ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭ ކޯޅުންތައް ބޮޑުވެ، އެންމެ ފަހުން ވާހަކަދެއްކުން ހުއްޓުވަން ޖެހިއްޖެއެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ، އަދި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ އެމްޑީޕީއަށް ވެރިކަން މި ލިބުނީ ދެވަނަ ފަހަރަށެވެ. އެކަމަކު، 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި އެޕާޓީގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދި، ބައިބައިވެފައެވެ.

އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނާއި، ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި ދޭތެރެ ދޭތެރެއަކުން ހިޔާލުތަފާތުވެ، އަރައިރުންވެއެވެ.

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭނެ ކަމަށް އެމްޑީޕީގެ ގިނަ މަޖިލީސް މެންބަރުން ތާއީދުކުރެއްވި ނަމަވެސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ގެންދަނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުމަށް ތާއީދުނުކުރާކަން ހާމަކުރަމުންނެވެ. މަޖިލީސް ތަޅުމުގައި އެފަދައިން ދެކެވޭ ވާހަކަތަކަށް ސަރުކާރު ފެކްޝަންގެ މެންބަރުން ގެންދަނީ އެޕާޓީގެ ވަޓްސްއެޕް ގުރޫޕުގަޔާއި ޓްވިޓާގައި ވެސް ރައްދުދެމުންނެވެ.

އެޕާޓީގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ކިޔައިދިން ގޮތުގައި ގައުމީ މަޖިލީސް ގުރޫޕުގައި ޒުވާބު ހޫނުވުމުން، އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެގުރޫޕަށް މެސެޖު ނުކުރެވޭ ގޮތް ހަދާފައެވެ. އެއާއެކު އެ ގުރޫޕަށް މެސެޖު ފޮނުވެނީ ހަމައެކަނި އެޑްމިންގެ ގޮތުގައި ތިއްބަވާ މެންބަރުންނަށެވެ.

އެކަމަކު، ގައުމީ މަޖިލީސް ގުރޫޕަށް މެސެޖު ނުފޮނުއްވޭ ގޮތް ހެދުމަކުން މި ޒުވާބެއް ނުހުއްޓުނެވެ. ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންނާއި، ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ގެންދަނީ ޓްވިޓާގައި ވެސް އަރާރުންވަމުންނެވެ.

މިގޮތުން، މި ޒުވާބު އިއްޔެ އަނެއްކާ ހޫނުވެފައިވަނީ ސަރުކާރަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއެއް އޮއްވާ އެ ނުހޯދާ، ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރަން ތާއީދުނުކުރައްވާނެ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވުމާއި ގުޅިގެންނެވެ. އޭނާ ވިދާޅުވީ މިވަގުތު ޓެކްސް ބޮޑުކުރުމަކީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. އެހެންވެ، އެކަން ހުއްޓުވައިދެއްވުމަށް އޭނާ ވަނީ ރައީސްގެ ކިބައިން އެދިފައެވެ.

ހަސަން ލަތީފް -- ފޮޓޯ: މަޖިލިސް

"އެ ފައިސާ [ދައުލަތަށް ލިބެންޖެހޭ 15 ބިލިއަން ރުފިޔާ] ހޯދަން އެކަށިގެންވާ މަސައްކަތެއް ނުކޮށް، އަނެއްކާވެސް ރައްޔިތުން ދައްކާ ޓެކްސް ބޮޑުކުރުމަކީ ވަރަށް ބޮޑު ބޭއިންސާފެއް" ހަސަން ވިދާޅުވިއެވެ.

އޭނާ އެފަދައިން ވިދާޅުވުމުން އެއީ ހަސަދަވެރިކަން ކަމަށް ވިދާޅުވެ، އޭނާގެ ވާހަކަތަކަށް ރައްދުދެއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ. އޭނާ ވިދާޅުވީ، ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި އަލަށް ޓެކްސް ނަގަން ފެށީއިރު ވެސް ދައުލަތަށް ނުލިބޭ ފައިސާ ހުރި ކަމަށާއި އެކަމަކު، އޭރު އެބޭފުޅުން ކަންބޮޑުވެގެން ނޫޅުއްވާ ކަމަށެވެ.

"އޭރު [ނަޝީދުގެ ވެރިކަމުގައި] ޓެކްސް ނެގީމާ، ދުރުވިސްނޭ، މޮޅު، ހިކުމަތްތެރި. މިއަދު ގޯސްވަނީ ކީއްވެ؟ ހަސަދަ ދޯ؟" ނިހާދު ތުހުމަތު ކުރެއްވިއެވެ.

އެއާއެކު ހަސަން ހަނދުމަ ކޮށްދެއްވީ ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން 2018ގައި އެމްޑީޕީން ވީ ވައުދެވެ. އޭނާ ވިދާޅުވީ އެކަން ނުކޮށް ޓެކްސް ބޮޑުކޮށްގެން އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުން އެމްޑީޕީއަށް އިތުބާރު ނުކުރާނެ ކަމަށެވެ. ހަސަން ވިދާޅުވީ އޭނާގެ އެދުމަކީ އެއީ ކަމަށެވެ.

