ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތު ކުރެވިފައިވާ ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ފިޔަވަޅު އަޅަން ޖެހޭނަމަ، އެކަން ކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ގަވާއިދާ ޚިލާފަށް އުޅަނދުތައް ރަޖިސްޓްރީކޮށްދީގެން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ ބައިވެރިވުން އޮތް ކަމަށް ވިދާޅުވެ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ޝިމާޒް ވަކިކޮށްދޭން އެދި ރައީސް އަށް ސިޓީއެއް ލިބިފައިވާ ކަމަށެވެ. ސިޓީ ލިބުމާއި އެކީ ބަލަން ޖެހޭކަންކަން ބަލަމުން އަންނަ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

"އެކަމާއި ގުޅިގެން ބަލަން ޖެހޭކަންކަން ބަލާފަ ފިޔަވަޅު އަޅަން ޖެހެންޏާ ފިޔަވަޅު އަޅާނެ" މިއުވާން ވިދާޅުވިއެވެ.

ޝިމާޒް ހިމެނޭހެން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކަކާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީގައި ހިމެނޭ މެމްބަރުންތަކެއް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރާއްޖޭގައި ދުއްވާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރުމަށް ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލައެއް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ދާދިފަހުން ވަނީ ބަލާފައެވެ.

އަދި، އެ މައްސަލައިގާ ޝިމާޒްގެ އިތުރުން ފަސް މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ވެސް އޭސީސީން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައެވެ.

މީގެ އިތުރުން އޭސީސީން ބުނި ގޮތުގައި ފިނޭންސް މިނިސްޓްރީން ވަނީ އެ މައްސަލަ ބަލައި، އެ ޕްރޮޖެކްޓް ކުރިއަށް ގެންދަންވާނީ ނޭޝަނަލް ޓެންޑާ ބޯޑުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގާފައެވެ. އަދި، މިދިޔަ އޭޕްރިލް މަހުގެ 15ގައި ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑާއެކު ގާއިމްކޮށްފައިވާ އެއްބަސްވުން ބާތިލްކޮށްފައެވެ.