ބ. ދަރަވަންދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 770 ބަނގުރާ ދަޅާއި 428 ބިޔަރު ދަޅު ނައްތާލައިފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ދަރަވަންދޫ ޕޮލިސް ޑެސްކުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލާފައިވާ ކަމަށެވެ.

އެ ތަކެތި ނައްތާލާފައިވަނީ މި މަހުގެ 27 ވަނަ ދުވަހު ދަރަވަންދޫ އިކޯ ސެންޓަރުގެ ގޯތިތެރޭގަ އެވެ.

އެގޮތުން، ނައްތައިލާފައިވަނީ 770 ފުޅި ބަނގުރާ އަދި 428 ދަޅު ބިޔަރު ކަމަށް ފުލުހުންގެ އިދާރާއިން ބުނެ އެވެ.

އެ ތަކެއްޗަކީ މި އަހަރުގެ ޖަވަނަރީ މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

އޭގެ އިތުރުން، ބަނގުރާގެ މައްސަލައެއްގައި ދަރަވަންދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 20 ލީޓަރުގެ ހަމެއްގައިހުރި ބަނގުރާވެސް ނައްތާލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.