ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަތަރު ޕަބްލިކް ސުކޫލު އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްކޫލް އެޅުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމެވެ.

އެޗްޑީސީއިން ބުނީ ސަރުކާރުގެ ވަށާޖެހޭ ތައުލީމްގެ ހަރުދަނާ ސިޔާސަތުގެ ދަށުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މުޅިން އައު ހަތަރު ޕަބްލިކް ސްކޫލް ބިނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެޗްޑީސީގެ ޓީމާއިއެކު ކުރެވުނު މަޝްވަރާތަކާއިއެކު އެ ހަތަރު ސްކޫލް ބިނާ ކުރުމަށް ސަރަހައްދުތައް ކަނޑައެޅިފައިވަނީ ރައްޔިތުން އާބާދުވެ ދިރިއުޅެން ބިނާ ކުރެވޭ އިމާރާތްތަކާއި ގާތުގައި ކަމަށެވެ.

ދެވަނަ ފިޔަވަހީގެ މެދުތެރެއަށް ވާނެހެން ސްކޫލްތައް ބިނާކުރެވިގެން ދިޔުމުން މުޅި ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ފަސޭހަ ކަމާއިއެކު ސްކޫލަށް ދިޔުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށާއި އެ ސްކޫލްތަކުގެ ސަބަބުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި ދިރިއުޅުމަށް ނިންމާފައިވާ ރައްޔިތުންނާއި، ދިރިއުޅުމަށް އުންމީދު ކުރާ ރައްޔިތުންނަށް އެ ފަރާތްތަކުގެ ދަރިންނަށް ފެންވަރު ރަނގަޅު ތައުލީމެއް ސަރުކާރުގެ ބެލުމުގެ ދަށުން ދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެ ކަމަށް ވެސް އެޗްޑީސީއިން ބުނެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ސުކޫލުތަކުގެ ތެރެއިން ޕްލޮޓް N5-21 ގައި ގާއިމްކުރެވޭ ސުކޫލަކީ 50،098.85 އަކަފޫޓުގެ ޖާގައިގައި ގާއިމްކުރެވޭ ސުކޫލެއް ކަމަށް އެޗްޑީސީއިން ބުނެ އެވެ. ޕްލޮޓް LZ-9 ގައި 50،098.85 އަކަފޫޓުގެ ސުކޫލެއް ކަމަށާއި ޕްލޮޓް N4-20 ގައި 66،777.84 އަކަފޫޓް އަދި ޕްލޮޓް N5-33 ގައި 70،710.53 އަކަފޫޓުގެ ސުކޫލެއް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މާސްޓަރޕްލޭން އެކުލަވާލެވިފައިވަނީ އިޖްތިމާއީ އަދި އިޤްތިސާދީ ގޮތުން އާބާދުވަމުން އަންނަ މުޖުތަމައުއަކަށް ބޭނުންވާނޭ ހުރިހާ ހިދުމަތަކާއި ވަސީލަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން މިއަދު މި ސޮއިކުރެވޭ މަޝްރޫޢުތަކަކީވެސް އައު ފެށުމެއްގެ އުންމީދުގައި ހުޅުމާލެއަށް ދިރިއުޅުން ބަދަލު ކުރަމުންދާ ރައްޔިތުންނަށް ގިނަގުނަ ފަސޭހަ ޚިދުމަތްތަކެއް ލިބިގެންދާނެ މަޝްރޫއުތަކެއްކަން ފާހަގަކޮށްލަންޖެހޭ ކަމަށް އެޗްޑީސީއިން ބުނެ އެވެ.