ޓޫރިޒަމް ދާއިރާގައި ވިޔަފާރި ހަރަކާތްތައް ހިންގާ ފަރާތްތަކުން ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމުގައި ހުރި މައްސަލަތައް ދެނެގަތުމަށާއި އެކަންކަން ހައްލުކުރުމަށް އެހީތެރިވެދިނުމަށް މީރާއިން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ދަށުން މާފުށީގައި ހިންގާ ގެސްޓްހައުސްތައް އިންސްޕެކްޓްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.

މީރާއިން ބުނީ، މި ހަރަކާތުގައި މާފުށީގައި ހިންގާ ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް، މައުލޫމާތާއި އެހީތެރިކަން ފޯރުވައި ދިނުމުގެ އިތުރުން، އޮޑިޓް ކުރުމަށް ކަނޑައެޅިފައިވާ ފަރާތްތައް އޮޑިޓްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން ޓެކުހަށް މަކަރުހެދުމުގެ ތުހުމަތުގައި މީރާއިން ތަހުގީގުކުރާ ބައެއް ފަރާތްތައް ބަލައިފާސްކުރުމަށް ވެސް ހަމަޖެހިފައިވާ ކަމުގައި މީރާއިން މައުލޫމާތު ދެއެވެ.

ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މިފަދަ ޕްރޮގްރާމްތައް އިތުރު ރަށްރަށުގައި ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށާއި އަލަށް ހުޅުވާ ރިސޯޓްތަކާއި، މަލްޓިނޭޝަނަލް ކުންފުނިތަކާއެކު ޓޫރިޒަމް ދާއިރާގައި ހިންގާ މުއާމަލާތްތަކާގުޅޭ ގޮތުން ދައްކަންޖެހޭޓެކްސް ދެއްކުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުންދާ ކަމަށް މީރާއިން ބުނެއެވެ.

އަދި ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޤާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް ފުރިހަމަކުރާ މިންވަރު ބަލައި، ޓެކުހާގުޅޭ އިލްތިޒާމުތައް ގަވާއިދުން ފުރިހަމަ ކުރަމުން ނުދާ ފަރާތްތަކާމެދު މީރާއިން ފިޔަވަޅު އަޅަމުންދާނެ ކަމުގައި ވެސް މީރާއިން ވަނީ ބުނެފައެވެ.