ޗާގޯސް އަކީ އެހެން ގައުމެއްގެ ބައެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ބައެއް ކަމަށް ޑީއާރްޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޗާގޮސް މައްސަލައިގައި ސަރުކާރުން ކަންކުރި ގޮތް ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީއަކުން ބެލުމަށް ގޮވާލައި އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ.

އެ މައްސަލައަށް ބަހުސްކުރައްވަމުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ, ރާއްޖޭގެ ބައިބައި ރާއްޖޭން ގެއްލިގެން އުޅެނީ ކޮން އިރަކުތޯއާއި އެއީ ކާކުގެ އިހުމާލެއްތޯ މަޖިލީހުން ބަލަން ޖެހޭ ކަމަށެވެ. އަދި، ފާއިތުވި ސަރުކާރުތަކުން އެ މައްސަލަ ނުބަލާ އޮތީ ކީއްވެގެންތޯ ވެސް މަޖިލީހުން ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުން ޗާގޯސް ރާއްޖޭގެ ޗާޓަށް ވަންނަން. އަޅުގަނޑު ބޭނުންވޭ ޗާގޯސް އަށް އިސްލާމް ދީން ވަންނަން. އެއީ، އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން ކަމަށް ވާތީވެ." އޭނާ ވިދާޅުވިއެވެ.

ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލީސް
ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލީސް

އޭނާ ވިދާޅުވީ, އަންނަ ރިޔާސީ އިންތިހާބުގެ ކުރިން، ޗާގޯސް އަކީ ރާއްޖޭގެ ބައެއް ކަމުގައި ކަނޑައަޅާ، އެތަނުގައި ވެސް 2023 ވަނަ އަހަރު ދިވެހިންގެ ވެރިކަމެއް ގާއިމް ކުރަން ޖެހޭނެ ކަމަށެވެ. އެހެންވެ، އެކަމަށްޓަކައި މަޖިލީހުން ގޮތްތަކެއް ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނިކަން ކެރިގެން، އަޅުގަނޑު އަތުގައި އެބައޮތް ޔޮޓެއް. އަޅުގަނޑު މިދަނީ އައްޑުއަށް، ދެން ޔޮޓުގައި ދާނީ ޗާގޯސް އަށް. ނާޒިމަށް ވެސް އަޅުގަނޑު އިންވައިޓް ކުރަން، ދަނގެތީ ދާއިރާގެ މެންބަރު. މި މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ކޮޅެއްވެސް ގޮވައިގެން އަޅުގަނޑުމެން ވެސް ދާނީ. އެހިސާބަށް ގޮސް އަޅުގަނޑުމެން ބަލާނީ" ޖާބިރު ވިދާޅުވިއެވެ.

ފޯޅަވަހި މައްސަލައިގެ ފަސްފަހަތް

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައި ރާއްޖޭން އިމުގެ މައްސަލާގައި ސިޔާސަތު ބަދަލުކޮށް، އިމުގެ ބައެއް މޮރިޝަސްއަށް ދޫކޮށްލަން ނިންމީ ކަމަށް ތުހުމަތުވާން ފެށުމާއެކު، ސަރުކާރު ތެރެއިންނާއި ބޭރުން ބައެއް ސިޔާސީ ފަރާތްތަކުން ގެންދަނީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ.

ޗާގޯސް މައްސަލައިގާ ފުށުއަރާ ކަނޑުގެ ސަރަހައްދު

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނިންމާފައި ވަނީ ޗާގޯސް އިސްތިއުމާރު ކޮށްފައިވާ ކުރުން ނިމުމަކަށް ގެންނާށެވެ. އަދި، އެތަން ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރުމަށެވެ.

މިގޮތުން، އެ ނިންމުން ހަ މަސް ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ޗާގޯސް މޮރިޝްސްއާ ހަވާލުކުރަން، މެއި 22، 2019 އދ. އިން ފާސްކުރި ގަރާރަށް 116 ގައުމުން ތާއީދުކުރިއެވެ. އެކަމަކު، އޭރު ރާއްޖޭން އައީ އެ ގަރާރާއި ދެކޮޅު ހަދަމުންނެވެ.

މިކަމާ ގުޅިގެން ކަންބޮޑުވާ ގިނަ ފަރާތްތަކުން ބުނަމުން އަންނަނީ ޗާގޯސް، މޮރިޝަސް އާއި ހަވާލުކުރުމުން އެމީހުންގެ ކަނޑުގެ އިން ކުރަހާ އިރު ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެންދާނެ ކަމަށެވެ. އަދި، ރާއްޖޭން އެފަދައިން ތާއީދު ކުރުމަކީ މޮރިޝަސް ކޮޅަށް އިމުގެ މައްސަލަ ނިންމުމަށް އޮތް ފުރުސަތެއް ކަމަށް ފާހަގަ ކުރެއްވިއެވެ.

މިގޮތުން، މޮރިޝަސް އަށް ޗާގޯސް ލިބުމުން އެކަމުގެ ފައިދާ ކުރާނީ އިންޑިއާއަށް ކަމަށާއި ކުއްލިއަކަށް ރާއްޖޭގެ ސްޓޭންޑް ބަދަލުވެގެން އުޅެނީ އެ ސަބަބަށްޓަކައި ކަމަށް ކުރީގެ ބަންޑާރަނައިބު އަދި ކުރިން ރާއްޖޭގެ އިން ކުރެހުމުގައި އިސްކޮށް އުޅުއްވި ޑރ. މުނައްވަރު ވެސް ވަނީ ތުހުމަތުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަނީރު

    ފޯޅަވަހި ވާހަކަ ނުދައްކާ މިކު ވާހަކަ ދައްކާށޭ.

  2. ދިވެހި މުސްކުޅިން

    ވަރަށް ކުރިން އެއްޒަމާނެއްގައި ފޯޅަވަހީގާ އުޅުނު ހުވަދޫ މީހުންގެ ފަރާތުން އައިސްފައިވާ އަންބާ އެއްގެ ބައެއް. ފޯޅަވަހީގައި ތިބީމޭ ، ،ރުއްކޮޅު ތިބެ ނިދީމޭ، އިލާ ފަހައި އަނީމޭ