އަނެއްކާވެސް ހަސަންގެ ވާހަކައަށް ރައްދުދެއްވާ ނިހާދު ތުހުމަތު ކުރެއްވި ގޮތުގައި ހިޔާނާތުގައި ގެއްލުނު ފައިސާ ހޯދުމުގެ ކަންކަން ބާރަށް ހިނގާކަން އެނގިހުރެ ހަސަން ލަތީފް މަސައްކަތް ކުރައްވަނީ އެކަން ރައްޔިތުންނަށް އޮޅުވާލާށެވެ. އަދި، އެމްޑީޕީއަށް ވެރިކަން ގެއްލުވާލަން ތިޔަ އުޅުއްވަނީ ވަޒީރުކަމުގެ ދަހިވެތިކަމުގައި ތޯ ނިހާދު ވަނީ ސުވާލު ކުރައްވާފައެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު -- ފޮޓޯ: މަޖިލިސް
މެންބަރު މުހައްމަދު ނިހާދު- ފޮޓޯ: މަޖިލިސް

"އެ މަސައްކަތް [ފައިސާ އިޔާދަކުރުމުގެ] މުއައްސަސާތަކުގެ ތެރެއިން ހިނގާކަން އެންމެ ރަނގަޅަށް އެނގިހުރެ، އޮޅުވާލަން ތިއުޅެނީ 2023 ގެއްލުވާލަންތޯ؟ އެމްޑީޕީއަށް ވެރިކަން ގެއްލުވާލަން ތިޔަ އުޅެނީ ހަމަ ވަޒީރުކަމުގެ ދަހިވެތިކަމުގައި ތޯ؟" ނިހާދު ވިދާޅުވިއެވެ.

އެއަށް ރައްދުދެއްވާ ހަސަން ވިދާޅުވީ ވައްކަމުގެ ބޮޑެތި ތުހުމަތުތައް އެޅިފައިތިބި ބޭބޭފުޅުން ރައީސް ސޯލިހް ހޮވަން "ޖާނާ މާލުން" މަސައްކަތް ކުރަން ތިއްބެވި ކަމަށް ވިދާޅުވާއިރު އެމީސް މީހުންގެ މައްސަލަތައް ނުބާލާތީ ރައްޔިތުން މާޔޫސްވެފައިވާ ކަމަށެވެ. އަދި، އެމްއެމްޕީއާރްސީ ހިޔާނާތުގައި ގެއްލުނު ފައިސާ ހޯދިދާނެ ކަމާއިމެދު ރައްޔިތުން އުންމީދުގެއްލިފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

ރޮޒައިނާ، ތަކުރާރުކޮށް ވިދާޅުވީ ނަޝީދު ކުރެއްވީ 'ކޮރަޕްޓް' ވެރިކަމެއް ކަމަށް

ހިޔާލުތަފާތުވުންތައް ބޮޑުވެ، ކުރެއްވި ޓުވީޓެއްގައި ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމަކީ ކޮރަޕްޝަނުން ފުރިގެންވާ ވެރިކަމެއް ކަމަށާއި ރާއްޖޭގެ ހުރިހާ ފަޅުތަކާއި ރަށްތައް ގާތް މީހުންނަށް ބަހާލާފައިވާ ކަމަށެވެ. އެއާއެކު އަނެއްކާވެސް އަރާރުންވީއެވެ.

މެންބަރު ރޮޒައިނާ އާދަމް- ފޮޓޯ: މަޖިލީސް

"މުހައްމަދު ނަޝީދު ކުރީ ކޮރަޕްޓް ވެރިކަމެއް. މިފަހުން ރައީސަކު ކުރެއްވި އެންމެ މޮޅު ވެރިކަން ރައީސް ސޯލިހް ކުރައްވާތީ ތިއުޅުއްވަނީ ހަސަދަވެރި ވެގެން" ރޮޒައިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަންގެ ހެކި އެބަހުރި ކަމަށާއި އެއިރު އާންމުންނަށް އެއްވެސް ފުރުސަތެއް ނޯންނަ ކަމަށެވެ. އެހިސާބުން އަނެއްކާވެސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވަނީ ރައްދުދީފައެވެ.

މިގޮތުން، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ވައްޑޭ ވަނީ ރޮޒައިނާ، ނަޝީދަށް ތައުރީފު ކުރައްވާ ވީޑިއޯއެއް ހިއްސާ ކުރައްވާ "ދެން މި ކިޔަނީ ކީކޭ"ތޯ އައްސަވާފައެވެ. އެ ވީޑިއޯއަށް ރައްދުދެއްވާ މެންބަރު އިމްތިޔާޒް ފަހުމީ ވެސް ވަނީ ރޮޒައިނާގެ "އަނގައިގާ 100 ދޫ" އޮންނަ ކަމަށް ވިދާޅުވެ، އޭނާއަށް ރައްދުދެއްވާފައެވެ.

