މާލޭގައި ރޭ ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގާ، ބިދޭސީން އުޅޭ ހާލަތު ދެނެގަންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެގޮތަށް ވިދާޅުވީ މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި 10 މީހުން ނިޔާވުމާ ގުޅިގެން އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކުރެއްވި ޓުވީޓެއްގައެވެ.

މި ހާދިސާ ހިނގާފައިވަނީ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުންނަ ގަރާޖެއްގައި ރޯވެ، އެ ގަރާޖު މަތީގައި ބިދޭސީން ދިރިއުޅެން ހަދާފައި ހުރި ގެއެއްގައި އަލިފާން ހިފައިގެންނެވެ. އެ ހާދިސާ ހިނގާފައިވަނީ ރޭ ގާތްގަނޑަކަށް 12:30 ހާއިރުއެވެ.

އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ހަށިތައް ބޮޑީ ބޭގްއަކަށް ލައިގެން ގެންދަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެންމެން ވެސް ނިޔާވެފައިވަނީ ވަރަށް ބޮޑަށް ފިހުމުގެ ސަބަބުންނެވެ. އަދި މި ހާދިސާއާ ގުޅިގެން ފިހުނު ފިރިހެނަކަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.

ނަޝީދު ވިދާޅުވީ މި ހާދިސާއާ ގުޅިގެން އަވަސް އަދި ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭ ކަމަށާއި އަދި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީ މަސައްކަތްތެރިން އުޅެމުން އަންނަ ހާލަތު ދެނެގަންނަން ޖެހޭ ކަމަށެވެ.

"ހާދިސާ ހިނގަން މެދުވިރިވި ސަބަބު ދެނެގަތުމަށް ފުރިހަމަ އަދި އަވަސް ތަހުގީގެއް ހިންގަން ޖެހޭ. އަދި، ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ހާލަތު ދެނެގަންނަން ޖެހޭ" އެމަނިކުފާނު ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއެވެ. އަދި، މިއީ 2004 ވަނަ އަހަރުގެ ސުނާމީއަށް ފަހު އެއް ހާދިސާއެއްގައި އެންމެ ގިނަބަޔަކު ނިޔާވި ފަހަރެވެ.

ގަރަޖްގައި ރޯވި ހާދިސާގައި ޒަހަމްވި މީހަކު އެމްބިއުލާންސްގައި ގެންދަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެނގިފައިވާ ގޮތުގައި ޖިންސު ވެސް ވަކި ނުވާ ވަރަށް ބައެއް މީހުންގެ ހަށިތައް ވަނީ އަނދައިފައެވެ. މި އެންމެންގެ ހަށިތައް ވެސް ހޯދާފައި ވަނީ ގޭގެ ފުރަތަމަ ފަންގިފިލާއިންނެވެ.

އެނގިފައިވާ ގޮތުގައި ބައެއް މީހުން ސިޓިން ރޫމް ތެރޭގައި ނިޔާވެފައި ތިއްބައި ފެނުނު އިރު، އަނެއް ބަޔަކު ފެނުނީ ކޮޓަރި ތެރޭގައި ނިޔާވެފައި ތިއްބައެވެ. އަދި އެންމެ ފަހުން ފެނުނު މީހާ އޮތީ ފާހަނާ ތެރޭގައި ކަން ވެސް އެނގިފައިވެއެވެ.

ސިފައިންނާއި ފުލުހުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ރޭ ފަތިހު 4:30 ވި ފަހުންނެވެ.

ނިޔާވި މީހުންގެ ހަށިގަނޑުތައް މިހާރު އޮތީ ގަލޮޅު ސަހަރާގައެވެ. މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފްވާ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް މީގެ ކުރިންވެސް މި ގަރާޖްގައި އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހައިރާން

    މެންބަރަކު މުސާރަ ނުދީ އެތައް ބިދޭސީން ގެންގުޅެގެން ރިޒޯޓް ހަދާ ރަށެއްގައި ގެންގުޅުނު މައްސަލައެއްގެ ޝަރީޢަތް ނުކުރެވިގެން އުޅޭއިރު ދެން ބަލަން އޮތީ ކޮންކަމެއްބާ! އިހަށް ފެންނަން ހުރި އެނގެން ހުރި ކަންކަން ނިންމަވާ. މަނިކުފާނު މަޖިލީހުގައި ތި އިންނަވަނީވެސް ޖުޑިޝަރީގައި ތި އިންނަވަނީވެސްް. ކާކު ލައްވާ ކޮންކަމެއް ކުރުވާ މަކަރުވެރި ވާހަކައެއްތޯ ތިދައްކަވަނީ.

    6
    1
  2. ހުދުހުދު

    ކަންކަން ދިމާވީމަ "ކުރަން ޖެހޭ ކުރަން ޖެހޭ". ދައުލަތުގެ ހުރިހާ ބާރެއް އެމްޑީޕީ އަތްދަށުކޮށްގެން ހުރެ ވާކަމެއް ހަރާމް

  3. އަނަސު

    ކޮންމެ ހިތާމަވެރި ހާދިސާއެއް ހިގާއިރަށް ތިޔަކަހަލަ ސަޅިބައިސާ ކަޑާނެ!ބިދޭސީން އުޅޭ ހާލަތު ނޭގޭ ދިވެއްސެއް އިބަހުރިތޯ؟ ނުހުންނާނެ! ކަލޭމެންގެ ކަމަކީ އަގައެރުވުން!ފުޓުބޯޅަ ދަނޑަށް ބިދޭސީން އެއްކުރި ފައްޔާޒުކޮބާ!މިހާރު ޑޮލަރު ބަނޑުއަޅަނީ!

  4. އަސްތާ

    މަނިކުފާނުގެ ކޮއްކޮއަށްވެސް ބިދޭސީންގެ ހާލަތު ދެނެގަނެވުނީސް އެކަމާ އުޅުނުނަމަ. ކޮއްކޮ ކައިރީ އަހާލައިގެން މަނިކުފާނަށްވެސް އެކަން އޮޅުންފިލުވާލެވުނީސް އެކަމާ އެއްވެސް ވަރަކަށް އަޅާލިނަމަ.

  5. މިތުރާ.

    ޖޯކެ އް، ނަޝީދު އަށްނޭގެތަ؟؟!!، ބިދޭސިންމާލޭގަ އުޅޭހާލު،،،،ހީވަނީ ބިދޭސިންމީ ޢީޔެ ރާ އްޖެ އަށް މަތިން ތިރިކުރި ފުލެމިންގޯ ދޫނި ތަކެ އްހެން، ،

  6. ކަނބިލި ކުޑައާދަނު

    ކަލޭ އަނގަ މައިތިރިކޮށްލބަލަ؟ މިރާއްޖޭގެ މަސްލަހަތު މިހާރުއޮތީ ކަލޭ މިތަނުން ފެއްސިގެން.