ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވަން މިހާރު ގާއިމުކުރާ ވަސީލަތްތަކާއެކު ހަ އަހަރުގެ ތެރޭގައި ފުޓްބޯޅައިން ނަތީޖާ ފެންނާނެކަމަށް ބެލެވޭ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ލަތީފް ވިދާޅުވީ ފަހަކަށް އައިސް ފުޓްބޯޅައިގައި ރާއްޖެ ފެންނަނީ ވަރަށް ދަށްކޮށް ކަމަށާއި އަދި ބައިނަލްއަގުވާމީ މެޗުތަކުގައި ރާއްޖޭގެ ކޮޅަށް ގޯލްތައް ޖަހަމުންދާ ކަމަށެވެ.

އެހެންކަމުން އެއީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ލަދެއް ކަމަށާއި އަދި ގައުމީ މަސްލަހަތު ހިފަހައްޓަން ފުޓްބޯޅަ އެސޯސިއޭޝަންއާއެކު ކުރަނީ ކޮން މަސައްކަތެއްތޯ ލަތީފް ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު މަހުލޫފް ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅަ ކުރިއަަރުވަން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އަދި އޭގެ ތެރެއިން އެއް މަސައްކަތަކީ ބޮޑެތި ފުޓްބޯޅަ ދަނޑުތައް ގާއިމްކުރުމުގެ މަސައްކަތް ކަމަށެވެ.

މަހުލޫފް ވިދާޅުވީ މި ސަރުކާރު އައިއިރު ރަށްރަށުގައި ފުޓްބޯޅަ ކުުޅުން ނިމުމަކަށް އައިސްފައި ކަމަށެވެ. އަދި އޭގެ ބަދަލުގައި މިހާރު ފެންނަނީ ރަށްރަށް ފުޓްސެލްއާ ދިމާލަށް ބަދަލުވެފައިވާ މަންޒަރު ކަމަށެވެ.

އަދި އެއީވެސް މިނީ ފުޓްބޯޅަ ޕިޗުތަކަކަށް ގޮސް ފުޓްސެލް ކުޅުން ކަަމަށް އޭނާ ވިދާޅުވި އެވެ.

"އެ ދަނޑުތައް ގާއިމުކޮށްގެން އެ ރަށްރަށުގައި އަލުން މި ކުޅުން ފެށިގެން ގޮސް ރަނގަޅު ނަތީޖާއަކާ ހަމައަށް ދިއުން. އަޅުގަނޑުމެންގެ ބޭނުމަކީ. އުއްމީދު ކުރަނީ މިހާރު މި ގާއިމް ކުރެވޭ ވަސީލަތްތަކުގެ ނަތީޖާ މީގެ ފަސް އަހަރު ހަ އަހަރު ފަހުން ފެނިގެން ދާނެ ކަމަށް. މިހާރުވެސް ރަށްރަށަށް ދަތުރުކުރާ އިރު އަޅުގަނޑަށް ފެނޭ ހަމަ ތުއްތު ކުދިން ނުކުމެ ހަމަ އަޅުގަނޑުމެން ކުޑައިރު ގޮސް މާލޭގެ ސްޓޭޑިއަމްގައި އެ ފެންނަ މަންޒަރު އެ ރަށްރަށުން ފެންނަކަން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އޭގެ ތެރެއިން ރަނގަޅު ޓެލެންޓްތަކެއް އުފެދިގެން އަންނާނެ" މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކިތަންމެ ގިނަ ގޯލެއް ރާއްޖެ ކޮޅަށް ޖެހިޔަސް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި އަދި އެކަމުގެ ކަންބޮޑުވުން އިއްޔެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަލީއާ ބައްދަލުކުރައްވައި ހިއްސާ ކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެން [ސަރުކާރުން] ފުޓްބޯޅަ އަށް އެހާ ވަރަށް އިންވެސްޓު ކުރާ އިރު ފުޓްބޯޅަ ޓީމުތައް ވީހާވެސް ރަނގަޅަށް ތައްޔާރު ވެގެން ދެވޭ ގޮތަށް އިންތިޒާމް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް" މަހުލޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބެއްޔާ

    މަހުލޫފަށް ނަތީޖާ ނުފެންނަނީތޯ؟ އަހަރެމެންނަށް މިހާރުވެސް ކުޅޭކޮންމެ މެޗެއްގެ ނަތީޖާ ފެނޭ.

  2. ހުސޭނުބޭ

    އެމްއެމްޕީއާރުސީ ޑޮލަރުބޮނޑި ފެންނަ ވާހަކަދެއްކުން މާ އައުލާކަން ބޮޑު. މިއީ ހަމަ ހުސްއަނގަތަޅާ މީހެއް. ކޮބައި ކިތަށް ރަށުގެ ދަނޑު ނިމިއްޖެ. ނުނިމުނަސް ލާރިގަނޑު ކާލެވިއްޖެއެއްނު!

  3. ޑައެލޯގް

    މިހާތަނަށް ނަތީޖާނުފެންނަނީ އެމްޑީޕީގެ ވެރިކަމުގައެވެ. މައުމޫނުގެ ފަހުދައުރުގައި ފުރަތަމައަށް ރާއްޖެއަށް ސާފްޗެންޕިއަންތަށިލިބުނެވެ. ދެވަނައަށްލިބިފައިވަނީ ޔާމީނުގެ ދައުރުގައެވެ. އިބޫދައުރުގައި ކެޓީއެވެ. އެހެންވީމާ މަހުލޫފުމެނަށް ނަތީޖާއެއްނުދެއްކެއެވެ. އެހެންނޫން އެންމެ ގިނައިން ޑްރަގާއި ގޮތްނޭގޭމަރުތަކުގެ ނަތީޖާ ފެނިއްޖެއެވެ.

  4. ހަސްނާ

    ރީތިކޮށް މި ބުނަނީ ދެވަނަ ދައުރެއް ދޭށޭ، ހަނދާން ނައްތާލަ، ދެން ދުވަހަކުވެސް އެމް.ޑީޕީ އަކަށް މިޤައުމުގެ ވެރިކަމަކަށް ނާދެވޭނެ އިންޝާﷲ.