އެކިއެކި ބޭފުޅުން މިފަދައިން ގެންދަނީ ޓްވިޓާގައި ވެސް އަރާރުންވަމުންނެވެ. ފެންނަ ފެނުމަށް މިހާރު އެޕާޓީ ތެރޭގައި އުފެދިފައި އޮތް ހިޔާލުތަފާތުވުމަކީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބާގައި ގުޅިގެން އުފެދިފައިވާ ހިޔާލުތަފާތުވުންތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލުޠުފީ

    އަސްލު ޙަޤީޤީ ވަގުން ތިބީމަ ވާނެގޮތް އެއީ. ހުސް ވަގުން ވިއްޔަ ތިޔަ ޕާޓީގަ އިސް ސަފުގަ ތިބީ. އެހެންވީމަ ކޮންމެ މީހަކަށްވެސް އަނެކަކުގެ ފަތިފުއް އެނގޭނެއެއްނު.

    10
  2. ހުސޭނުބޭ

    ހުސް ވަގުން ތިބި ތަނެއްގައި އެކަކު އަނެކަކާ ދިމާލަށް އަޅުވެރިކަމަށް ގޮވާނެގޮތެއް ނެތް. ހަމަ ހަޤީޤަތާ އެއްގޮތަށް އެ ގޮވާ އެއްޗެއް އެ ގޮވަނީ

  3. ކާފަގެ ދޮން ކާފަ

    2023 ގެ ކެމްޕެއިނަސް ރައްޔިތުންގެ ކުރިމައްޗަށް އަރާ މިފަހަރު މިގޮލާތައް ކިޔާނޭ އެއްޗެއް އެބަ އޮތްހެއްޔެވެ؟ ކުރީފަހަރުގެ ކެމްޕެއިންގައި
    - ޢިމްރާނު ޔާމީނަށް: ޑޮކްޓަރ އަފްރާޝީމު މަރާލާ ، ރިޟުވަން ގެއްލުވައިލީ ޔާމީން. މިހުރީ ހެކި. މިކަން ވީ ދޮގަކަށް
    - އިލްޔާސް ޙުސައިން ރައްޔިތުންނަށް: މިފަހަރު މިނަގާ ވެރިޔާއަކީ ރަސޫލަ ދުޢާދެއްވިފަދަ ވެރިއެއް! ތަޤުވާވެރި މޮޅު ވެރިއެއް! މިކަން ވީ ދޮގަކަށް
    - އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންނަށް: ދަރަންޏެއް ނުނަގާނަށް ! ރައްޔިތުން ޖޫރިމަނާ ނުކުރާނަށް! 3 އަހަރުތެރޭ ރިޟާވް 1 ބިލިޔަން ޑޮލަރަށް ޖައްސާނަށް! ވައްކަމާ ކޮރަޕްޝަނަށް ދޭނީ ޒީރޯ ޓޮލަރެންސް! މަސްކިލޯއަކަށް 30 ރުފިޔާ ދީ ހުރިހާ ރަށަކަުން އައިސް ލިބޭގޮތް ހަދާނަށް! މިހުރީ ހުސް ދޮގު

  4. ނަމަ

    އެމްޑީޕީ އޭ ކިޔާފަ މިއުޅޭ މީހުން އައުގުރާނަ ގޮވާ ގޮވާ ގައުމުގެ ޅަދަނިން ނަން އައުގުރާނަ ދަސްވުން ނޫން ކަމެއްވޭބާ؟

  5. އަހްމަދު

    2023ގައއި މަށަަށް ވެރިކަން ލިބިއްޖެއްޔާ ކޮމިޝަނެއް ހަދާނަށް. އެކޮމިޝަނުންބަލާނީ
    2008ނޮމެވްބަރ11 އިން 2012ފެބްރުއަރީ8ށް އަދި 2018 ނޮވެމްބަ17 އިން 2023ނޮވެމްބަ17ށް ސަރުކާރުތަކުންހިންގާފައިވާ މައްސަލަތައް. މީގެތެރޭގައި ރައްޔިތުންނަށް ލިބިފައިވާ އަނިޔާތައްވެސްބަލާ އިންސާފުހޮދާދެވޭނެ.

  6. ސޯލޭ

    ސޯލިހު ކަޅުދަބަހުގެ ފއަިސާ އުފުލި ވާހަކަވެސް އަދި ގޮވާނެ ރައްޔިތުން ކެއްކޮއްލައިގެން ތިބޭ މަޖާކަމެއް މީ ހުސްވަގުން ތިތާގަ ތިތިބީ ނެތް ސަހަލަ އެކަތިވެސް

  7. Anonymous

    ދެންވެސް ރައްޔިތުން ހޭއަރަންވެއްޖެއެއްނު..މިއުޅެނީ ހުސްވަގުން. ޢެމީހުންގެ ފޮށި ބާރަށް ބަންނަނީ..އެއްވަގު އަނެއްވަގަށް މިގޮވަނީ ވަގަށް...މިތާކު ރައްޔިތަކަށް ހެޔޮއެދޭ މީހަކު ނެތެއްނު.