ކުޑަ ގައުމަކުން މިނިވަންކަން ނެގެހެއްޓުމުގައި ދިވެހިން ވަނީ ނަމޫނާ ދައްކާ ފައިވާ ކަމަށް ކުރީގެ ނައިބުރައީސް އަދި ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ނަސްރުންގެ ދުވަހުގެ މުނާސަބަތުގައި ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަސްރުގެ ދުވަސްވެސް ސާބިތުކޮށްދެނީ މިނިވަންކަމުގެ ދިފާއުގައި ދިވެހިން ޝަހީދުވާން ތައްޔާރުކަން ކަމަށެވެ.

"ކުޑަ ގައުމަކުން މިނިވަންކަން ނެގެހެއްޓުމުގައި ދިވެހިން ވަނީ ނަމޫނާ ދައްކާފައި. ހީލަތްތެރި ރޭވުންތަކަށް ފާރަވެރިވެ، ހޭލާ ތިބެގެން މި ފަސްގަނޑު ހިމާޔަތްކުރަން އަޒުމް އާލާކުރަންޖެހޭ." ޖަމީލް ވިދާޅުވި އެވެ.

މިއަދު ނަޞްރުގެ ދުވަސް ފާހަގަކުރަމުން ދާއިރު މީގެ 34 އަހަރު ކުރިން ދިވެހި ގައުމާއި ކުރިމަތިވި ހަމަލާއަކީ ދިވެހިރާއްޖޭގެ ވަޠަނީ ޙަޔާތުގައި ދިވެހިން ދުށް އެންމެ ބިރުވެރި އެއް ހަމަލާއެވެ.

1988 ނޮވެމްބަރ 3 ވަނަ ދުވަހަކީ ދިވެހި ޙާއިނުންގެ ބަޔަކު އެންމެ މިޒަމާނުގެ ހަތިޔާރާއި އެކު އެމީހުންގެ އުފަން ބިމަށް އައިސް ވެރިކަމުގެ ދަހިވެތި ކަމުގައި ކުށެއް ނެއް އެތައް ދިވެހިންގެ ލޭ މިބިމަށް އޮހޮރާލި ދުވަހެވެ. އެ ޢުދުވާނީ ޙަމަލާގައި ދިވެހި ސިފައިންގެ 8 ބޭކަލަކާއި، އާއްމުންގެ ތެރެއިން 11 މީހަކު ޝަހީދުވިއެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ނަސްރުގެ ދުވަސް ފާހަގަ ކުރަން ކުރިއަށް ގެންދިޔައީ ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމާއި ނަޟްރުގެ ދުވަސް ފާހަގަ ކުރަން ސިފައިން ފަތިސް ނަމާދު ކުރުމެވެ.