުގައި އައުޓްޑޯ ޖިމްތައް ވަނީ ހަދާފައެވެ. އަދި މާލޭގެ ބައެއް ސަރަހައްދުތަކުގައި ވެސް އެފަދަ ޖިމްތައް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާައަހުމަދު

    ޖިމްގެ ސާމާނު ގެންނަން އަބިދުވެސް މިލިބެނީ އިއްބެ ކިޔާ މީހަކައް، އެއީ އިއްބެ މަހްލޫފް އާ މާ ގާތް ވީމަ.

  2. ޙަނދުކޭތަ

    ރާއްޖޭގެ މާހައުލާ އެންމެ ގުޅޭނީ ތިޖޫތީ ނޮޅުން އެނޫން ކަމެއް ކަލޭމެނަކައް ނުވާނެ

  3. ލައިލާ

    އެހެންތާ ވާނީ 100 ރުފިޔާގެ އެތި 10000 ރިފިޔާއަށް ގަނެފަ މި ބަހައްޓަނީ. ދައުލަތުން ކުރާހަރަދުގެ މަންފާ ރައްޔތިތުމީހާޔާ ހަމަޔަށް ނާއްނަނީސް މިއޮއްނަނީ މަރާމަތު ކުރަން ޖެހިފަ. ހުސް ކޮރަޕްޝަން!