މި އަހަރުގެ ދެވަނަ ހަނދު ކޭތަ މިހާރު ހިފަން ފަށައިފި ކަމަށާއި ރާއްޖެއަށް ފެންނާނީ ފަޑު ހިޔަނީގައި ހަނދު ކޭތަ ހުއްޓާ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ މިހާރު ހަނދު ކޭތަ ހިފަން ފަށާފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެއަށް އަދި ނުފެންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، ހަނދު ރާއްޖެއަށް އަދި ނާރައެވެ. ހަނދު އަރާނީ މިއަދު ހަވީރު 5:55 ހާއިރު ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

މިރޭ ހަނދު އަރާއިރުގައި ކޭތަ އިންނާނީ ފަޑު ހިޔަނީގައި ކަމަށާއި ހަމަލޮލަށް ފާހަގަ ނުވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ޓެލެސްކޯޕަކުން ބަލައިފި ނަމަ ކުޑަކޮށް ފާހަގަވެދާނެ ކަމަށް ވިދާޅުވިއެވެ.

މިއަދު ހިފަނީ ފުރިހަމަ ހަނދު ކޭތައެކެވެ. ކޭތަ ފިލާނީ އިރުއޮއްސި 6:55 ހާއިރު ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

މިއަދު ހިފާ ހަނދު ކޭތަ އަކީ ފުރިހަމަ ހަނދު ކޭތައަކަށް ވާއިރު ކުރިއަށް އޮތް ތިން އަހަރު ފުރިހަމަ ހަނދު ކޭތައެއް ނުހިފާނެ ކަމަށް މާހިރުން ވިދާޅުވެއެވެ.

މި ހަނދު ކޭތަ މިއަދު ރީތިކޮށް ފެންނާނީ އެމެރިކާއި މެދާއި އުތުރަށާއި ޕެސިފިކަށާއި އޭޝިޔާއަށާއި އޮސްޓްރޭލިއާ އަށާއި ނިއު ޒިލެންޑަށެވެ.

މިއަދު ފުރިހަމަ ހަނދު ކޭތައެއް ހިފާފައިވާއިރު، މި އަހަރު މީގެ ކުރިން ހަނދު ކޭތައެއް ހިފާފައި ވަނީ މެއި މަހުގެ 15 ވަނަ ދުވަހުއެވެ.