އުދައަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ. އެއީ މިއަދު މެންދުރު ފަހު 2:00 އިން ރޭގަނޑު 8:00 އަށެވެ.

ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައި ވެއެވެ.

މެޓް އޮފީހުން މިއަދު ބުނީ ކުރިއަށް ފަސް ދުވަހު ދެކުނާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ.

ވިއްސާރައިން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް:

  • - ވާރޭ ވެހުމާއި އުދަ އަރައި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން
  • - ގެއަށް ފެން ނުވަންވާނެ ހެން ވެލިބަސްތާ ފަދަ ތަކެތި ޖެހުން
  • - ގެތެރޭގައި ފެންބޮޑުވުން ގެއްލުންވެދާނެ މުދާ އުސްތަންތަނަށް ބަދަލު ކުރުން ނުވަތަ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލު ކުރުން
  • - ގަދަވަޔާއެކު ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން
  • - ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން
  • - ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
  • - ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުން